ޙޫޘީން 51 ބިލިއަން ޑޮލަރަށް އެދުނު ކަމަށް ބުނާ ރިޕޯޓު ސައުދީން ދޮގުކޮށްފި

ޔަމަނުގެ ޙޫޘީ ޖަމާޢަތާއި ސައުދީ އަރަބިއްޔާއާއަށް ދޭ ހަމަލަތައް ހުއްޓާލުމުގެ ބަދަލެއްގެ ގޮތުން، 51 ބިލިއަން އެމެރިކާ ޑޮލަރަށް އެދިފައިވާ ކަމަށް އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލް އިން އާންމުކުރި ރިޕޯޓު ސައުދީ އަރަބިއްޔާގެ ސަރުކާރުން އެއްކޮށް ދޮގުކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަރު ފޯ ޕަބްލިކް ޑިޕްލޮމަސީ އެމްބެސަޑަރު ރާޔިދު ކްރިމްލީ މީސް މީޑިއާގައި ކުރެއްވިޕޯސްޓެއްގައި ވިދާޅުވީ، ޙޫޘީން އެފަދަ ޝަރުޠުތަކެއް ހުށަހަޅާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތަކަކީ މުޅިންވެސް ހަދައިގެން ދައްކާފައިވާ ދޮގު ވާހަކަތަކެއް ކަމަށެވެ. ވޯލސްޓްރީޓްގެ ރިޕޯޓުގައި ނަން ހާމަނުކުރާ މަސްދަރުތަކާ ހަވާލާދީ ބުނެފައިވަނީ، ހަމަލާތައް ހުއްޓާލުމަށް ސައުދީން މަސައްކަތް ކުރުމުން ޙޫޘީން ބޮޑު މާލީ ބަދަލަކަށް އެދުމުގެ އިތުރުން، ޔަމަނުގެ ޝަރުޢީ ވެރިންގެ ގޮތުގައި އެ ޖަމާޢަތް ރަސްމީކޮށް ބަލައިގަތުމަށްވެސް ޝަރުޠުކޮށްފައިވާ ކަމަށެވެ.

އެމްބެސަޑަރު ކްރިމްލީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޙޫޘީން ވަނީ ޔަމަނުގެ ޤާނޫނީ ސަރުކާރާ ދެކޮޅަށް ނުކުމެ، އެ ޤައުމުގެ ރައްޔިތުން ބަނޑަށްޖައްސައި، ޔަމަނުގެ މަސްލަޙަތާ ޚިލާފު އެޖެންޑާތަކެއްގެ ތެރެއަށް އެ ޤައުމު ވައްޓާލާފައެވެ. އަދި ރެޑްސީގައި ވިޔަފާރި އުޅަންދުތަކަށާއި އާންމުންގެ ވަސީލަތްތަކަށް ހަމަލާދީ، ސުލްޙައަށް ކުރި މަސައްކަތްތަކަށް އެ ޖަމާޢަތުން ހުރަސްއަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ އަލުން ތިލަވެފައިވަނީ ހަނގުރާމައިގެ މަސްރަހު އިތުރަށް ގޯސްވެ، ރިޔާޟް އާއި ޙޫޘީންގެ ދެމެދުގައި ހަމަލާތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައެވެ. މިއަހަރުގެ ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަށްފަހު، ތެހެރާނުން ވަނީ ސަރަހައްދީ ގޮތުން ބަދަލުހިފުމުގެ ހަމަލާތަކެއް ފަށާފައެވެ. އެއަށްފަހު، ޖުލައި މަހުގެ ތެރޭގައި ސައުދީގެ ބާރުގެ ދަށުގައިވާ ޔަމަނުގެ ވައިގެ ސަރަހައްދަށް އީރާނުގެ ބޯޓެއް ޖެއްސުމަށް ޙޫޘީން ފުރުޞަތު ދިނުމާ ގުޅިގެން، 2022 އިން ފެށިގެން ޤާއިމުކޮށްފައި އޮތް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ވަނީ އުވިގެން ގޮސްފައެވެ.

އޭގެ ފަހުން ޙޫޘީން ވަނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުމަތީގެ ބްލޮކޭޑެއް އިއުލާނުކޮށް، ރެޑްސީއިން ދަތުރުކުރާ ސައުދީގެ ތެޔޮ ބޯޓުފަހަރަށާއި ސައުދީ ސަރަހައްދަށް އަމާޒުކޮށް ހަމަލާ ދޭން ފަށާފައެވެ.

ހިއްސާ ކުރައްވާ!