އެމެރިކާގެ ފަސްޓް ލޭޑީ މިލާނިއާ ޓްރަމްޕް ވައިޓް ހައުސްގައި ތަގްރީރެއް ދެއްވިއިރު އިނގިރޭސި ބަސްތައް ވިދާޅުވާން ދަތިފުޅުވެ ދޫ އޮޅޭ ގޮތް ދިމާ ވުމުން ގިނަ ބަޔަކަށް އެކަން މަޖާ ކަމަކަށް ވެއްޖެއެވެ.
މިލާނިއާ ޓްރަމްޕް ވައިޓް ހައުސްގައި ވާހަކަފުޅު ދެއްކެވީ ރަޝިޔާ އާއި ޔުކްރޭން ހަނގުރާމައިގެ ތެރޭގައި ޢާއިލާތަކާ ވަކިވެފައިވާ ކުޑަކުދިން އަނބުރާ ޢާއިލާތަކާ ހަވާލުކުރުމާއި، ހަމަލާތައް ހުއްޓާލުމަށް ކުރެވޭ ޑިޕްލޮމެޓިކް އަދި އިންސާނީ މަސައްކަތްތަކާ ގުޅޭގޮތުންނެވެ. މިއީ ޔުކްރޭންގެ އޯލެޝްކީ ސަރަހައްދުގެ ކުދިން އަނބުރާ ގެނައުމަށް ޓްރަމްޕްގެ އަންހެނުން އިސްނަންގަވައިގެން ކުރިއަށްގެންދެވި އިނިޝިއޭޓިވްއެކެވެ.
ނަމަވެސް، މީސް މީޑިއާ ގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އިނގިރޭސިބަހުން ތައްޔާރުކޮށްފައިވާ ބަޔާން ވިދާޅުވި އިރު ބައެއް ބަސްތަކާއި ޚާއްސަކޮށް ޔުކްރޭންގެ ރަށްތަކުގެ ނަންތައް ވިދާޅުވުމުގައި އޭނާއަށް ވަނީ ބޮޑު ތަކުލީފެއް ކުރިމަތިވެފައެވެ. އެހެންވެ މިލާނިއާގެ އިސްނެގުމަށްވުރެން ބޮޑަށް މީހުންގެ ސަމާލުކަމަށް އައީ އޭނާގެ ދޫ ކޮށި ކަމެވެ.
އިދިކޮޅު އަދި ބައެއް ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، އެމެރިކާގައި ދިރިއުޅުއްވާތާ އެތައް އަހަރެއް ވީއިރު، މިލާނިއާ އިނގިރޭސިބަސް ދަސްކުރައްވަން މަސައްކަތް ކުރައްވާފައެއް ނުވެއެވެ.
ބައެއް އާންމުން ވަނީ ޑިމޮކްރެޓިކް ކޮންގްރެސް މެންބަރު އިލްހާން ޢުމަރު ފަދަ ބޭފުޅުން އިނގިރޭސިބަހަށް ފަރިތަ މިންވަރާއި މިލާނިއާގެ ކޮށިކަމާ އަޅާކިޔައި އޭނާގެ ތައުލީމާ ފެންވަރާ މެދު ސުއާލު އުފައްދާފައެވެ.







