ޕާކިސްތާނުގައި އިންފްލުއެންޒާ ވެކްސިން ނުލިބި، އާންމުން ކަންބޮޑު ވުމެއްގައި

ޕާކިސްތާނުގެ ވެރިރަށް އިސްލާމާއާބާދުގައި ފިނިމޫސުން ފެށެމުންދާއިރު، އިންފްލުއެންޒާ އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން  މުޅިން ހުސްވެ، އާންމު ރައްޔިތުން ބޮޑު ނުތަނަވަސްކަމަކާ ކުރިމަތިލާންޖެހިއްޖެއެވެ.

އެމެރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އިރުޝާދު ދޭ ގޮތުގައި، ކޮންމެ އަހަރަކު އަލަށް ނުކުންނަ މޫސުމީ ފްލޫ ވެކްސިން ޖެހުމަކީ އިންފްލުއެންޒާއާއި އޭގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި ސިއްޙީ މައްސަލަތަކުން ރައްކާތެރިވުމަށް އޮތް އެންމެ ރަނގަޅު މަގެވެ. ނަމަވެސް، އިސްލާމާއާބާދުގެ ގިނަ އާއިލާތަކަކުން ވަނީ ވޭތުވެދިޔަ މަހެއްހާ ދުވަހު މަސައްކަތްކޮށްގެންވެސް އެއްވެސް ފާމަސީއަކުން މި ވެކްސިން ލިބޭގޮތް ނުވިކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އާންމުކޮށް ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހުގެ ތެރޭގައި، ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް ދޭންޖެހޭ މި ވެކްސިން މާކެޓުގައި ނެތުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ދަތިތައް ހިމެނެއެވެ.

އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކަނޑުގެ ދަތުރުފަތުރަށާއި މުދާ އުފުލުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ދުނިޔޭގެ މާކެޓުގައި ވެކްސިންގެ އަގުތައް އުފުލުމާއި، އެކްސްޕޯޓު ކުރުމުގައި ދިމާވި މައްސަލަތަކާ ހުރެ، ފްރާންސްގެ "ވެކްސިގްރިޕް" އަދި އެމެރިކާގެ "އިންފްލުއަވެކް" ބްރޭންޑުގެ ވެކްސިން މިއަހަރު ޕާކިސްތާނުގެ މާކެޓުން މުޅިން ނުލިބޭނެ ކަމަށް ވަނީ ކަށަވަރުވެފައެވެ.

އިސްލާމާއާބާދުގެ ފާމަސީތަކުން ބުނާ ގޮތުގައި، ކޮންމެ އަހަރަކު އެކަނިވެސް ހާހަކަށްވުރެ ގިނަ ވެކްސިން ޑޯޒް ވިކޭއިރު، މިއަހަރުގެ މިހާތަނަށް އެންމެ ޑޯޒެއްވެސް ލިބޭގޮތް ވަނީ ނުވެފައެވެ. މިއާއެކު، ބްލެކް މާކެޓުގައި އޮންލައިންކޮށް އެޑްވާންސް ފައިސާ ނަގައިގެން ވެކްސިން ވިއްކުމުގެ އޮޅުވާލުންތަކެއް ސައިބަރ މައިދާން ތެރޭގައި ހިންގަމުންދާ ކަމުގެ ޝަކުވާތައްވެސް ވަނީ ފެންމަތިވެފައެވެ.

މި މައްސަލައާ ގުޅިގެން ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާން (ޑްރާޕް) ގެ ސީއީއޯ ޑރ. އުބައިދުﷲ މާލިކް ވިދާޅުވީ، ޗައިނާގެ "ސިނޯވެކް" ބްރޭންޑުގެ ފްލޫ ވެކްސިން ނޮވެންބަރު 15 ގެ ކުރިން މާކެޓަށް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން، މިވަގުތު މާކެޓުން މަދުންނަމަވެސް ފެންނަން ހުރި "ވިރިއޮންޒާ" ވެކްސިންގެ އަގާ މެދުވެސް ވަނީ ބޮޑު ޚިލާފްތަކެއް އުފެދިފައެވެ.

ފޮށީގައި ޖަހާފައިވާ އަގަކީ 1،304 ރުޕީސް ކަމަށްވީ ނަމަވެސް، ޑްރާޕްގެ ބާކޯޑު ސިސްޓަމް މެދުވެރިކޮށް ސްކޭން ކުރުމުން ދައްކަނީ 654 ރުޕީސްއެވެ.

މި އަގުގެ ޚިލާފާ ގުޅޭގޮތުން ޕާކިސްތާނުގެ ސިއްޙީ ވަޒީރު މުޞްޠަފާ ކަމާލް ވިދާޅުވީ، ބާކޯޑާއި ފޮށީގައިވާ އަގު ތަފާތުވާ ސަބަބު  ތަޙުޤީޤު ކުރައްވާނެ ކަމަށެވެ. އަދި އާންމުކޮށް ބޭނުންކުރާ ބޮޑެތި ބްރޭންޑްތައް މަދުވި ނަމަވެސް، ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ރައްޔިތުންނަށް ބޭނުންވާ ވެކްސިން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

ހިއްސާ ކުރައްވާ!