ފެންބޮޑުވުމުގެ ކާރިސާއަށްފަހު އިންޑިއާއިން ނޭޕާލަށް އިތުރު 11 ޓަނުގެ އެހީ ފޯރުކޮށްދީފި

އޯގަސްޓް 26 ގައި ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމާއި ގަނޑުފެނާއި ބނިންގަނޑު ކަނޑައިގެން ދިއުމުގެ ކާރިސާއާ ގުޅިގެން، އެ ގައުމުގެ އާންމު ހާލަތު އިއާދަކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން އިތުރު 11 ޓަނުގެ އެހީގެ ސާމާނު ނޭޕާލްގެ ސަރުކާރާ ހަވާލުކޮށްފިއެވެ. މިއީ މިއަދު ނިއުދިއްލީން ފުރައިގެން ނޭޕާލުގެ ކަތަމަންޑޫއަށް ދިޔަ އިންޑިއާގެ ވައިގެ ސިފައިންގެ 9ވަނަ މަތިންދާބޯޓެވެ.

ނޭޕާލްގައި ހުންނަވާ އިންޑިއާގެ ސަފީރު ނަވީން ސުރީވާސްތަވާ މީސް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުލޫމާތު ދެއްވި ގޮތުގައި، އިންޑިއާގެ ވައިގެ ސިފައިންގެ ނުވަވަނަ ފްލައިޓުން ގެންދިޔަ އެހީގެ ތެރޭގައި ޓެންޓު، ބޭސް، ސްލީޕިން ބޭގް އަދި ފޮރެންސިކް ސާމާނު ހިމެނެއެވެ. މި ސާމާނުތައް މިހާރު ވަނީ ނޭޕާލް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ހަވާލުކޮށްފައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވެސް ވަނީ ނޭޕާލުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެ ގައުމުން ދެމުންދާ އެހީތެރިކަން އިތުރަށް ވަރުގަދަކުރާނެކަން ކަށަވަރުކޮށްދީފައެވެ. އެމްއީއޭއިން މީސް މީޑިއާގައި ބުނެފައިވަނީ، ބޭހާއި، ފޮރެންސިކް ސާމާނާއި، ޓެންޓާއި، ސައިކޮލޮޖިކަލް އަދި ސާފުތާހިރުކަމުގެ ކިޓުތަކުގެ އިތުރުން ސްލީޕިން ބޭގް ހިމެނޭ ގޮތަށް 11 ޓަނުގެ ސާމާނު ނޭޕާލާ ހަވާލުކުރެވިފައިވާ ކަމަށާއި، އިންޑިއާއިން އަބަދުވެސް އޮންނާނީ ނޭޕާލަށް އެހީތެރިވުމުގައި ސާބިތުކަމާއެކު ކަމަށެވެ.

މި އެހީތަކާ ގުޅިގެން ނޭޕާލްގެ ފައިނޭންސް މިނިސްޓަރު ޑރ. ސުވަރްނިމް ވާގްލޭ ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ނިއުދިއްލީގައި ބައްދަލުކުރައްވައި، ރަސޫވާ ސަރަހައްދުގައި ހިންގި ސަލާމަތްކުރުމުގެ މަސައްކަތްތަކުގައި އިންޑިއާއިން ދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. ދެ ބޭފުޅުންގެ ބައްދަލުވުމުގައި އިންޑިއާއާއި ނޭޕާލުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ޚާއްސަކޮށް އިންވެސްޓްމަންޓާއި، ހަކަތައާއި، ގުޅުވާލަދޭ ދާއިރާތަކުން އެއްބާރުލުން ދިނުމާ މެދު މަޝްވަރާކުރެވުނެވެ.

ނިމިދިޔަ ހަފުތާގައިވެސް އިންޑިއާއިން ވަނީ ކާރިސާ ސަރަހައްދުގައި ހިންގާ ސަލާމަތީ އޮޕަރޭޝަންތަކަށް ބޭނުންވާ ސާމާނާއި ފޮރެންސިކް ސާމާނު ހިމެނޭ ގޮތަށް އެހީގެ އަަށްވަނަ ފްލައިޓް ކަތަމަންޑޫއަށް ފޮނުވާފައެވެ. އެ ސާމާނުތައް ހަވާލުކޮށްފައިވަނީ ނޭޕާލްގެ މިނިސްޓަރު އޮފް ސައިންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން މަހާބީރު އާއެވެ.

ހިއްސާ ކުރައްވާ!