އަފްޣާނިސްތާނަށް ހަމަލާދީފިނަމަ ޕާކިސްތާނަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ތާލިބާނުން އިންޒާރުދީފި

ޕާކިސްތާނުގެ ސިފައިން އަފްޣާނިސްތާނުގެ ސަރަހައްދީ އިމުގެ ތެރެއަށް ވަދެ އެއްވެސް ހަމަލާއެއް ދީފިނަމަ، އެ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލު ދިފާއުކުރުމުގެ ފުރިހަމަ ހައްގު އަފްޣާނިސްތާނަށް ލިބިގެންވާ ކަމަށާއި، އެފަދަ އަމަލަކަށް "ވަރުގަދަ ރައްދެއް" ދޭނެ ކަމަށް ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު އިންޒާރުދީފިއެވެ.

އަރަބި މީޑިއާއަށް ދިން އިންޓަވިއުއެއްގައި މުޖާހިދު ވަނީ، އަފްޣާނިސްތާނުގެ ފަސްގަނޑު ބޭނުންކޮށްގެން ޕާކިސްތާނާ ދެކޮޅަށް ހަނގުރާމަވެރި ޖަމާއަތްތަކުން މީހުން ނެގުމާއި، ތަމްރީނުކުރުމުގެ އިތުރުން ހަމަލާތައް ރޭވުމުގެ ފުރުސަތު ދޭ ކަމަށް ބުނެ ޕާކިސްތާނުން ކުރާ ތުހުމަތުތައް މުޅިން ދޮގުކޮށްފައެވެ. އަދި އދގެ މާއްދާ 51 އަށް ހަވާލާދީ ޕާކިސްތާނުން އަފްޣާނިސްތާނުގެ މިނިވަންކަމަށް އަރައިގަންނަން މަސައްކަތްކޮށްފިނަމަ، ގައުމުގެ ދިފާއުގައި ސާބިތުވެ ތިބޭނެ ކަމަށް އޭނާ ބުންޏެވެ.

މުޖާހިދު މިފަދައިން ބުނެފައިވަނީ ޕާކިސްތާނުގެ ސިފައިންގެ ތަރުޖަމާނު ދިން އިންޓަވިއުއެއްގައި، އަފްޣާނިސްތާނުގެ ބިމުގައި ހަނގުރާމަވެރިން ތަމްރީނުވެ، ހަތިޔާރު ހޯދައިގެން ޕާކިސްތާނުގެ އެތެރޭގައި ހަމަލާތައް ދެމުންދާ ކަމަށް ކުރި ތުހުމަތުތަކަށް ރައްދު ދެމުންނެވެ. ތާލިބާނުންގެ ތަރުޖަމާނު ފާހަގަކުރި ގޮތުގައި، ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ފަދަ ޖަމާއަތްތަކަށް އަފްޣާނިސްތާނުގެ ފަސްގަނޑު ބޭނުންކުރުމުގެ ހުއްދައެއް ކާބުލްއިން ނުދެއެވެ.

އޭނާ އިތުރަށް ބުނީ، ޓީޓީޕީއާއި ބަލޫޗިސްތާނުގެ ހަތިޔާރުއެޅި ޖަމާއަތްތަކުގެ މައްސަލައަކީ ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމުގެ މާ ކުރިންވެސް އޮތް، ޕާކިސްތާނުގެ އެތެރޭގެ ސެކިއުރިޓީ މައްސަލައެއް ކަމަށެވެ. އެހެންކަމުން އެތެރޭގެ މައްސަލަތައް ހައްލުކުރުމަށް ޕާކިސްތާނުން އިސްކަންދޭންޖެހޭ ކަމަށް އޭނާ ބުންޏެވެ.

ދެ ގައުމުގެ މެދުގައި ހުޅަނގު ބޯޑަރުގެ ސަރަހައްދީ މަސްރަހު ނުހަނު ނާޒުކުވެ، ގުޅުންތަކަށް ބޮޑެތި ބުރޫތަކެއް އަރާފައިވީ ނަމަވެސް، މަޝްވަރާގެ މަގުން މައްސަލަތައް ހައްލުކުރުމަށް އަފްޣާނިސްތާނު އޮތީ ތައްޔާރަށް ކަމަށް މުޖާހިދު ބުންޏެވެ. އަދި އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުމާއި، ދެފަރާތުގެ އެއްބާރުލުން އިތުރުކުރުމުގެ ސްޓްރެޓެޖީއެއް ގާއިމުކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.

މީގެއިތުރުން، ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލު ޚިލާފުތައް ހައްލުކުރުމަށްޓަކައި ސައޫދީ އަރަބިއްޔާއިން މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ތާލިބާނުން ވަނީ މަރުހަބާ ކިޔާފައެވެ. ސައޫދީއަކީ އަފްޣާނިސްތާނާއި ޕާކިސްތާނާވެސް އެކުވެރި ގުޅުމެއް ބާއްވާ ގައުމަކަށްވާތީ، ދެ ގައުމުގެ މެދުގައި އޮތް ނުތަނަވަސްކަން ނައްތާލުމަށް ރިޔާޟަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް މުޖާހިދު ފާހަގަކުރިއެވެ.

ޕާކިސްތާނުން އަބަދުވެސް އެދެމުންދަނީ އަފްޣާނިސްތާނުގައި ތިބި ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށެވެ. ނަމަވެސް، އަފްޣާނިސްތާނުގެ ސިފައިންނާއި އިދާރާތަކުން ބުނަމުންދަނީ ގައުމުގެ އިސްތިގްލާލު ހިމާޔަތްކޮށް، ސަރަހައްދީ އަމާންކަން ގާއިމުކުރުމުގައި އެއްވެސް ދޫދިނުމެއް ނުދޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!