ޕާކިސްތާނުގެ ބަލޫޗިސްތާނުގައި ތިން ޒުވާނަކު މަރާލުމާއި ޤާނޫނާ ޚިލާފަށް ވަގަށް ނެގި ކަމަށް ބުނާ މައްސަލަތަކާ ގުޅިގެން، އެ ކަންކަމުގެ މިނިވަން، އިންޞާފުވެރި އަދި ދެފުށް ފެންނަ ތަޙްޤީޤެއް ހިންގުމަށް ބަލޫޗް ޔަކްޖެހްތީ ކޮމިޓީ (ބީޔޫސީ) އިން ގޮވާލައިފިއެވެ. ދަ ބަލޫޗިސްތާން ޕޯސްޓް (ޓީބީޕީ) ގެ ރިޕޯޓަކާ ހަވާލާދީ އެ ޖަމްޢިއްޔާއިން ބުނެފައިވަނީ، މި ޙާދިސާތަކަކީ އެ ސަރަޙައްދުގެ އިންސާނީ ޙައްޤުތަކުގެ މަސްރަހު އިތުރަށް ގޯސްވަމުންދާ ކަމުގެ ހެކިތަކެއް ކަމަށެވެ.
ބީޔޫސީން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ކެޗް ޑިސްޓްރިކްޓްގެ ތުމްޕް އަށް ނިސްބަތްވާ ޢުމުރުން 24 އަހަރުގެ ތާހިރު ބަލޫޗް މަރާލާފައިވަނީ ސެޕްޓެމްބަރު 12 ވަނަ ދުވަހުއެވެ. އަސްކަރީނގެ މަދަދާއެކު ހިންގާ ހަތިޔާރުއެޅި ގުރޫޕަކާއި ސިފައިން ގުޅިގެން ދިން ހަމަލާއެއްގައި ތާހިރު މަރުވި އިރު، އޭނާގެ ބައްޕަ ތާރިޤްވެސް ވަނީ އެ ހަމަލާގައި ޒަޚަމްވެފައެވެ.
މީގެއިތުރުން، ގްވާދަރުގެ ޕަންވާން އަށް ނިސްބަތްވާ ދަރިވަރެއް ކަމަށްވާ ޢުމުރުން 20 އަހަރުގެ ނާދިލް ބަލޫޗް، އެޕްރީލް 19 ވަނަ ދުވަހުގެ ދެންދަމު 1:30 ހާއިރު ފްރަންޓިއާ ކޯޕްސް (އެފްސީ) އާއި މިލިޓަރީ އިންޓެލިޖެންސް ގުޅިގެން ގޭގެ ތެރެއިން ވަގަށް ނަގާފައިވާ ކަމަށް ބީޔޫސީން ބުނެއެވެ. ނާދިލް ޚަބަރެއްނުވެ ފަސް މަސް ދުވަސް ވެފައިވަނިކޮށް، އޭނާގެ ހަށިގަނޑު ފެނިފައިވަނީ ސެޕްޓެމްބަރު 17 ވަނަ ދުވަހު ގްވާދަރުގެ ކަލްދާން ސަރަޙައްދުންނެވެ.
އެ ދުވަހު ކަލްދާން ސަރަޙައްދުން ފެނުނު ދެވަނަ ހަށިގަނޑަކީ ޖީވާނީ އަށް ނިސްބަތްވާ، ޔުނިވަރސިޓީ އޮފް ތުރްބަތްގެ ސައިންސް ޑިޕާޓްމަންޓުން ދަސްވެނިވެފައިވާ ޢުމުރުން 29 އަހަރުގެ އިޙްސާން ބަލޫޗްގެ ހަށިގަނޑެވެ. ޖަނަވަރީ 22 ވަނަ ދުވަހުގެ ދެންދަމު 1:00 ހާއިރު މިލިޓަރީ އިންޓެލިޖެންސް އާއި ކައުންޓަރ-ޓެރަރިޒަމް ޑިޕާޓްމަންޓް ގުޅިގެން ހައްޔަރު ކުރި އިޙްސާންގެ ހަށިގަނޑު އަށް މަސް ދުވަސް ފަހުން ފެނުނުއިރު، އަނިޔާކޮށްފައިވާ ނިޝަންތައް ހުރި ކަމަށް ބީޔޫސީން ތުހުމަތުކުރެއެވެ.
މިފަދަ ޙާދިސާތަކާ ގުޅިގެން ބީޔޫސީން ފާހަގަކުރި ގޮތުގައި، ޤާނޫނާ ޚިލާފަށް މީހުން ވަގަށް ނެގުމާއި، އަނިޔާކުރުމާއި، ޝަރީޢަތަކާ ނުލައި މީހުން މެރުމަކީ ބާރުގަދަ ފަރާތްތަކުން ކުރާ ކަމެއް ކަމަށެވެ.
ޤައުމީ އަދި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުންނާއި އދން ބަލޫޗިސްތާނުގެ މަސްރަހު ހީނަރުވަމުންދާ މިންވަރު ވަޒަންކޮށް، މިފަދަ އަނިޔާވެރި ޢަމަލުތައް ހިންގި ފަރާތްތައް ހޯދައި، ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް ބީޔޫސީން ވަނީ ގޮވާލާފައެވެ.




