އދ.ގެ ސެކިއުރިޓީ ކައުންސިލުގެ ދާއިމީ ގޮނޑިއަށް އިންޑިއާއަށް ވީ4 ގްރޫޕުން ތާއީދުކޮށްފި

އިންޑިއާއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވަމުންދާ ދަނޑިވަޅެއްގައި، މެދުތެރޭ ޔޫރަޕަށް ނިސްބަތްވާ "ވިސެގްރަޑް ގްރޫޕް" (ވީ4) ގެ ހަތަރު ގައުމުން އިންޑިއާއާއެކު އޮންނަ ސިޔާސީ، އިގްތިސާދީ، ޓެކްނޮލޮޖީ އަދި ދިފާއީ ގުޅުންތައް ފުންކުރުމަށް އެއްބަސްވެއްޖެއެވެ. އދ.ގެ އާންމު މަޖިލީހުގެ ހަވާސާގެ ތެރެއިން ބޭއްވި ބައްދަލުވުމެއްގައި، އދ.ގެ ސެކިއުރިޓީ ކައުންސިލް ގެ ދާއިމީ މެންބަރުކަން އިންޑިއާއަށް ދިނުމަށްވެސް މި ގްރޫޕުން ވަނީ ފުރިހަމައަށް ތާއީދުކޮށްފައެވެ.

ޕޮލެންޑް، ހަންގޭރީ، ސްލޮވާކިއާ އަދި ޗެކް ރިޕަބްލިކް ހިމެނޭ ވީ4 ގްރޫޕާއެކު ބޭއްވި "ވީ4+އިންޑިއާ" ފޯމެޓުގެ ފުރަތަމަ ބައްދަލުވުމަށްފަހު، އިންޑިއާގެ ހާރިޖީ ވަޒީރު އެސް. ޖައިޝަންކަރު ސިފަކުރެއްވި ގޮތުގައި މިއީ ތާރީޚީ އާ މުނާސަބަތެކެވެ. މި ބައްދަލުވުމުގައި ހަތަރު ގައުމުގެ ހާރިޖީ ވަޒީރުން ބައިވެރިވެވަޑައިގެންނެވި އިރު، ދެފަރާތުގެ ދެމެދުގައި އޮތް ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

ޖައިޝަންކަރު ވިދާޅުވީ މިއީ ވަރަށް އުފެއްދުންތެރި ބައްދަލުވުމެއް ކަމަށާއި، އިންޑިއާ އާއި އީޔޫގެ ގުޅުން ބަދަލުވަމުންދާއިރު ވީ4 އާއެކު އަހަރީ ވިޔަފާރި ފޯރަމެއް ބޭއްވުމަށާއި، ފޮރިން މިނިސްޓަރުންގެ ފެންވަރުގައި އަހަރަކު އެއްފަހަރު ބައްދަލުވުންތައް ބޭއްވުމަށް އެއްބަސްވި ކަމަށެވެ. އަދި ދިފާއީ ދާއިރާއިން ވީ4 ގެ ގައުމުތަކާއެކު އިންޑިއާއިން ކުރީގައި އޮތް ވަރުގަދަ ތާރީޚީ ގުޅުން އަލުން އާކޮށް، ސައިންސް، ޓެކްނޮލޮޖީ، ސްޕޭސް، އަދި ރައްޔިތުންގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޔުކްރޭން ހަނގުރާމައާއި ގަލްފު ސަރަހައްދުގެ މަސްރަހު ހިމެނޭހެން ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމަށްފަހު ސްލޮވާކިއާގެ ފޮރިން މިނިސްޓަރު ޖުރާޖް ބްލާނާ ވިދާޅުވީ، އިންޑިއާއަކީ އިންޑޯ-ޕެސިފިކް ސަރަހައްދާއި މުޅި ދުނިޔޭގައިވެސް އުފެދެމުން އަންނަ ބާރެއް ކަމަށެވެ. އަދި ހަތަރު ގައުމުންވެސް އިންޑިއާއަށް އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ގޮނޑިއެއް ލިބެންޖެހޭނެ ކަމަށް އެއްބަސްވާ ކަމަށާއި، އެކަމަށް ފުރިހަމައަށް ތާއީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

1991 ވަނަ އަހަރު ހަންގޭރީގެ ވިސެގްރަޑް ސިޓީގައި އުފެދުނު ވީ4 ގްރޫޕަކީ މެދުތެރޭ ޔޫރަޕްގެ ދިފާއީ، އިގްތިސާދީ، ސަގާފީ އަދި ހަކަތައިގެ ދާއިރާތަކުން އެއްބާރުލުން ދިނުމަށް އެކުލަވާލެވިފައިވާ އިއްތިހާދެކެވެ. އިންޑިއާއިން ދަނީ ދުނިޔޭގެ އާބާދީއާއި އިގްތިސާދީ ބަރުދަނަށް ބަލައި، އޭޝިއާ، އެފްރިކާ އަދި ލެޓިން އެމެރިކާގެ ގައުމުތަކަށް ސެކިއުރިޓީ ކައުންސިލުން ފުރުސަތު ބޮޑުކުރުމަށް ގޮވާލައި ދާއިމީ ގޮނޑިއަކަށް ވަކާލާތު ކުރަމުންނެވެ.

1945 ވަނަ އަހަރު ދެވަނަ ބޮޑު ހަނގުރާމައަށްފަހު އދ.ގެ ސެކިއުރިޓީ ކައުންސިލް އުފެދުނު ފަހުން، މިއަދާ ހަމައަށްވެސް މެންބަރުކަމުގެ ދާއިމީ ފަސް ގޮނޑި ކަމަށްވާ ޗައިނާ، ފްރާންސް، ރަޝިޔާ، އިނގިރޭސިވިލާތް އަދި އެމެރިކާގެ ބާރާއި ވީޓޯގެ އިމްތިޔާޒަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ނަމަވެސް، ނިއުދިއްލީން ދަނީ ބައިނަލްއަގުވާމީ މަސްރަހުގައި އުފެދެމުންދާ އާ ބާރުތަކަށް ފުރުސަތު ދިނުމަށްޓަކައި އިސްލާހީ ބަދަލުތަކަކަށް ވަކާލާތުކުރަމުންނެވެ.

ހިއްސާ ކުރައްވާ!