ރެޑް ސީ ގެ ސަރަހައްދުން ފުރަތަމަ ފަހަރަށް ޚާއްސަ ވައްތަރެއްގެ މަޑިއެއް ފެނި، އެކަން ސައިންސްވެރިން ރަސްމީކޮށް ކަށަވަރުކޮށްފިއެވެ. އާންމުކޮށް "އޯޝަނިކް ސްޓިންގްރޭ" ގެ ނަމުން މަޝްހޫރުވެފައިވާ މި މަޑި ފެނިފައިވަނީ ޖޯޑަންގެ ކުރީގެ ދަތުގެ ޑޮކްޓަރެއް އަދި މަސްވެރިއެއް ކަމަށްވާ މަރުވާން ޝްރޭމް މަސް ބާނަން އުޅުމުގެ ތެރޭގައެވެ.
މި މަޑި ބާނާފައި ވަނީ ޖޯޑަންގެ އަގަބާ ކަނޑުއޮޅިންނެވެ. މީގެ ކުރިން ރެޑް ސީ ސަރަހައްދުން ދުވަހަކުވެސް މަޑި ފެނިފައެއް ނުވެއެވެ. ޖޯޑަންގެ ކަނޑުގެ ކުޅިވަރުތަކާ ބެހޭ އިއްތިހާދުގައި އިސްކޮށް އުޅޭ މަރުވާން ވަނީ މީގެ ކުރިންވެސް ރެޑް ސީ އިން ފަންހާމަސް ފަދަ އެހިސާބަށް ނާދިރު ކަނޑުގެ ދިރުންތައް ފުރަތަމަ ފަހަރަށް ފެނިފައިވާ ކަން ރެކޯޑުކޮށްފައެވެ.

މި ހޯދުމާ ގުޅިގެން ސައުދީ އަރަބިއްޔާގެ "ރެޑް ސީ ގްލޯބަލް" ގެ ތިމާވެށި ހިމާޔަތްކުރުމާ ބެހޭ މާހިރު ޑރ. އެޝްލީ މެކްއައިވާ ވަނީ މަރުވާންއާ ގުޅިގެން، މަޑިއާ ބެހޭ ސައިންޓިފިކް ދިރާސާއެއްކޮށްފައެވެ. އަދި މި ދިރާސާ ވަނީ "ފްރަންޓިއާސް އިން ފިޝް ސައިންސް" ޖާނަލްގައި ޝާއިއުކޮށްފައެވެ.
ސައިންސްވެރިން ބުނާ ގޮތުގައި، މި މަޑިއަކީ އާންމުކޮށް އެޓްލާންޓިކް ކަނޑާއި، އިންޑިއާ ކަނޑު އަދި ޕެސިފިކް ކަނޑުތަކުގެ ސަރަހައްދުގެ އިތުރުން މެޑިޓަރޭނިއަން ކަނޑުގެ ފުން ހިސާބުތަކުގައި އުޅޭ ބާވަތެކެވެ. މިއީ ވިޔަފާރީގެ ގޮތުން ބޭނުންކުރާ މަހަކަށް ނުވިނަމަވެސް، ރެޑް ސީ އިން މީގެ މަޑިއެއް ފެނުމަކީ ސައިންޓިސްޓުންގެ މެދުގައި ބޮޑު ސަމާލުކަމެއް ލިބުނު ކަމެކެވެ.
މި މަޑި ރެޑް ސީއަށް ދަތުރުކުރި ގޮތާމެދު ސައިންސްވެރިންގެ މެދުގައި ޚިޔާލު ޚިލާފުވުންތަކެއް ހުރި ނަމަވެސް، ދިރާސާއިން ބޮޑަށް ބުރަވަނީ ރާއްޖެ ސަރަހައްދުން ލައިގެން ބާބުލްމަންދަބު ކަނޑުއޮޅި ހުރަސްކޮށް ރެޑް ސީއަށް މިމަޑި ވަދެފައިވަނީ ކަމަށެވެ.
އަގަބާ ކަނޑުއޮޅީގެ ލޮނުގަނޑުގެ ފިނިހޫނުމިން 21 އާއި 27 ޑިގްރީ ސެލްސިއަސްއާ ދެމެދު އޮތުމަކީ މިފަދަ މަޑިއަކަށް ދިރިއުޅެވޭނެ މާހައުލެއް ކަމަށް ދިރާސާގައިވެއެވެ. ނަމަވެސް ރާއްޖޭގެ ސަރަހައްދަށް ވުރެން އެ ސަރަހައްދުގެ ކަނޑުގެ ލޮނުކަން ގަދަވުމަކީ ސައިންސްވެރިން އިތުރަށް ދިރާސާކުރަން ބޭނުންވާ ކަމެކެވެ. މި ދިރާސާ ކުރެއްވި ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިއީ އެ ސަރަހައްދުން ފެނުނު ހަމައެކަނި މަޑިއަށް ނުވުން އެކަށީގެންވެއެވެ. އަދި މީގެ އިތުރު މަޑިތައް ވެސް ރާއްޖއިން ގޮސް އެ ސަރަހައްދުގައި އުޅުން އެކަށީގެންވާ ކަމަށްވެސް މާހިރުން ފާހަގަކުރެއެވެ.

