އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި، އިންޑިއާގެ ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރު ވަނީ އދ. ގެ ސައިބާ ކްރައިމް މުއާހަދާގައި އިންޑިއާގެ ފަރާތުން ސޮއިކުރައްވައިފައެވެ. މި މުއާހަދާއަކީ ޑިޖިޓަލް މާހައުލު ރައްކާތެރިކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.
ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ ޢާންމު މަޖިލީހުގެ މަތީ ފަންތީގެ ހަފުތާގެ ތެރެއިން ކުރިއަށްދިޔަ މި ސޮއިކުރެއްވުމާ ގުޅޭގޮތުން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޖައިޝަންކަރު ވިދާޅުވީ، މި މުއާހަދާގެ ސަބަބުން ރައްކާތެރި މުސްތަގުބަލަކަށްޓަކައި ބައިނަލްއަޤްވާމީ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވެގެންދާނެ ކަމަށެވެ.
ޖައިޝަންކަރު ވަނީ ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވްއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމާއި ބްރިކްސްގެ ތަފާތު ދާއިރާތަކުން ކުރެވެމުންދާ މަސައްކަތްތައް މުރާޖައާ ކުރައްވާފައެވެ.
މީގެ އިތުރުން، ޖައިޝަންކަރު ވަނީ އިންޑިއާއާއި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ޓްރޮއިކާ މިނިސްޓީރީއަލް ބައްދަލުވުން ކޯ-ޗެއަރ ކުރައްވާފައެވެ. މި ބައްދަލުވުމުގައި 2024-2028 އަހަރަށް ކަނޑައަޅާފައިވާ ޖޮއިންޓް އެކްޝަން ޕްލޭންގެ ކުރިއެރުންތައް ވަޒަންކޮށް، ދެ ފަރާތުގެ ބައިވެރިވުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރެއްވިއެވެ.
ޚާއްސަކޮށް، އިންޑިއާއާއި ޖީސީސީއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) އެކުލެވުމަށް ފަށާފައިވާ މަޝްވަރާތަކަށް މަރުޙަބާ ވިދާޅުވަމުން ޖައިޝަންކަރު ވިދާޅުވީ، ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ހަކަތައާއި، ކާބޯތަކެތީގެ ސަލާމަތާއި، އާ ޓެކްނޮލޮޖީގެ އިތުރުން މީހުންގެ މެދުގައި ބަދަލުކުރެވޭ ގުޅުންތައް މި އެއްބަސްވުމުގެ ސަބަބުން އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.






