އިންޑިއާއާއި ސްރީލަންކާގެ ސިފައިން ތަމްރީނު "ސްލައިނެކްސް-26″ ނިންމާލައިފި

އިންޑިއާއާއި ސްރީލަންކާގެ ކަނޑުގެ ސިފައިން ގުޅިގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ކަނޑުގެ އަސްކަރީ ތަމްރީނުތަކުގެ 13 ވަނަ އެޑިޝަން "ސްލައިނެކްސް-26″ އިންޑިއާގެ ވިސާކަޕަޓްނަމްގެ ކަނޑުގެ ސަރަހައްދުގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ތަމްރީނުތައް ނިންމާލާފައި ވަނީ ދެ ގައުމުގެ ސިފައިންގެ މެދުގައި ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށްޓަކައި ކަނޑުމަތީގައި ހިންގި ނުރައްކާތެރި އަދި އުނދަގޫ ހަރަކާތްތަކަކަށްފަހުގައެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، މި ތަމްރީނުތަކުގެ ކަނޑުމަތީ ފޭސްގެ ތެރޭގައި ޚާއްސަ ސިފައިންގެ "ވިޒިޓް، ބޯޑް، ސާޗް އެންޑް ސީޒާ" (ވީބީއެސްއެސް) އޮޕަރޭޝަންތަކާއި، ހެލިކޮޕްޓަރުން ވާއައްސައިގެން ފޭބުމުގެ ހަރަކާތްތަކުގެ އިތުރުން ރޭގަނޑު ކަނޑުމަތީގައި އުޅަންދުފަހަރަށް ތެޔޮ އެޅުމުގެ އުކުޅުތައް ވަނީ އަމަލީ ގޮތުން ފުރިހަމަކޮށްފައެވެ.

މި އަހަރުގެ ތަމްރީނުތަކުގައި އިންޑިއާގެ ސިފައިންގެ ފަރާތުން ބައިވެރިވެފައި ވަނީ އެ ގައުމުގައި އުފައްދާފައިވާ އެންޓި-ސަބްމެރިން ކޯވެޓް "އައިއެންއެސް ކަވަރައްތީ" އާއި "އައިއެންއެސް ޖްޔޯތި" އެވެ. އަދި ސްރީލަންކާގެ ކަނޑުގެ ސިފައިންގެ ފަރާތުން ބައިވެރިވެފައި ވަނީ އެ ގައުމުގެ އޮފްޝޯ ޕެޓްރޯލް އުޅަންދު "އެސްއެލްއެންއެސް ސިންދޫރާލާ" އެވެ.

މި ތަމްރީނުތަކާ ގުޅޭގޮތުން އިންޑިއާގެ ކަނޑުގެ ސިފައިން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، މި ހަރަކާތްތަކުގެ ސަބަބުން ދެ ގައުމުގެ ސިފައިންގެ މެދުގައި އޮތް ގުޅުމާއި، އެކުގައި އޮޕަރޭޝަންތައް ހިންގުމުގެ ގާބިލުކަން އިތުރަށް ވަރުގަދަވެގެން ގޮސްފައިވާ ކަމަށެވެ. އަދި މިއީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ދެ ގައުމުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށްވެސް ބުނެފައިވެއެވެ.

މި އަހަރުގެ ތަމްރީނުތައް ބަހާލެވިފައި ވަނީ ފޯޓް ނުވަތަ ބަނދަރު ފޭސްއަކާއި ކަނޑުމަތީ ފޭސްއަކަށެވެ. ބަނދަރު ފޭސްގެ ތެރޭގައި ދެ ގައުމުގެ ސިފައިންގެ މެދުގައި ފަންނީ މަޝްވަރާތައް ކުރުމާއި، އެކަކު އަނެކަކުގެ އުޅަންދުފަހަރަށް ޒިޔާރަތްކުރުމުގެ އިތުރުން ކުޅިވަރުގެ ތަފާތު ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

ހިއްސާ ކުރައްވާ!