އާންމު މަޖިލީހުގެ ހަވާސާގައި އިރުތިޝާމާއި އިންޑިޔާގެ ޚާރިޖީ ވަޒީރުގެ މަޝްވަރާތަކެއް 

އދގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި އިންޑިޔާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރު، ވަނީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއާއެކު މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައެވެ.

ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ ދޭދޭ ގުޅުމާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ތެރެއިން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ މެދު ޚިޔާލު ބަދަލުކުރެއްވި ކަމަށް ޖަޔަޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެއެވެ.

އޭގެ އިތުރުން އެސްޓޯނިއާގެ ޚާރިޖީ ވަޒީރު މާގުސް ސާކްނާއާއެކު ބޭއްވެވި ބައްދަލުވުމުގައި، ޔުކްރޭން ގައި ހިނގަމުންދާ ހަނގުރާމައާއި، އޭގެ ސަބަބުން ދުނިޔޭގެ މަސްރަހަށް ކުރަމުންދާ އަސަރުތަކާމެދު ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

އދގެ އާންމު މަޖިލީހުގެ ސަމިޓުގެ ހަވާސާގައި ޖައިޝަންކަރު ކުރިއަށްގެންދެވި  ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ، ދުނިޔޭގެ ގައުމުތަކާއެކު އޮތް އިގްތިސާދީ އަދި ސިޔާސީ ގުޅުންތައް ބަދަހިކުރުމަށާއި، ބައިނަލްއަގުވާމީ މައިދާނުގައި ކުރިމަތިވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިސް ލީޑަރުންނާއި ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި ސަރަހައްދީ އަދި ދޭދޭ ގައުމުތަކުގެ ގުޅުންތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

ޖައިޝަންކަރު ވަނީ އެންޓިގުއާ އެންޑް ބާބުޑާގެ ބޮޑުވަޒީރު ގެސްޓަން ބްރައުންއާ ބައްދަލުކުރައްވާފައެވެ. އދގެ ޔޫއެންއޯޕީއެސްގެ ވެރިޔާ ޖޯޖް މޮރެއިރާ ދާ ސިލްވާއާ ބައްދަލުކުރައްވައި، ނުރައްކާތެރި އަދި ގޮންޖެހުން ބޮޑު ހާލަތްތަކުގައި އެ ޖަމިއްޔާއިން ފޯރުކޮށްދޭ ލޮޖިސްޓިކްސް އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ސަރަހައްދީ ސިޔާސީ މަސްރަހާއި ބައިނަލްއަގުވާމީ މައިދާނުގައި ކުރިމަތިވާ ގޮންޖެހުންތަކާ މެދު މަޝްވަރާކުރެއްވުމުގެ ގޮތުން، މިސްރުގެ ޚާރިޖީ ވަޒީރު ބަދްރު އަބްދުއްލާތީއާއި އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީއާއެކު ބައްދަލުވުންތަކެއް ވަނީ ބާއްވަވާފައެވެ. މި ބައްދަލުވުންތަކުގައި މެދުއިރުމައްޗާއި އިރުމަތީ މެޑިޓަރޭނިއަން ސަރަހައްދުގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ އެޑް މިލިބޭންޑާއެކު ބޭއްވެވި ބައްދަލުވުމުގައި، ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ކާބޯތަކެއްޗާއި ހަކަތައިގެ ބާޒާރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ވާހަކަފުޅު ދެއްކެވިއެވެ.

ތަޖިކިސްތާނުގެ ޚާރިޖީ ވަޒީރު ސިރޯޖިއްދީން މުހްރިއްދީންއާއެކު ބޭއްވެވި ބައްދަލުވުމަށްފަހު، މީސް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖައިޝަންކަރު ވިދާޅުވީ، ސަރަހައްދީ ސަލާމަތާއި ދެގައުމުގެ މެދުގައި އޮތް ގަދީމީ ގުޅުމާ މެދު އެދެވޭ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. މީގެއިތުރުން، އޮސްޓްރޭލިއާ، އުރުގުއޭ، ގާނާ، ސިންގަޕޫރު، އެސްޓޯނިއާ ގެ ޚާރިޖީ ވަޒީރުންނާ ވެސް ބައްދަލު ކުރެއްވިއެވެ.

ހިއްސާ ކުރައްވާ!