އިދިކޮޅު ޕީޓީއައިގެ ސަޕޯޓަރުން ހައްޔަރުކުރާތީ އެޗްއާރުސީޕީން ކަންބޮޑުވުން ފާޅުކޮށްފި

އިދިކޮޅު ޕާކިސްތާން ތަހްރީކޭ އިންސާފު (ޕީޓީއައި) އިން ބާއްވަން ރާވާފައިވާ ބޮޑު މުޒާހަރާގެ ކުރިން، އެ ޕާޓީގެ އާންމު މެންބަރުންނާއި ގާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ އިތުރުން ޕާޓީގެ ލީޑަރުން ހައްޔަރުކޮށް، ވަގުތީ ގޮތުން ބަންދުކުރަމުންދާދިއުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ޕާކިސްތާން (އެޗްއާރުސީޕީ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޕާކިސްތާނުގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ މައި ޖަމްޢިއްޔާއިން މީސް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އިދިކޮޅު ސިޔާސީ ހަރަކާތްތަކާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ގިނަ އަދަދެއްގެ ޕީޓީއައިގެ އަންހެން މެންބަރުންނާއެކު އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށެވެ. އަދި ހައްޔަރުކުރެވުނު ބައެއް މީހުންނަށްވީ ގޮތެއް އަދި އެމީހުން ބޭތިއްބި ތަނެއް އެމީހުންގެ އާއިލާތަކަށްވެސް އެނގިފައިނުވާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް އެޗްއާރުސީޕީން ވަނީ ހާމަކޮށްފައެވެ.

އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނުން ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި ހަރަކާތްތައް ފެށުމުގެ ކުރިން މީހުން ހައްޔަރުކުރުމާއި، އާންމުންގެ ހަރަކާތްތެރިވުމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް އަޅަމުންދާ ފިޔަވަޅުތަކާ މެދު އެ ކޮމިޝަނުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޙައްޤު ހުރިހާ ރައްޔިތުންނަށްވެސް ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމުކުރާ ކަމެއް،" އެޗްއާރުސީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން، ގާނޫނުއަސާސީގެ 144 ވަނަ މާއްދާގެ ދަށުން އެއްވެ އުޅުން މަނާކުރުމަށް ސަރުކާރުން ތަކުރާރުކޮށް އަޅަމުންދާ ފިޔަވަޅުތަކަށް ފާޑުކިޔައި، އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާކޮށްގެން ސިޔާސީ މަސްރަހު ފިނިކުރުމަށް އެޗްއާރުސީޕީން ވަނީ ގޮވާލާފައެވެ. އަދި އެކި ސަބަބުތަކާ ހުރެ ވަކި ގޮތެއް އަންގައިނުދީ ހައްޔަރުކޮށްފައިވާ ހުރިހާ ސިޔާސީ މީހުން ވަގުތުން މިނިވަންކުރުމަށްވެސް ވަނީ އެދިފައެވެ.

ޕާކިސްތާނުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވެރިރަށް އިސްލާމްއާބާދާ ކައިރީގައިވާ ރާވަލްޕިންޑީން އެކަނިވެސް ވޭތުވެދިޔަ މަދު ދުވަސްކޮޅު ތެރޭގައި ޕީޓީއައިގެ މަދުވެގެން 41 އެކްޓިވިސްޓަކު ސިފައިންނާއި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ޕީޓީއައިގެ ރާވަލްޕިންޑީ ޑިސްޓްރިކްޓް ރައީސް އާމިރު އަފްޒަލްއާ ހަވާލާދީ ބުނީ، ހައްޔަރުކުރެވުނު މީހުން މިހާރު ވަނީ ބާކަރު ސަރަހައްދުގެ ޖަލުތަކަށް ބަދަލުކޮށްފައި ކަމަށެވެ.

އަފްޒަލް ވިދާޅުވީ، ސަރުކާރުން ކިތަންމެ ބޮޑަށް ބިރުދެއްކި ނަމަވެސް، ސެޕްޓެމްބަރު 27 ގައި އިސްލާމްއާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު މުޒާހަރާއަށް މީހުން ނެރުމަށް ކުރާ މަސައްކަތަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށެވެ. އަދި މުޒާހަރާ ފެށުމުގެ ކުރިން އިސްލާމްއާބާދަށް ވާސިލުވުމަށް ޕީޓީއައިގެ ލީޑަރޝިޕުން ރާވަލްޕިންޑީ ގޮތްޕަށް އަންނަން އަންގާފައިވާ ކަމަށާއި، އެކަމަށްވާންޖެހޭ އެންމެހައި ތައްޔާރީތައް ނިމިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޕެޝާވަރުން ނުކުމެގެން އިސްލާމްއާބާދަށް އަންނަ ބޮޑު ރެލީ އިސްލާމްއާބާދަށް ފޯރުމުން، ރާވަލްޕިންޑީގެ ބައިވެރިން އެ ރެލީއާ ގުޅޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!