ޖަލުގައި ބަންދުކޮށްފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި، އޭނާގެ ޕާކިސްތާން ތަހްރީކޭ އިންސާފު (ޕީޓީއައި) އިން ގާނޫނުހަދާ މަޖިލީހުގެ އިދާރާއަށް އެއްވުމަށް ރާވަމުންދާ މުޒާހަރާ ހުއްޓުވުމަށްޓަކައި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދު ސެކިއުރިޓީ ވަރުގަދަ ބަންކަރަކަށް ބަދަލުކޮށް، ސިފައިންނާއި ސެކިއުރިޓީ ބާރުތައް ނެރެ މަގުތައް ބަންދުކުރަން ފަށައިފިއެވެ.
އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުޒާހަރާ ހުއްޓުވުމުގެ ގޮތުން، އިސްލާމްއާބާދުގެ އެކި ސަރަހައްދުތަކުގައި ވަގުތީ ހުރަސްތަކެއްގެ ގޮތުގައި 1،000 އަށްވުރެ ގިނަ ޝިޕިންގ ކޮންޓޭނަރު ވަނީ އަތުރާފައެވެ. އަދި ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި 22،000 އަށްވުރެ ގިނަ ސެކިއުރިޓީ އޮފިޝަލުން ހަރަކާތްތެރިވާނެއެވެ. ސަރުކާރުން ވަނީ މުޒާހަރާގެ ކުރިން އިމްރާން ޚާންގެ ތިން އަންހެން ކޮއްކޯއިންނާއި ޕާޓީގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުން ހައްޔަރުކޮށް، ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

މި މުޒާހަރާގެ ސަބަބުން ނިއުކްލިއަރ ބާރުލިބިފައިވާ ގައުމުގެ ސިޔާސީ މަސްރަހު އަލުން ހޫނުވެ، އިގްތިސާދީ އަދި ސެކިއުރިޓީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ސަރުކާރަށް އިތުރު ފިއްތުންތަކެއް ކުރިމަތިވާނެއެވެ. ޚާއްސަކޮށް، ޕާކިސްތާނުގެ އިގްތިސާދު ހަމައަކަށް އަޅުވައި، 7 ބިލިއަން ޑޮލަރުގެ ސޭވިއަރ ޕްރޮގްރާމްގެ މުރާޖައާއަކަށް އިންޓަރނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް) ގެ ޓީމެއް އެގައުމުގައި ހަރަކާތްތެރިވަމުންދާ ދަނޑިވަޅެއްގައި ކުރިމަތިވާ މިއީ ބޮޑު ގޮންޖެހުމެކެވެ. އައިއެމްއެފްގެ މިޝަން މިހާރު ކަރާޗީގައި މަސައްކަތް ކުރަމުންދާއިރު، ހޯމަ ދުވަހު އިސްލާމްއާބާދަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.
ސެކިއުރިޓީ ފިޔަވަޅުތަކުގެ ތެރެއިން، އިސްލާމްއާބާދަށް ވަދެވޭ މައި މަގުތަކާއި، ޕީޓީއައި އިން ވެރިކަން ކުރާ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސާ ގުޅޭ މަގުތައް ވަނީ ބަންދުކޮށްފައެވެ. އަދި އިސްލާމްއާބާދުގައި ބޭރަށް ނިކުމެ އުޅުން މަނާކޮށް ދެ މަސްދުވަހުގެ ކުއްލި ނުރައްކަލުގެ ފިޔަވަޅުތައް އަޅައި، ފަސް މީހުންނަށްވުރެ ގިނައިން އެއްވުމާއި މުޒާހަރާކުރުން ވަނީ މަނާކޮށްފައެވެ. މީގެއިތުރުން، ޕަންޖާބު ޕްރޮވިންސުން ވަނީ ރާވަލްޕިންޑީ ހިމެނޭ ގޮތަށް ހަތަރު ސަރަހައްދެއްގައި ޕެރާމިލިޓަރީ ރޭންޖަރުން ނެރުމަށާއި މޮބައިލް އަދި އިންޓަނެޓް ޚިދުމަތްތައް މެދުކަނޑާލުމަށް އެދިފައެވެ.
އިމްރާން ޚާންގެ ސިޔާސީ ހަޔާތުގައި ޝިޕިންގ ކޮންޓޭނަރުތަކަކީ ޚާއްސަ ރަމްޒެކެވެ. މީގެ ކުރިން ބޭއްވި މުޒާހަރާތަކުގައި އޭނާ ވަނީ މިފަދަ ކޮންޓޭނަރުތަކުގެ މައްޗަށް އަރައި ސަޕޯޓަރުންނާ މުޚާތަބުކުރައްވާފައެވެ. 2022 ވަނަ އަހަރު ބޭއްވި މާޗެއްގެ ތެރޭގައި ކޮންޓޭނަރެއްގެ މަތީގައި ހުންނަވަނިކޮށް ދިން ހަމަލާއެއްގައި އޭނާގެ ފަޔަށް ވަނީ ބަޑީގެ ހަމަލާތައް އަމާޒުވެފައެވެ.
ކޮރަޕްޝަންގެ މައްސަލައެއްގައި 14 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާ އިމްރާން ޚާންގެ އާއިލާއާއި ގާނޫނީ ވަކީލުން ތުހުމަތުކުރާ ގޮތުގައި، ޖަލުގައި އޭނާއަށް ދެމުންދަނީ އިންސާނިއްޔަތުކަމެއް ނެތް އަނިޔާވެރި މުއަމަލާތަކެވެ. އަދި ދުވާލަކު 23 ގަޑިއިރު އޭނާ ހޭދަކުރައްވަނީ އިރުގެ އަލިކަން ނުލިބޭ، އަދި އެހެން ގައިދީންނާ ބައްދަލުނުކުރެވޭ ކުޑަ ގޮޅިއެއްގައެވެ. ނަމަވެސް، ޕާކިސްތާނު ސަރުކާރުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.
ޕާކިސްތާނުގެ ހޯމް މިނިސްޓަރު މުހްސިން ނަގްވީ ވިދާޅުވީ، މުޒާހަރާކުރާ ފަރާތްތަކަށް ގައުމުގެ ހިންގުން ހުއްޓުވުމުގެ އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. އަނެއްކޮޅުން، ޕީޓީއައިގެ ޗެއާމަން ޖައުހަރު އަލީ ޚާން ވިދާޅުވީ، ސަރުކާރުން ދަނީ ސުލްހަވެރިކަމާއެކު މުޒާހަރާކުރުމުގެ ގާނޫނީ ހައްގަށް އަރައިގަންނަމުން ކަމަށާއި، ނަމަވެސް އެޕާޓީގެ ސަޕޯޓަރުން އިސްލާމްއާބާދަށް ވަންނާނީ އުފާވެރި މާހައުލެއްގައި ޕާކިސްތާނުގެ ގައުމީ ދިދައާއެކު ކަމަށެވެ.




