ޕާކިސްތާނުން އަފްޣާނިސްތާނަށް ވައިގެ ހަމަލާތަކެއްދީ ތިން މީހުން މަރާލައިފި

ޕާކިސްތާނުގެ ސިފައިން އަފްޣާނިސްތާނުގެ ސަރަޙައްދުތަކަށް އަމާޒުކޮށް އަނެއްކާވެސް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ދިން މި ހަމަލާތަކުގައި އަފްޣާނިސްތާނުގެ ކުނާރު މާކަން ގައި ތިން މީހުން މަރުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށް ތުލޫޢު ނިއުސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

އަފްޣާނިސްތާނުގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕާކިސްތާނުގެ ޖެޓްފައިޓަރުތަކުން ހަމަލާދީފައިވަނީ ކުނާރު ޕްރޮވިންސާއި ޕެކްޓިކާ ޕްރޮވިންސަށެވެ. ޕެކްޓިކާގެ ބަރުމާލް ދާއިރާގެ ރަޚާ އަދި ތޯރުކަންދީ ސަރަޙައްދަށް ދިން ދެ ހަމަލާގެ ތެރެއިން އެއް ހަމަލާ އަމާޒުވީ ފަޅު ގެއަކަށެވެ. އަދި ދެވަނަ ހަމަލާ އަމާޒުވީ ފިހާރައަކަށެވެ. ޕެކްޓިކާގައި މި ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ކުނާރު ޕްރޮވިންސަށް ދިން ހަމަލާގައި ތިން މީހުން މަރުވެ، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.

މި ހަމަލާތަކަކީ ޕާކިސްތާނާއި އަފްޣާނިސްތާނުގެ އިންވަކިކުރާ ސަރަޙައްދުގައި ޕާކިސްތާނުގެ ސިފައިން ހިންގަމުންދާ އަސްކަރީ ޙަރަކާތްތަކުގެ ތެރެއިން ދިން ހަމަލާތަކެކެވެ.

އދ. އިން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ އެސިސްޓެންސް މިޝަން (އުނާމާ) އިން ނެރުނު އިންސާނީ ޙައްޤުތަކާ ބެހޭ ރިޕޯޓުގައިވާ ގޮތުން، 2026 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ދިން ހަމަލާތަކުގައި އާންމުންގެ 399 މީހުންނަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މީގެ ތެރޭގައި 57 މީހުން މަރުވެ، 342 މީހުން ޒަޚަމްވުން ހިމެނެއެވެ. ގެއްލުން ލިބުނު މީހުންގެ ތެރޭގައި 40 އަންހެނުންނާއި 112 ކުޑަކުދިން ހިމެނެއެވެ. މީގެ ތެރެއިން 26 ކުޑަކުދިން ވަނީ މަރުވެފައެވެ. އުނާމާއިން ބުނެފައިވަނީ މި މުއްދަތުގައި އާންމުންނަށް ލިބުނު ހުރިހާ ގެއްލުމެއްގެ ޒިންމާ ނަގަންޖެހެނީ ޕާކިސްތާނުގެ ސިފައިން ކަމަށެވެ.

މީގެއިތުރުން، 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން މާރިޗު މަހުގެ ނިޔަލަށް ދެޤައުމުގެ ސިފައިންގެ މެދުގައި ހިނގި ހަމަލާތަކުގައި އާންމުންގެ 750 އަށްވުރެ ގިނަ މީހުން މަރުވެ އަދި ޒަޚަމްވެފައިވާ ކަމަށްވެސް އުނާމާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޕާކިސްތާނުގެ މި ހަމަލާތަކާ ގުޅިގެން ޠާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުއްލާ މުޖާހިދު ވިދާޅުވީ، އަފްޣާނިސްތާނުގެ އިސްތިޤްލާލާއި މިނިވަންކަން ދިފާޢުކުރުމުގެ ފުރިހަމަ ޙައްޤު އެޤައުމަށް ލިބިގެންވާ ކަމަށެވެ. އަދި ޕާކިސްތާނުން އަފްޣާނިސްތާނުގެ އެތެރެއަށް ހަމަލާދޭނަމަ "ވަރުގަދަ ރައްދެއް" ދޭނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.

މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މުޖާހިދު ވަނީ، ޕާކިސްތާނާ ދެކޮޅަށް ހަމަލާތައް ދިނުމަށް އަފްޣާނިސްތާނުގެ ބިން ބޭނުންކުރާ ކަމަށް ބުނެ ޕާކިސްތާނުން ކުރާ ތުހުމަތުތައް ދޮގުކުރައްވާފައެވެ. ޕާކިސްތާނުގެ ސިފައިންގެ ތަރުޖަމާނު ކުރިން ތުހުމަތުކޮށްފައިވަނީ ހަނގުރާމަވެރި ޖަމާއަތްތަކުން އަފްޣާނިސްތާނުގެ ބިން ބޭނުންކޮށްގެން މީހުން ރެކްރޫޓްކޮށް، ތަމްރީނުދީ، އަދި ހަތިޔާރުއެޅުވުމަށްފަހު ޕާކިސްތާނަށް ހަމަލާދޭން ފޮނުވަމުންދާ ކަމަށެވެ.

ނަމަވެސް މުޖާހިދު ވިދާޅުވީ ޕާކިސްތާނުން އދ. ގެ ޗާޓަރުގެ މާއްދާ 51 އަށް ހަވާލާދީ އަފްޣާނިސްތާނުގެ ސަރަޙައްދީ އެއްބައިވަންތަ ކަމަށް އަރައިގަންނަނަމަ، ޤައުމު ދިފާޢުކުރުމުގައި އަފްޣާނިސްތާނު ފަސްނުޖެހޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!