ގައުމުގެ އިޤްތިޞާދު ނާޒުކު ފައްތަރަކަށް ވެއްޓި،އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުމެ ކުރަމުންދާ މުޒާހަރާތަކާއި ޕްރޮވިންސްތަކުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ބޮޑެތި ފިއްތުންތަކާ ކުރިމަތިވެވަޑައިގެންފައިވާ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް، އދ. ގެ ޢާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ކަޝްމީރު މައްސަލައާއި އިންޑަސްކޯރުގެ މުއާހަދާއާ ގުޅޭގޮތުން ކުރިން ވިދާޅުވެފައިވާ ސިޔާސީ ވާހަކަތައް އަލުން ތަކުރާރުކުރައްވައި، އިންޑިއާއާއެކު ހިންގި ކުރިމަތިލުމުގައި ޕާކިސްތާނުން ކުރި ހޯދި ކަމަށް ވިދާޅުވެއްޖެ ކަމަށް ބުނެ އިންޑިއާއިން ފާޑު ކިޔައިފިއެވެ.
އދ. ގެ ޢާންމު މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝަހްބާޒް ޝަރީފް ވަނީ މޭ 2025 ގައި އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހިނގި ހަނގުރާމައިގައި އިސްލާމްއާބާދުން "ކާމިޔާބީ" ހޯދި ގޮތުގެ ތަފްސީލުދެއްވާފައެވެ.
ތަގުރީރުގައި ޝަރީފް ވިދާޅުވީ، ނިއުކްލިއަރ ބާރު އޮތް ދެ ޤައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ފެށެން ދިޔަ ދަނޑިވަޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިއެއްގެ ބައިކުޅުއްވައި ކުރެއްވި މަސައްކަތްޕުޅަކީ ތާރީޚީ ކަމެއް ކަމަށެވެ. "އެ ނާޒުކު ވަގުތު ރައީސް ޓްރަމްޕް ސާފު ވިސްނުންފުޅަކާއެކު ފިޔަވަޅު އަޅުއްވާފައި ނުވިނަމަ، ލިބިގެންދާނެ ގެއްލުމުގެ ބޮޑުމިން ވަޒަންކުރަންވެސް ނޭނގޭ،" ޝަރީފް ވިދާޅުވިއެވެ. އަދި ދެކުނު އޭޝިއާ އަލުން އެފަދަ ނުރައްކާތެރި ފައްތަރަކަށް ދިޔަނުދިނުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ޙަޤީޤަތުގައި 'އޮޕަރޭޝަން ސިންދޫރު' ހުއްޓާލުމަށް އެދި ފުރަތަމަ ގުޅުއްވީ ޕާކިސްތާނުގެ ސިފައިންގެ ޑިރެކްޓަރ ޖެނެރަލް އޮފް މިލިޓަރީ އޮޕަރޭޝަންސް (ޑީޖީއެމްއޯ) އިން އިންޑިއާގެ ސިފައިންގެ އޮފިޝަލަށް ކަމަށްވާއިރު، ޝަރީފް ވަނީ އެ ކްރެޑިޓް ސީދާ ޓްރަމްޕަށް އަރުވާފައި ކަމަށް އިންޑިއާއިން ބުނެފައި ވެއެވެ.
އިންޑިއާއިން 'އޮޕަރޭޝަން ސިންދޫރު' ފެށީ 22 އޭޕްރީލް ގައި ކަޝްމީރުގެ ޕަހަލްގާމްގައި ދިން ޓެރެރިސްޓް ހަމަލާއެއްގައި އާންމުންގެ 26 މީހުން މަރުވުމާ ގުޅިގެން، 7 މޭ 2025 ގައެވެ. މި އޮޕަރޭޝަނުގައި އިންޑިއާގެ ސިފައިން ވަނީ ޕާކިސްތާނާއި ޕާކިސްތާނުން ހިފާފައިވާ ކަޝްމީރުގެ ސަރަހައްދުތަކުގައި ހުރި ޓެރެރިސްޓުންގެ މަރުކަޒުތަކަށް ހަމަލާތަކެއް ދީ، އެތަންތަން ހަލާކުކޮށްލާފައެވެ. އިންޑިއާއިން ބުނާ ގޮތުގައި މިއީ ޓެރެރިޒަމަށް އެއްވެސް ޖާގައެއް ނުދިނުމުގެ ސިޔާސަތުގެ ދަށުން ހިންގި އޮޕަރޭޝަނެކެވެ.
ޓްރަމްޕްވެސް މި ހަފުތާގައި އދ. ގައި ވާހަކަދައްކަވަމުން އިންޑިއާއާއި ޕާކިސްތާނުގެ ކުރިމަތިލުން ހުއްޓުވުމުގައި އނާގެ ދައުރެއް އޮތް ކަމަށް ވިދާޅުވެފައިވީ ނަމަވެސް، ނިއުދިއްލީން ވަނީ ތަކުރާރުކޮށް އެކަން ދޮގުކޮށްފައެވެ. އިންޑިއާއިން ތަކުރާރުކޮށް ބުނަމުންދަނީ ހަމަލާތައް ހުއްޓާލީ ދެ ޤައުމުގެ ސިފައިންގެ މެދުގައި ސީދާ ކުރެވުނު މުއާމަލާތްތަކުން ކަމަށާއި، ތިންވަނަ ފަރާތެއްގެ މެދުވެރިވުމެއް ނެތް ކަމަށެވެ.
މީގެއިތުރުން، ޕާކިސްތާނުން ޓެރެރިޒަމަށް ވާގިވެރިވާ ކަމަށް ތުހުމަތުކޮށް އިންޑިއާއިން އިންޑަސް ކޯރުގެގެ މުއާހަދާއަށް އަމަލު ކުރުން ސަސްޕެންޑްކޮށްފައި އޮތް އޮތުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ޝަރީފް ވިދާޅުވީ އިންޑިއާގެ މި ނިންމުމަކީ ޤާނޫނީ އިންތަކުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. "އިންޑަސް ކޯރުގެ ފެނަކީ ޕާކިސްތާނުގެ ދިރުން. ފެން ސިޔާސީ އަދި އަސްކަރީ ހަތިޔާރަކަށް ހަދައިގެން ނުވާނެ. ޕާކިސްތާނަށް ލިބެންޖެހޭ ފެން ހުއްޓުވައިފިނަމަ، އެކަން ބަލައިގަންނާނީ ހަނގުރާމައިގެ އަމަލެއްގެ ގޮތުގައި،" އޭނާ ވިދާޅުވިއެވެ.
1960 ވަނަ އަހަރު ސޮއިކުރި އިންޑަސް މުއާހަދާ އިންޑިއާއިން ސަސްޕެންޑްކުރީ ޕަހަލްގާމް ހަމަލާއަށްފަހުއެވެ. އިންޑިއާއިން ބުނެފައިވަނީ މުއާހަދާއަށް އަލުން އަމަލުކުރާނީ ޕާކިސްތާނުން ހައްދުފަހަނައެޅުމާއި ޓެރެރިޒަމާ ދެކޮޅަށް ފެންނަން ހުރި ހަގީގީ ފިޔަވަޅުތަކެއް އަޅައިގެން ކަމަށެވެ.
އިންޑިއާއިން ބުނަނީ ޝަރީފްގެ މި ތަގްރީރަކީ، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ބަންދުކޮށްފައި ހުރުމާ ގުޅިގެން އުފެދިފައިވާ ސިޔާސީ މަސްރަހާއި އިޤްތިޞާދީ އަދި ދާޚިލީ ނުތަވަސްކަމުން އާންމުންގެ ސަމާލުކަން އަނބުރާލުމުގެ ގޮތުން، ދެއްކެވި ވާހަކަފުޅެއް ކަމަށެވެ. އަދި ޝަރީފް ކަޝްމީރު މައްސަލަ ބައިނަލްއަޤްވާމީ މައިދާނަށް ނެރުއްވަން މަސައްކަތް ކުރައްވާ ކަމަށް ބުނެ އިންޑިއާއިން އެކަމަށްވެސް ފާޑު ކިޔާފައި ވެއެވެ.
އިންޑިއާއިން ވަނީ އދ. ގެ ޢާންމު މަޖިލީހުގައި ޕާކިސްތާނުން ދެއްކި ވާހަކަތަކަށް ރައްދު ދީފައެވެ. ޖައްމޫ އާއި ކަޝްމީރަކީ އިންޑިއާގެ އުނިނުކުރެވޭނެ އަދި ވަކިނުކުރެވޭނެ ބައެއް ކަމަށާއި، އެއީ އަބަދުވެސް އިންޑިއާގެ ސިޔާދަތީ ސަރަހައްދެއްގެ ގޮތުގައި އޮންނާނެ ތަނެއް ކަމަށް ނިއުދިއްލީން ވަނީ ބުނެފައެވެ.






