އެމެރިކާގެ ބަސް އަހައިގެން ޔޫއޭއީން އިރާނުގެ އެއާލައިންތައް ވަނުން މަނާކޮށްފި 

އެމެރިކާއިން އިރާނަށް އިގްތިސާދީ ފިއްތުންތައް ބޮޑުކުރުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ތަބާވުމުގެ ގޮތުން، އިރާނުގެ އެއާލައިންތަކުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރާ އެންމެހައި ދަތުރުތައް ހުއްޓުވައިފިއެވެ.

ޔޫއޭއީގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިރާނުގެ އެއާލައިންތަކުން ޔޫއޭއީއަށް ކުރާ އަދި ޔޫއޭއީން ފުރައިގެން ކުރާ އެންމެހައި ދަތުރުތައް ހުއްޓާލުމަށް ނިންމީ، އެމެރިކާއިން އިރާނުގެ އެވިއޭޝަން ދާއިރާއަށް އަޅާފައިވާ ފިޔަވަޅުތަކަށް ތަބާވެ އެމެރިކާގެ ބަސް އެހމުގެ ގޮތުންނެވެ.

ޔޫއޭއީގެ ވިޔަފާރި މަރުކަޒު ކަމަށްވާ ދުބައިއަކީ އިރާނުގެ އެއާލައިންތަކުން ދުވާލަކު ގިނަ އަދަދެއްގެ ދަތުރުތައް ކުރަމުންއައި، އަދި އިރާނުގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި އާންމުން ދިރިއުޅެމުންދާ މުހިންމު މަންޒިލެކެވެ. ނަމަވެސް، ހަނގުރާމައިގެ ކުރީކޮޅު އިރާނުން ދިން މިސައިލާއި ޑްރޯން ހަމަލާ ތަކުގެ އަމާޒަކަށް ޔޫއޭއީ ވެފައިވާތީ، ޔޫއޭއީން ވަނީ މިދިޔަ މަހު އިރާނާއެކު ކުރަމުންއައި ވިޔަފާރިއާއި މާލީ މުއާމަލާތްތައްވެސް ހުއްޓާލާފައެވެ.

މީގެއިތުރުން، ޔޫއޭއީގެ ސެންޓްރަލް ބޭންކުން ވަނީ މަނީލޯންޑަރިންގއާއި ޓެރެރިޒަމަށް ފައިސާ ފޯރުކޮށްދިނުމުގެ ގާނޫނުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ، އިރާނުގެ ބޭންކް މިއްލީގެ ގޮފިތަކުން ކުރާ އެންމެހައި މާލީ މުއާމަލާތްތައްވެސް ބްލޮކްކޮށްފައެވެ. މި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، ތެހެރާނުން ދުބައިއަށް ފުރަން އޮތް އިރާން އެއާޓުއާގެ ދަތުރުތައް ވަނީ ކުއްލި ގޮތަކަށް ކެންސަލްކޮށްފައެވެ.

އެމެރިކާއިން އިރާނުގެ އެވިއޭޝަން ދާއިރާއަށް ފިޔަވަޅު އަޅައި، އިރާނުގެ ބޯޓުތަކަށް ތެޔޮ އަޅައިދިނުން ފަދަ ޚިދުމަތްތައް ދޭ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމާ ގުޅިގެން، އަވައްޓެރި ގިނަ ގައުމުތަކުން ވަނީ އިރާނުގެ އެއާލައިންތަކަށް ފުރުސަތު ބަންދުކޮށްފައެވެ. ތުރުކީއާއި ޗައިނާ ފަދަ މަދު ގައުމުތަކަކަށް ފިޔަވައި، އިރާނުގެ ގައުމީ އެއާލައިން "އިރާން އެއާ" އާއި "މަހާން އެއާ" ގެ ބައިނަލްއަގުވާމީ ގިނަ ދަތުރުތައް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ހިއްސާ ކުރައްވާ!