އެމެރިކާއިން ކުރިމަތިކުރަމުންދާ އަސްކަރީ ފިއްތުންތައް ކުޑަކޮށް، އިރާނުގެ ބަނދަރުތަކަށް އަޅާފައިވާ ހިސާރު ކުރުން އުވާލައިފިނަމަ، ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވާލަން ތައްޔާރަށް އޮތް ކަމަށް އިރާނުން ބުނެފިއެވެ.
ރޮއިޓާސްއަށް މަޢުލޫމާތު ދެއްވަމުން އިރާނުގެ އިސް މަސްއޫލުވެރިޔަކު ވިދާޅުވީ، އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ނިއުޔޯކަށް ގޮސްއުޅޭ އިރާނުގެ ޑިޕްލޮމެޓުންގެ ޓީމަށް އެމެރިކާއާއެކު ސުލްހައިގެ ވާހަކަތައް އަލުން ފެށުމުގެ ފުރިހަމަ ބާރު ދީފައިވާނެ ކަމަށެވެ. މިއީ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ އަރާރުންތަކަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ލިބޭ ރަން ފުރުސަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
"އެމެރިކާއިން ޖެހޭނީ މަސްރަހު ހަމައަކަށް އަޅުވަން ބޭނުންވާކަން ރަސްމީކޮށް އިއުލާނުކުރަން. އަދި ވާހަކަތައް ކުރިއަށްގެންދާނެ ގޮތުގެ ތާވަލަކަށް އެއްބަސްވާން،" އިރާނުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ އެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން އިރާނާއެކު މަޝްވަރާކުރުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށެވެ. ދެ ފަރާތުން ވަނީ 3 ގާދި އިރުގެ މަޝްވަރާތައް ބާއްވާފައެވެ. އެމެރިކާ ރައީސްވެސް އީރާންގެ ރައީސާއި ނުވަތަ އީރާން ވަފްދާ ބައްދަލުކޮށް ފޮޓޯއެއް ނަގަން ބޭނުން ވެއެވެ. ނަމަވެސް އީރާނުން އެފުރުސަތު ދީފައެއް ނުވެއެވެ.
މި މަޝްވަރާތަކުގެ އަޑުތައް ގަދަވެފައި މިވަނީ، ސަރަހައްދީ ގައުމުތަކުގެ އެހީތެރިކަމާއެކު އިރާނަށް އަލުން ހަމަލާދިނުމަށް އެމެރިކާގެ ސިފައިން ރާވަމުންދާ ކަމުގެ ޚަބަރުތަކެއް ފެތުރިފައިވަނިކޮށެވެ. މީގެ އިތުރުން، އެމެރިކާއިން ދޭން އުޅޭ ހަމަލާތައް ކުރިއަށްގެންގޮސްފިނަމަ، އެއްވެސް އިމެއް ނެތި ވަރުގަދައަށް ރައްދު ހަމަލާދޭނެ ކަމަށް އިރާނުގެ ސިފައިންގެ ކޮމާންޑުން ވަނީ އިންޒާރުދީފައެވެ.
އިރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް ހަތް މަސްވެގެން ގޮސްފައިވާއިރު، ހުރުމުޒު ކަނޑުއޮޅިއަކީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިއަށް އެންމެ މުހިންމު އެއް މަގެވެ. އެ ސަރަހައްދުގެ ދަތުރުފަތުރަށް ބުރޫއެރުމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.
އެމެރިކާއިން ވަނީ އިރާނުގެ ރައީސްގެ މީޑިއާ ޓީމަށް ވިސާ ދިނުމަށް އިންކާރުކޮށް ފައެވެ. އަދި އީރާންގެ ރައީސް އުޅުއްވާ މެންހަޓަންގެ ހޮޓަލާއި އދ.ގެ މައިމަރުކަޒާ ދެމެދު އޭނާގެ ހަރަކާތްތައް އެމެރިކާއިން ވަނީ ލިމިޓް ކޮށްފައެވެ. ނަމަވެސް އިރާނުގެ ހާރިޖީ ވަޒީރު އަައްބާސް އަރަގްޗީއަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ސެކިއުރިޓީ ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފައެވެ.
އިރާނުގެ މަސްއޫލުވެރިޔާ ކަށަވަރުކޮށްދެއްވި ގޮތުގައި، ރައީސް ޕެޒެޝްކިއަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލެއް ނުކުރައްވާނެއެވެ.






