އިރާނަށް ދިން ހަމަލާތައް ހަނގުރާމައިގެ ޖަރީމާއަކަށް ވެދާނެ: އދ.ގެ ތަހުގީގު ޓީމު

ފެބްރުއަރީ މަހު އިރާނުގެ ސްކޫލަކަށާއި ކުޅިވަރު މަރުކަޒަކަށް އަމާޒުކޮށް ކުޑަކުދިންނާއި މުދައްްރިސުން ޝަހީދުކުރުމަށް އެމެރިކާއިން ދިން ހަމަލާތަކުގެ ޒިންމާ އެމެރިކާއިން ނަގަންޖެހޭ ސަބަބުތައް އެބަހުރި ކަމަށާއި، މިއީ ހަނގުރާމައިގެ ޖަރީމާތަކަށް ވެދާނެ ކަމަށް އދ.ގެ މިނިވަން ތަހުގީގު މިޝަނަކުން ބުނެފިއެވެ.

ފެބްރުއަރީ މަހު ފެށި ހަނގުރާމައިގައި އެމެރިކާ ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަންތަކަށް ވަނީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ މި ރިޕޯޓުގައި، އަލިއަޅުވާލާފައެވެ. ޚާއްޞަކޮށް، ދެކުނުގެ ރަށެއް ކަމަށްވާ މީނާބްގައި ހުންނަ "ޝަޖަރާ އައްތައްޔިބާ" ޕްރައިމަރީ ސްކޫލަށް ދިން ހަމަލާއާ ގުޅިގެން ކަންބޮޑުވުންތައް ފާޅުކޮށްފައިވެއެވެ. އިރާނުގެ އޮފިޝަލުން ހާމަކުރާ ގޮތުގައި އެ ސްކޫލަށް ދިން ހަމަލާގައި 120 ކުޑަކުދިންނާއެކު ޖުމުލަ 150 މީހުން ވަނީ ޝަހީދު ކޮށްފައެވެ.

ތަހުގީގު ޓީމުގެ ހޯދުންތަކާއި އެމެރިކާގެ ރައްދު

  • އދ.ގެ އެކްސްޕާޓުން ވިދާޅުވީ އެ ސްކޫލް ކައިރީގައި އީރާން ސިފައިންގެ ކަނޑުގެ ބާރުގެ މަރުކަޒެއް ހުރި ނަމަވެސް، އެ ސްކޫލް އަސްކަރީ އެއްވެސް ބޭނުމަކަށް ބޭނުންކުރަމުންދިޔަ ކަމުގެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށެވެ. އަދި މިއީ އެއްވެސް ފަރުވާލެއް ބެލުމެއް ނެތި އާންމުންނަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
  • ލާމަރްދު ސިޓީގެ ކުޅިވަރު މަރުކަޒަކަށް ދިން ހަމަލާގެ ސަބަބުން ޢިމާރާތްތަކަށާއި ސްކޫލަކަށް ގެއްލުންވެ، 22 މީހުން ޝަހީދުވެ ނުވަތަ ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
  • އދ.ގެ މިޝަންގެ މި ތުހުމަތުތައް ވައިޓް ހައުސްއިން ވަނީ ދޮގުކޮށްފައެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވީ މިހާރު ކުރިއަށްދާ ހަނގުރާމައިގައި ބައިނަލްއަގުވާމީ ޤާނޫނާ ޚިލާފުވެ، ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވަނީ ހަމައެކަނި އިރާނުން ކަމަށެވެ.

އދ.ގެ މިފަދަ ތަހުގީގު މިޝަންތަކަކީ ސީދާ ޝަރުޢީ ނިންމުންތައް ނިންމާ ތަންތަން ކަމުގައި ނުވި ނަމަވެސް، އެ ފަރާތްތަކުން ހޯދާ ހޯދުންތަކަކީ ޤައުމީ އަދި ބައިނަލްއަގުވާމީ ކޯޓުތަކުން ހިންގާ ޖިނާއީ ތަހުގީގުތަކަށް ބޭނުންކުރެވޭނެ މައުލޫމާތުތަކެކެވެ. މި ރިޕޯޓާ މެދު ގައުމުތަކުން މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު ޖެނީވާގައި އޮންނަ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައެވެ.

ހިއްސާ ކުރައްވާ!