ސައުދީ އަރަބިއްޔާއަށް 24.3 ބިލިއަން ޑޮލަރުގެ އެފް-35 ވިއްކަން އެމެރިކާއިން ފާސްކޮށްފި

ސައުދީ އަރަބިއްޔާއަށް އެފް-35 ލައިޓްނިންގް 2 މަރުކާގެ މަތިންދާބޯޓާއި، އެއާ ގުޅުންހުރި އަސްކަރީ ސާމާނު ވިއްކުމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓުން ފާސްކޮށްފިއެވެ. މި ވިޔަފާރީގެ ޖުމްލަ އަގު 24.3 ބިލިއަން ޑޮލަރަށް އަރައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައިވާގޮތުން، މި ޑީލްގެ ދަށުން ސައުދީއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ކޮންވެންޝަނަލް ޓޭކްއޮފް އަދި ލޭންޑިންގް ކެޕޭސިޓީ ލިބިފައިވާ 48 މަތިންދާބޯޓުގެ އިތުރުން ޕްރަޓް އެންޑް ވިޓްނީ ކުންފުނިން އުފައްދާފައިވާ އެފް135-ޕީޑަބްލިއު-100 މަރުކާގެ 49 އިންޖީނެވެ. މީގެ ތެރޭގައި ބޯޓުތަކުގައި ހަރުކުރާ 48 އިންޖީނާއި، އިތުރު ސްޕެއާ އިންޖީނެއް ހިމެނެއެވެ.

މި ޕެކޭޖުގައި ހިމެނޭ މައިގަނޑު ބައިތައް:

  • ޒަމާނީ ޓެކްނޮލޮޖީ:
  • ސެކިއުރިޓީ ކޮމިއުނިކޭޝަންސް، ޕްރެސިޝަން ނެވިގޭޝަން، އަދި ކްރިޕްޓޯގްރަފިކް އިކުއިޕްމަންޓް.
    ޑިފެންސް ސަޕޯޓް:
  • އިލެކްޓްރޯނިކް ވޯފެއާ ޑޭޓާބޭސް ސަޕޯޓާއި، މުނިޝަންސް އަދި ލޮޖިސްޓިކްސް ސަޕޯޓް.
    ތަމްރީނާއި ސިމިއުލޭޓަރުން:

ބޯޓު ދުއްވުމަށް ބޭނުންވާ ޓެކްނިކަލް ޑޮކިއުމެންޓޭޝަނާއި، ސޮފްޓްވެއަރ އަދި ޚާއްޞަ ސިމިއުލޭޓަރުތައް.

މި މުއާމަލާތަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތާއި ޤައުމީ ސަލާމަތުގެ މަޤްޞަދުތަކަށް އެއްބާރުލުން ލިބިގެންދާނެ ކަމެއް ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެއެވެ. އަދި މިއީ ނޭޓޯގެ މެންބަރެއް ނޫނަސް އެމެރިކާގެ މުހިންމު އެކުވެރިއެއްގެ ދިފާޢީ ޤާބިލުކަން އިތުރުކޮށް، ގަލްފް ސަރަހައްދުގައި ހަމަޖެހުމާއި އިޤްތިޞާދީ ކުރިއެރުން ގެނައުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ބުނެފައިވެއެވެ.

އަދި މި ސަޕްޓްގެ ސަބަބުން ސައުދީ އަރަބިއްޔާއަށް މިހާރު ދިމާވެފައިވާ ނުރައްކާތަކާއި ކުރިއަށް އޮތްތަނުގައި ކުރިމަތިވެދާނެ ނުރައްކާތައް ހުއްޓުވުމުގެ ޤާބިލުކަން އިތުރުވެ، އެމެރިކާ ސިފައިންނާއި އެހެނިހެން އެކުވެރި ޤައުމުތަކުގެ ސިފައިން ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ބޮޑުވެގެންދާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މި މުއާމަލާތުގައި މައިގަނޑު ކޮންޓްރެކްޓަރުންގެ ގޮތުގައި މަސައްކަތްކުރާނީ ޓެކްސަސްގެ ފޯޓް ވޯތުގައި ހުންނަ ލޮކްހީޑް މާޓިން އެރޮނޮޓިކްސް ކޮމްޕެނީ އާއި، ކޮނެކްޓިކަޓްގެ އީސްޓް ހާޓްފޯޑްގައި ހުންނަ ޕްރަޓް އެންޑް ވިޓްނީ އެވެ.

މި މުއާމަލާތާ ގުޅޭގޮތުން ޚާއްޞަ އެއްބަސްވުމެއް މިވަގުތު ކަނޑައެޅިފައި ނުވި ނަމަވެސް، އެފަދަ އެއްބަސްވުންތައް ކުރިއަށް އޮތް ތަނުގައި ސައުދީ ސަރުކާރާއި ކޮންޓްރެކްޓަރުންނާ ދެމެދު ކުރެވޭ މަޝްވަރާތަކުގެ ތެރެއިން ނިންމޭނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެއެވެ. އަދި މިކަމަށްޓަކައި އެމެރިކާ ސަރުކާރުގެ ނުވަތަ ކޮންޓްރެކްޓަރުންގެ އިތުރު މަންދޫބުން ސައުދީ އަރަބިއްޔާއަށް ދާން ނުޖެހޭނެ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!