ފަލަސްޠީނުގެ މަސްއޫލުވެރިންނަށް ވިސާ ނުދޭން އެމެރިކާއިން ނިންމައިފި

މި އަހަރުގެ އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މަޙްމޫދު އައްބާސްއަށް ވިސާ ދިނުމަށް އެމެރިކާއިން ދެކޮޅު ހަދައިފިއެވެ. މި ފިޔަވަޅުތައް އެޅި ސަބަބުތަކުގެ ތެރޭގައި، ފަލަސްޠީނުގެ ސްކޫލް ޓެކުސްޓް ފޮތްތަކުގައި ޔަހޫދީންނާ ބެހޭ ގޮތުން ޤުރުއާންގައި އައިސްފައިވާ ވަޙީގެ ބަސްފުޅުތައް އުނި ކުރުމަށް ދެކޮޅު ހެދުން ހިމެނެއެވެ.

އޭގެ އިތުރުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަލަސްޠީނު މަސްއޫލުވެރިންނާ މެދު މިގޮތަށް ނިންމާފައި ވަނީ 1989 ވަނަ އަހަރުގެ ޕީއެލްއޯ ކޮމިޓްމަންޓްސް ކޮމްޕްލައިންސް އެކްޓާއި 2002 ވަނަ އަހަރުގެ މެދުއިރުމަތީގެ ސުލްހައިގެ މަރުހަލާގެ ވާޖިބުތަކާ ބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފަލަސްޔީނުން ކަންކަން ކޮށްފައިވޭތޯ ބެލުމަށް އެމެރިކާއިން ދިރާސާ ކުރުމަށްފަހު ކަމަށެވެ. އަދި ޕީއެލްއޯއާއި ފަލަސްތީނުގެ ސަރުކާރުން ސުލްހައިގެ މަރުހަލާގެ ވާޖިބުތަކާ ޚިލާފުވެފައި ކަމަށް އެ ޑިޕާޓްމަންޓުން ތުހުމަތުކޮށްފައިވެއެވެ.

އެމެރިކާއިން މި ގޮތަށް ނިންމި އިރު ޔަހޫދީންގެ ޖެނޮސައިޑެއް ފަލަސްޠީނު ސަރުކާރުން ހިންގިކަމަށް ތުހުމަތުކޮށްފައި ނުވާކަމަކީ އެމެރިކާގެ އޯގާތެރިކަން ސާބިތުކޮށްދޭ ކަމެއް ކަމަށްވެސްް ފާޑު ކިޔާ ފަރާތްތަކުން ބުނެއެވެ. 

ފަލަސްޠީނުގެ ޖެނޮސައިޑް ހިންގުމަށް ޔަހޫދީ ރެޖީމަށް ހަތިޔާރު ސަޕްލައި ކުރާ ގައުމުން ފަލަސްޠީނު މަސްއޫލު ވެރިންނާ މެދު މިގޮތަށް ނިންމާއިރު ޖެނޮސައިޑް ރެޖީމްގެ މަސްއޫލުވެރިން ގެ ވާހަކައަށް އިޝާރާތް ކޮށްފައެއް ނުވެއެވެ.

އެމެރިކާއިން ބުނެފައި ވަނީ ޕީއެލްއޯގެ އޮބްޒާވަރ މިޝަންގައި ރަޖިސްޓްރީކޮށްފައިވާ މުވައްޒަފުންނަށް ކުރިން ދީފައިވާ ވިސާ އެގޮތުގައި ދަމަހައްޓާނެ ކަމަށެވެ.

ފަލަސްތީނުގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި މިއީ ބައިނަލްއަޤުވާމީ މައިދާނުގައި ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ލިބެމުންދާ ފުރުސަތުތަކަށް ހުރަސްއެޅުމުގެ ގޮތުން ޔަހޫދީ ޒަޔަނިސްޓުންގެ އެދުމުގެ މަތިން އެމެރިކާއިން ނިންމި ނިންމުމެކެވެ.

ހިއްސާ ކުރައްވާ!