ޖައްވާއި ހަނދުގެ ކައިރީގައި ހަނގުރާމަ ކުރުމަށް އެމެރިކާ ތައްޔާރު ވަނީ

ބިމުން ފެށިގެން ޖައްވުގެ ތެރެއިން ހަނދާ ހަމައަށް ހަނގުރާމަކުރުމަށް އެމެރިކާ ސިފައިން ފުރިހަމައަށް ތައްޔާރުވާންޖެހޭނެ ކަމަށް އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ރައީސް ޖެނެރަލް ޑޭން ކެއިން ވިދާޅުވެއްޖެއެވެ. މިއީ އެމެރިކާއިން ފުރަތަމަ ފަހަރަށް ޖައްވުގައި ހަތިޔާރު ބަހައްޓާފައިވާކަން ރަސްމީކޮށް ހާމަކުރުމަށްފަހު ދީފައިވާ ބަޔާނެކެވެ.

ވެރިރަށް ވޮޝިންޓަންގައި ބޭއްވި ޚާއްސަ ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ޖެނެރަލް ކެއިން ވިދާޅުވީ، ޖައްވުގައި ހަނގުރާމަކުރުމުގެ އާ އުކުޅުތަކަށް ސިފައިން އަހުލުވެރިވާންޖެހޭ ކަމަށެވެ. އަދި ސިފައިން ތައްޔާރުވާންޖެހޭނީ ބިމުން ފެށިގެން ގޮސް ދުނިޔޭގެ ޖައްވާއި، ބިންމައްޗާއި، ދެމެދުގައިވާ ހުރިހާ ސަރަޙައްދުތަކެއްގައި ހަނގުރމަ ކުރެވޭ ގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ކޮންފަރެންސްގައި އެމެރިކާގެ ޖައްވީ ސިފައިންގެ ލަޝްކަރުގެ އިސްވެރިއެއް ކަމަށްވާ ލެފްޓިނެންޓް ޖެނެރަލް ގްރެގޯރީ ޖާނިއަން ވަނީ މިއީ އިންސާނުން ޖައްވުގެ ފުނަށް ކުރާ ދަތުރުފަތުރުތަކާ އެކު ޤައުމީ މަސްލަޙަތު ޙިމާޔަތްކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށް ވިދާޅުވެފައެވެ. އަދި ޗައިނާ ފަދަ ވާދަވެރި ޤައުމުތަކުން ޖައްވުގެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ މިންވަރު އިތުރުވަމުންދާތީ، އެމެރިކާގެ ސިފައިންގެ ހަނގުރާމައިގެ ޤާބިލުކަން އެ މިންވަރަށް މައްޗަށް ގެންދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ މިފަދަ ސްޓްރެޓީޖީތަކަކީ 1967 ވަނަ އަހަރު އެކުލަވާލާފައިވާ ޖައްވުގެ ކަންކަމާ ގުޅޭ މުހިންމު މުއާހަދާތަކާ ފުށުއަރާ ކަންކަން ކަމަށް ފާހަގަކުރެވެއެވެ. ޚާއްސަކޮށް، ޔުކްރޭން ހަނގުރާމައާއި ބައިނަލްއަޤުވާމީ މައިދާނުގައި އެމެރިކާއާއި ރަޝިޔާއާއި ޗައިނާއާ ދެމެދު އޮތް ނުތަނަވަސްކަމުގެ ތެރެއިން، ޖައްވު ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެގެންދިއުމަކީ މުޅި ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށް މުހައްލިލުން ބުނެއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، ޖައްވު ހަނގުރާމައިގެ މައިދާނަކަށް ހެދުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކާ ޗައިނާއިން ދެކޮޅު ހަދާ ކަމަށެވެ. އަދި ޖައްވުގެ ސަރަޙައްދު ހަނގުރާމައިން އެއްކިބާކޮށް، ހަމައެކަނި ސުލްޙަވެރި ބޭނުންތަކަށް ބޭނުންކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ބާރުއަޅަންޖެހޭނެ ކަމަށް ޗައިނާއިން ވަނީ ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!