ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޑރ. މުއިއްޒުގެ އަރިހުން ޕީއެންސީގެ މެންބަރުން ރަސްމީކޮށް އެދިއްޖެ

ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދައުވަތު އެރުވުމަށް އެދި، އެ ޕާޓީގެ މެންބަރުންގެ ފަރާތުން ހާއްސަ ގަރާރެއް ހުށަހަޅައިފިއެވެ. މި ގަރާރަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕާޓީގެ މެންބަރުންގެ ފަރާތުން ރައީސްގެ އަރިހުން ރަސްމީކޮށް އެދުނު ފުރަތަމަ ފަހަރެވެ.

ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މަތީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ހުށަހަޅުއްވައިދެއްވީ ޕާޓީގެ މެންބަރު ޢަބްދުﷲ އިބްރާހީމެވެ. މި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މުޢިއްޒު ގެންދަވަނީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރައްވައި، ޒަމާނީ ވަސީލަތްތަކާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލުކަން ގާއިމުކުރައްވަމުންނެވެ. އަދި ބޭރުގެ އެއްވެސް ސިފައިންގެ ފައުޖެއް ދިވެހި ފަސްގަނޑުގައި ނެތްކަން ކަށަވަރުކޮށްދެއްވާފައިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ގައުމުގެ އިގްތިސާދު ހަމަމަގަށް އަޅުއްވައި، އިގްތިސާދު ސިންދަފާތުކުރުމަށް އެމަނިކުފާނު އަޅުއްވަމުން ގެންދަވާ ހަރުދަނާ މާލީ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަށް ހަމަޖެހުމާއި ތަރައްގީ ގެނެސްދެމުންދާ ކަމަށް ގަރާރުގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި މަސްތުވާތަކެތީގެ ވަބާ ނައްތާލެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، ބައިނަލްއަގްވާމީ މަސްރަހުގައި އިސްލާމްދީނުގެ ހައްގުގައްޔާއި ފަލަސްތނުގެ ދިފާއުގައި ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅުތައް ވެސް ފާހަގަކޮށްފައިވެއެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ޕާޓީގެ މެންބަރަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާނަމަ، ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބިވަޑައިގަންނަވާނެއެވެ.

ހިއްސާ ކުރައްވާ!