މާޗް މަހު އީރާނުން ދިން ޑްރޯން ހަމަލާތަކެއްގައި ގެއްލުން ލިބުނު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ބަހްރެއިންގައި ހުންނަ އެމެޒޯންގެ ބައެއް ޑޭޓާ ސެންޓަރުތައް މަރާމާތު ނުކުރެވޭނެ ކަމަށް އެ ކުންފުނީގެ ކްލައުޑް އިންފްރާސްޓްރަކްޗާ އިން ބުނެފިއެވެ. އެމެޒޯން ވެބް ސާވިސަސް އިން ހާމަކޮށްފައިވާ ގޮތުގައި، ބަހްރެއިންގެ ބައެއް ސައިޓްތަކާއި ޔޫއޭއީގެ ސައިޓެއް އަލުން ސްޓާޓް ނުކުރެވޭނެއެވެ. ބަހްރެއިންގައި އެކަނިވެސް އެމެޒޯންގެ 3 ޑޭޓާ ސެންޓަރު ހުރެއެވެ.
"ފުރިހަމަ އެސެސްމަންޓަކަށް ފަހު އަޅުގަނޑުމެން ނިންމާފައި މިވަނީ މި ސަރަހައްދުގައި ހޯސްޓްކޮށްފައިވާ ވަސީލަތްތަކާއި ޑޭޓާއަށް އެކްސެސް އަލުން ހޯދައިދެވޭ ގޮތެއް ނެތް ކަމަށް،" ސްޓޭޓަސް އަޕްޑޭޓެއްގައި އެމެޒޯން ކުންފުނިން ބުނެފައިވެއެވެ.
އެމެޒޯން އިން މާޗް މަހުގެ ކުރީކޮޅު ބުނެފައި ވަނީ ޑްރޯން ހަމަލާތަކުގެ ސަބަބުން ޔޫއޭއީގައި ހުންނަ އެ ކުންފުނީގެ ދެ ޑޭޓާ ސެންޓަރަށާއި ބަހްރެއިންގެ ފެސިލިޓީއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހިނގި މި ހާދިސާތަކަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ނަތީޖާއެއް ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު ކްލައުޑް ކޮމްޕިއުޓިން ގެ ޚިދުމަތްދޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެޒޯން ވެބް ސާވިސަސް އަކީ މައިކްރޮސޮފްޓް އެޒޫރާއި ގޫގުލް ކްލައުޑާ ވާދަކުރަމުންދާ، ދުނިޔޭގެ މަޝްހޫރު އެޕްތަކާއި ވެބްސައިޓްތަކުގެ އިތުރުން ޖެނެރޭޓިވް އޭއައި އަށް ހޯސްޓިން ޚިދުމަތާއި މައިގަނޑު އިންފްރާސްޓްރަކްޗާ ފޯރުކޮށްދޭ ފަރާތެވެ.
އެމެޒޯން ވެބް ސާވިސަސްއިން އިތުރަށް ބުނީ، ޔޫއޭއީގެ ދެ ސައިޓެއްގައި ހުރި އެ ކުންފުނީގެ ވަސީލަތްތައް އަލުން ހޯދުމަށް އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މާޗް މަހު ދިމާވި ޑިސްޓްރަޕްޝަނާ ގުޅިގެން ގިނަ ކަސްޓަމަރުން ވަނީ ބެކަޕް ރިސްޓޯރކޮށްގެން ނުވަތަ އެކްސެސިބަލް ޑޭޓާ ކޮޕީކޮށްގެން އެހެން ރީޖަންތަކުގައި އޮޕަރޭޝަންތައް އަލުން ޤާއިމުކޮށްފައެވެ. ނަމަވެސް، ބަހްރެއިންގެ މައްސަލައިގައި އެ ކުންފުނިން ބުނީ "ހަލާކުގެ ސަބަބުން މައިގްރޭޓް ނުކުރެވި ހުރި ޑޭޓާ އާއި ރިސޯސްތައް އަލުން ހޯދުމުގެ ހުރިހާ ގޮތެއް ހުސްވެފައިވާ" ކަމަށެވެ.






