އިސްރާއީލުން ހިންގަމުންދާ ނަސްލު ސާފުކޮށްލުމުގެ ޖެނޮސައިޑް ހަނގުރާމައިގައި ޝަހީދުކޮށްފައިވާ ފަލަސްތީނުގެ އެތައް ސަތޭކަ މީހެއްގެ ގަބުރެއް ވައްޓާލާފައިވާ އިމާރާތްތަކުގެ ކޮންކްރިޓްތަކުގެ ދަށުން ނަގަމުންދާއިރު އެކަންކަން ބަލައި ޑޮކިއުމެންޓް ކުރުމަށް ބައިނަލްއަޤްވާމީ ތަޙުޤީޤުވެރިން ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ވެއްދުމަށް އދ. އިން ވަނީ ގޮވާލާއިފިއެވެ.
އިސްރާއީލުން ފަލަސްޔީނުގެ މީހުންގެ އިމާރާތްތަކަށް ބޮން އަޅައި ގޮއްވާލިތާ ގާތްގަނޑަކަށް ތިން އަހަރު ފަހުން، އަދިވެސް ޣައްޒާއިން ގިނައިން އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް އިންސާނުންގެ ހަށިތައް ގިނަ އަދަދަކަށް ފެނުމަކީ، ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް ޔަހޫދީން ހިންގާފައިވާކަން ސާބިތުކޮށްދޭ ކަމެއް ކަމަށް އިންސާނީ ޙައްޤުތާބެހޭ އދ. ގެ އިދާރާގެ ވެރިޔާ ވޯލްކަރ ޓާކް ވިދާޅުވެއެވެ.
"މުޅި ޢާއިލާތަކެއް ކަމަށް ބެލެވޭ މީހުންގެ ހަށިތައް މިހާރު ހޯދަނީ އިސްރާއީލުގެ ހަމަލާތަކުން ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުން،" އޭނާ ފާހަގަކުރެއްވިއެވެ. މިހާރު މި ފެންނަ ކަންކަމަކީ ބޮޑު ޖަރީމާއެއްގެ ކުޑަ މިންވަރެއް ކަމަށް އޭނާ ވިދާޅުވެއެވެ. އަދި ޔަހުދީން ޣައްޒާގެ ބޮޑު ބައެއް ބުލްޑޯޒަރާއި ބަރު މެޝިނަރީ އަދި ގޮވާތަކެތި ބޭނުންކޮށްގެން ސާފުކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިއަދު ޣައްޒާގައި އިސްރާއީލުގެ ސިފައިން ހަރަކާތްތެރިވާ ގިނަ ސަރަޙައްދުތައް ބުލްޑޯޒަރުން އެއްވަރުކުރަމުންދާއިރު، ކޮންކްރިޓްތަކުގެ ދަށުގައި މަރުވެފައިވާ މީހުންނަށް އެއްވެސް އިޙްތިރާމެއް ނުކުރޭ،" އަސަރާއެކު ޓާކް ވިދާޅުވިއެވެ.
އިންސާނީ ޙައްޤުތާބެހޭ އދ. ގެ އިދާރާއިން ބުނީ ހަލާކުކޮށްފައިވާ ތަންތަނުން ޖަރީމާ ހިންގާފައިވާ ކަމުގެ ހެކި އެއްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، "ހެކި އެއްކުރުމުގައި އެހީތެރިވުމަށް ބައިނަލްއަޤްވާމީ އިންވެސްޓިގޭޓަރުންނަށް ޣައްޒާގެ ހުރިހާ ހިސާބަކަށް ވަނުމުގެ ހުއްދަ ދިނުމަށް" ގޮވާލާ ކަމަށެވެ.
މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މުޅި ޣައްޒާގައި ޔަހޫދީން ހަލާކުކޮށްފައިވާ އިމާރާތްތަކުގެ ދަށުން 630 އަށް ވުރެ ގިނަ ގަބުރާއި އިންސާނުންގެ ބައިތައް ފެނިފައިވާ ކަމަށް ފަލަސްތީނުގެ ސިވިލް ޑިފެންސް އިން ރިޕޯޓްކޮށްފައިވާ ކަމަށް އިންސާނީ ޙައްޤުތާބެހޭ އދ. ގެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
އިންސާނީ ޙައްޤުތާބެހޭ އދ. ގެ އިދާރާއިން ލަފާކުރާ ގޮތުގައި ކޮންކްރިޓްތަކުގެ ދަށުގައި ވަޅުލެވިފައިވާ މީހުންގެ ޖުމްލަ އަދަދު 8،000 އަށް ވުރެ މައްޗަށް އަރާނެ،އެވެ.
ޓާކް ވަނީ ޔަހޫދީންގެ ޖަރީމާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ލިޔެކިޔުމާއި ފޮރެންސިކް މަޢުލޫމާތާއި ބަޔޮލޮޖިކަލް ސާމްޕަލްތައް ރައްކާތެރިކޮށް، މީހުން ވަޅުލާފައިވާ ތަންތަން ރެކޯޑުކޮށް، ޢާއިލާތަކަށް އެކަން އެންގުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ގޮވާލައްވާފައެވެ.
"ޣައްޒާ ސިޓީގެ ކޮންކްރިޓްތަކުގެ ދަށުން ގިނަ މީހުން ފެނުމުން، ހަނގުރާމައިގެ ޖަރީމާތަކާއި އެހެނިހެން އަނިޔާވެރި ޢަމަލުތަކާ މެދު އޮތް ކަންބޮޑުވުންތައް އަލުން ފާޅުވެގެންދޭ،" އޭނާ އިންޒާރުދެއްވިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ނަސްލު ނައްތާލުމުގެ ޖެނޮސައިޑް ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ބޮޑުބައެއް ވަނީ ސުންނާފަތިވެފެވެ. އަދި މިދިޔަ އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުން ވެސް 1،350 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ.






