އެމެރިކާގެ ސިފައިން ކިއުބާއަށް ހަމަލާދިނުމުގެ ތައްޔާރީތައް ފަށައިފި

އެމެރިކާގެ ސިފައިން، ކިއުބާއާ ދެކޮޅަށް ކުރިއަށްގެންދާނެ އަސްކަރީ އޮޕަރޭޝަނަކަށް ބޭނުންވާ ފަންނީ އަދި ލޮޖިސްޓިކްސް ތައްޔާރީތައް ވަނީ ފަށާފައެވެ. އެމެރިކާގެ ސީބީއެސް ނިއުސްއިން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، އެމެރިކާ ސިފައިންގެ ސަދަން ކޮމާންޑްގެ ދަށުން ހަރަކާތްތެރިވުމަށްޓަކައި އަސްކަރީ ފުލުހުންނާއި، މެޑިކަލް ބްރިގޭޑްތަކާއި، އަދި އިންޖިނިއަރިންގް ޔުނިޓްތައް އެކުލެވޭ ގޮތަށް ހާއްސަ ލަޝްކަރުތަކެއް ތައްޔާރުކުރުމުގެ މަސައްކަތް އެމެރިކާގެ އާމީ ރިޒާވްއިން ދަނީ ކުރަމުންނެވެ.

މި ކަމާ ގުޅޭގޮތުން އާންމުވެފައިވާ އެމެރިކާ ސިފައިންގެ އެތެރޭގެ ލިޔެކިޔުންތަކަށް ހަވާލާދީ ސީބީއެސް އިން ބުނެފައިވަނީ، ކުރިއަށް އޮތް 90 ދުވަހާއި 120 ދުވަހުގެ ތެރޭގައި އެކުލަވާލެވޭ މި ޔުނިޓްތައް ސަދަން ކޮމާންޑާ ހަވާލުކުރެވޭނެ ކަމަށެވެ. ނަމަވެސް، މި ލިޔެކިޔުންތަކުގައި ކިއުބާގެ ނަން ސީދާ ބަޔާންކޮށްފައި ނުވި ނަމަވެސް، އެމެރިކާގެ ދިފާއީ އިދާރާތަކުގެ މަސްއޫލުވެރިން ކަށަވަރުކޮށްދީފައިވާ ގޮތުގައި މިއީ ކިއުބާގެ ޖަޒީރާއަށް އަމާޒުކޮށް ކުރިއަށްދާ އަސްކަރީ ރޭވުންތަކުގެ ބައެކެވެ.

އެމެރިކާއިން ކިއުބާއަށް އަމާޒުކޮށް އަސްކަރީ ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތްތަކެއް ފެންމަތިވެފައިވާ އިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ވަނީ އދ ގެ އާންމު މަޖިލީހުގެ ސަމިޓް ގައި ވާހަކަފުޅު ދައްކަވަމުން ކިއުބާގެ ސަރުކާރަށް ބޮޑެތި ބަދަލުތަކެއް އަންނަންޖެހޭ ކަމަށް ވިދާޅުވެ، އެ ގައުމާ ދެކޮޅަށް އިގްތިސާދީ އަދި ހަނގުރާމައިގެ ބަސްމަގު ވަރުގަދަކުރައްވާފައެވެ.

ސީބީއެސް ނިއުސްއިން އިތުރަށް ރިޕޯޓުކޮށްފައިވާ ގޮތުގައި، މީގެ ކުރިންވެސް އެމެރިކާ ސިފައިން ވަނީ ކިއުބާ ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކުގައި ފާރަލުމުގެ އޮޕަރޭޝަންތަކެއް ކުރިއަށްގޮސްފައެވެ. އަދި އެމެރިކާގެ ވައިގެ ސިފައިންގެ ބައެއް ޔުނިޓްތައްވެސް ވަނީ ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވުމަށްޓަކައި ހައި-އެލާޓަށް ގެނެސްފައެވެ. އަދި 101 ވަނަ އެއާބޯން ޑިވިޜަން ބޭނުންކޮށްގެން ކިއުބާއަށް ވައިގެ މަގުން ހަމަލާދިނުމުގެ ތަފާތު ސެނާރިއޯތައްވެސް އެމެރިކާގެ ޕެންޓަގަންއިން ދިރާސާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާތަކާ ގުޅިގެން ކިއުބާގެ ރައީސް މިގޭލް ދިއާޒް-ކަނެލް ވަނީ އެމެރިކާއިން ކުރިއަށްގެންދާ އިގްތިސާދީ ޚިސާރުކުރުންތަކާއި އަސްކަރީ އިންޒާރުތަކަށް ރައްދުދީ، ކިއުބާގެ ސިޔާދަތު ދިފާއުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ހިއްސާ ކުރައްވާ!