ޕާކިސްތާނުން އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ޤަބޫލުނުކުރެއެވެ. އަދި ޔަހޫދީ ޤައުމާއެކު އެއްވެސް ގުޅުމެއް ނުބާއްވައެވެ. ނަމަވެސް ޕާކިސްތާނުން، އެމެރިކާގެ ދިފާޢީ، މާލީ އަދި ޑިޕްލޮމެޓިކް ވިއުގަތައް މެދުވެރިކޮށް އިސްރާއީލުގެ މަޞްލަޙަތު އޮންނަ ކުންފުނިތަކާއި ސިޔާސީ ފަރާތްތަކާ އެކު ވާހަކަ ދައްކާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ވާހަކަ ހާމަވީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 16 ގައި އެމެރިކާގެ ދިފާޢީ ކުންފުންޏެއް ކަމަށްވާ "ޕަވަރ އަސް" އާއެކު ޕާކިސްތާނުގެ ސިފައިން ވަނީ ޑްރޯން އަދި އޮޓޯނޮމަސް ސިސްޓަމްތައް އުފެއްދުމާ ބެހޭ ފަހުމުނާމާ އެއްބަސްވުމެއް ގާއިމުކޮށްފައެވެ. ނަމަވެސް، އެމެރިކާގައި ރަޖިސްޓްރީކޮށްފައިވާ މި ކުންފުނީގެ ކޯ-ފައުންޑަރ އަދި ޗީފް ވިޜަނަރީ އޮފިސަރު ޒިވް މާރޯމްއަކީ އިސްރާއީލު ސިފައިންގެ ކުރީގެ އޮފިސަރެކެވެ.
މީގެއިތުރުން، އެ ކުންފުނީގެ އިސްވެރިންނަކީ 2023 ގެ އޮކްޓޫބަރު 7 ގެ ހަމަލާ އަށްފަހު އިސްރާއީލު ސިފައިންނަށް ޓެކްނޮލޮޖީއާއި ޖެނޮސައިޑް ހަނގުރާމައަށް ސާމާނު ފޯރުކޮށްދޭ "އިސްރާއީލު ފްރެންޑްސް" ޖަމްޢިއްޔާގެ އިސް މަސްއޫލުވެރިންނެވެ. މި ޖަމްޢިއްޔާއަކީ އިސްރާއީލުގެ ދިފާޢީ ވުޒާރާއާއި، ފުލުހުންނާއި، އަދި ޚާއްސަ ކޮމާންޑޯ ޔުނިޓުތަކާއެކު ސީދާ މަސައްކަތްކުރާ އިދާރާއެކެވެ.
މީގެ އިތުރުން 2026 ވަނަ އަހަރުގެ އެޕްރީލް 11 ގައި އެމެރިކާއާއި އީރާނުގެ ނުވަތަނަވަސްކަމާ ގުޅިގެން އިސްލާމްއާބާދު ގައި ބޭއްވި ސަމިޓް ގައި، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އާއެކު ބައިވެރިވެވަޑައިގެންނެވީ ޖާރޑް ކުޝްނަރ އާއި ސްޓީވް ވިޓްކޯފްއެވެ. ކުޝްނަރަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ސަރުކާރުގައި އިސްރާއީލާއި އަރަބި ޤައުމުތަކާ ދެމެދު ގުޅުން ބަދަހިކުރި އިބްރާހީމީ މުއާހަދާގެ މޭސްތިރިޔާއެވެ.
ކުޝްނަރުގެ އަމިއްލަ ޕްރައިވެޓް އީކުއިޓީ ފަންޑު "އެފިނިޓީ ޕާޓްނާސް" އަކީ އަރަބި ޝާހީ އާއިލާތަކުގެ މާލީ އެހީއާއެކު އިސްރާއީލުގެ ވިޔަފާރިތަކުގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންދާ ފަންޑެކެވެ. އެގޮތުން 2026 ގެ ޖުލައި މަހު އެ ފަންޑުން ވަނީ އިސްރާއީލުގެ އެންމެ ބޮޑު އެއް އިންޝުއަރެންސް ކުންފުނި ކަމަށްވާ "ފީނިކްސް ފައިނޭންޝިއަލް" އިން 1.05 ބިލިއަން ޝެކެލްގެ ހިއްސާ ވިއްކާލާފައެވެ. އަދި 2026 ގެ އޮގަސްޓް މަހު ކުޝްނަރު ވަނީ ޣައްޒާ ހަނގުރާމައާ ގުޅޭގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާވެސް މަޝްވަރާކުރައްވާފައެވެ.
ޕާކިސްތާނުގެ އެތެރޭގެ ސިޔާސީ މައިދާން ގައި އިސްރާއީލާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ މީހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއެވެ.
2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި އދ. ގެ 80 ވަނަ ޢާންމު މަޖިލީހުގައި، ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ މުޙައްމަދު ޢާޞިފްގެ ފަހަތްޕުޅުގައި، އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަށް ވަކާލާތުކުރާ ދިރާސާކުރާ މީހެއް ކަމަށްވާ ޝާމާ ޖުނޭޖޯ އިންނެވުމުން ޕާކިސްތާންގައި އެކަމާ ދެކޮޅަށް ނުރުހުމާއި އިޢުތިރާޟެއް އުފެދުނެވެ.
ޕާކިސްތާނުގެ ޚާރިޖިއްޔާއިން އެއީ ރަސްމީކޮށް ހުއްދަދިން ކަމެއް ނޫން ކަމަށް ބުނި ނަމަވެސް، ސަރުކާރުގެ އިސް ބޭފުޅެއްގެ އެންގެވުމަށް އޭނާއަށް އދ. ގެ ބައްދަލުވުންތަކަށް ވަނުމުގެ ފުރުޞަތު ދިންކަން ފަހުން ވަނީ ހާމަވެފައެވެ.







