ވެސްޓް ބެންގޯލްގެ ނަން "ޕަޝްޗިމްބަންގާ" އަށް ބަދަލުކުރުމަށް ގާނޫނުހަދާ މަޖިލީހަށް ބިލެއް ހުށަހަޅަނީ

އިންޑިއާގެ ވެސްޓް ބެންގޯލް ސްޓޭޓުގެ ރަސްމީ ނަން އިނގިރޭސި ބަހުންނާއި އެހެނިހެން ހުރިހާ ބަސްބަހުން "ޕަޝްޗިމްބަންގާ" ގެ ނަމަށް ބަދަލުކުރުމަށްޓަކައި އެ ސްޓޭޓުގެ ގާނޫނުހަދާ މަޖިލީހަށް ބިލެއް ހުށަހެޅުމަށް ބީޖޭޕީ އިން ނިންމައިފި އެވެ.

ވެސްޓް ބެންގޯލްގެ ޖަލްޕައިގުރީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ބީޖޭޕީގެ ސްޓޭޓް ރައީސް އަދި ގާނޫނުހަދާ މަޖިލީހުގެ މަތީގެ، ރާޖްޔާ ސަބާގެ މެންބަރު ސަމީކް ބަޓާޗާރިޔާ ވިދާޅުވީ، ވެސްޓް ބެންގޯލަކީ ޚާއްސަ ސިޔާސީ އަދި ތާރީޚީ މާޒީއެއް އޮތް ސަރަހައްދެއް ކަމަށާއި، އެ ތާރީޚު އޮޅުންބޮޅުންވެ އުވިގެން ދިޔަ ނުދިނުމަކީ ސަރުކާރުގެ މުހިންމު މަގުސަދެއް ކަމަށެވެ. އަދި މި ބިލު މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި ނަން ބަދަލުކުރުމުގެ މަސައްކަތަކީ ހަމައެކަނި ވަކި ފަރުދެއްގެ ނުވަތަ ބީޖޭޕީގެ އެކަނި އެދުމެއް ނޫންކަން ފާހަގަކުރައްވަމުން ބަޓާޗާރިޔާ ވިދާޅުވީ،  1947 ވަނަ އަހަރުގެ ޖޫން 20 ގައި ވެސްޓް ބެންގޯލް ވަކި ސްޓޭޓެއްގެ ގޮތުގައި އުފެދިގެން ދިޔައީ ކޮންގްރެސް ޕާޓީގެ ހިންދޫ މެންބަރުންގެ ތާއީދާއެކު ކަމަށްވާތީ، އެ ތާރީޚީ ހަގީގަތް "ޕަޝްޗިމްބަންގާ" ނަމުން ރަމްޒުކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ތްރިނާމޫލް ކޮންގްރެސް (ޓީއެމްސީ) ގެ ސަރުކާރުން ވަނީ އެ ސްޓޭޓުގެ ނަން "ބަންގާ" ނުވަތަ "ބަންގްލާ" ގެ ނަމަށް ބަދަލުކުރުމަށް މަސައްކަތްކޮށް، ގާނޫނުހަދާ މަޖިލީހުން ބިލެއްވެސް ފާސްކޮށްފައެވެ. ކުރީގެ ޗީފް މިނިސްޓަރ މަމްތާ ބެނަރޖީ އެ މާއްދާއަށް ވަކާލާތު ކުރެއްވީ، އިނގިރޭސި އަކުރުގެ ތަރުތީބުން "ޑަބްލިއު" އިން ފެށޭ ނަމަކަށްވާތީ، ގައުމީ ފެންވަރުގެ ސަމިޓް ތަކާއި ބައްދަލުވުންތަކުގައި ވާހަކައްދެއްކުމުގެ ފުރުސަތު އެންމެ ފަހުން ލިބޭތީ ކަމަށް ބުނެ އެވެ. ނަމަވެސް އެކަމަށް ނިއުދިއްލީގައި ބީޖޭޕީގެ މަރުކަޒީ ސަރުކާރުން އެއިރު ހުއްދަ ދީފައެއް ނުވެ އެވެ.

ބަޓާޗާރިޔާ ވިދާޅުވީ، ބީޖޭޕީ ސަރުކާރުން ހުށަހަޅާ ބިލުގެ ދަށުން ސްޓޭޓުގެ ނަން ބެންގާލީ ބަހުންނާއި އިނގިރޭސި ބަހުންވެސް ބޭނުންކުރާނީ "ޕަޝްޗިމްބަންގާ" ގެ ގޮތުގައި ކަމަށެވެ.

ވެސްތް ބެންގޯލްގައި ވެރިކަން ކުރަނީ ބީޖޭޕީންނެވެ. ބީޖޭޕީއަކީ ނަން ބަދަލު ކުރުމުގައި ކުރީ ގައި އުޅޭ ޕާޓިއެކެވެ. އިންޑިއާގެ ނަން ބަދަލު ކުރުމަށްވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އިންޑިއާގެ އަސްލު ނަން ދޫކޮށްލައިފިނަމަ އެނަން ހޯދާނެ ކަމަށް ޕާކިސްތާނުން ބުނުމުން އެކަމަށް މަޑު ޖެހުމެއް އައިސްފައި ވެއެވެ.

ހިއްސާ ކުރައްވާ!