ދުނިޔޭގެ ޤައުމުތަކާއި ބައްރުތަކުގެ އަސްލު ސައިޒާއި ނިސްބަތް ސައްހަގޮތަށް ދައްކުވައިދޭ ޚާއްޞަޗާޓްގެ ނިޒާމަކަށް އދ. ގެ އާންމު މަޖިލީހުން ރުހުންދީފިއެވެ. އެފްރިކާގެ ޤައުމުތަކުން އިސްނަގައިގެން ހުށަހެޅި މި ޤަރާރަށް މެންބަރު 164 ޤައުމަކުން ވަނީ ވޯޓުދީފައެވެ.
އެމެރިކާ އިން ވަނީ މިކަމާ ދެކޮޅު ހަދައި ދެ ފައި ތަޅައި އަޑުގަދަކޮށް ގާއެވެ.
މި އައު ޗާޓް ފާސްކުރުމާ ގުޅިގެން، 1569 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ދޮން މީހާ ކުރަހާފައިވާ މަޝްހޫރު މާކޭޓަރ ޗާޓް ބަދަލުކޮށް، "އިކުއަލް އާތު" ޕްރޮޖެކްޝަން ނަމަކަށް ކިޔާ އައު ޗާޓް ބޭނުން ކުރުމަށް އދ. އިން ވަނީ ގޮވާލާފައެވެ. ޒަމާނުއްސުރެ ބޭނުންކުރަމުން އައި ޗާޓްތަކުގައި އުތުރުގެ ސަރަހައްދުތަކާއި ޔޫރަޕާއި އުތުރު އެމެރިކާގެ ސައިޒު ހަގީގަތަށްވުރެ ބޮޑުކޮށް ދައްކުވައިދީފައި ވެއެވެ.
އޭގެ ސަބަބުން އެފްރިކާއާއި ދެކުނު އޭޝިއާގެ ސަރަހައްދުތައް ކުޑަކޮށް ދައްކައި ދުނިޔޭގެ ޖިއޮގްރަފީގެ ހަގީގަތް އޮޅުވާލާފައިވާ ކަމަށް އދން ފާސްކުރި ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.
އައިސްލެންޑް ވެސް ދޮން މީހާގެ ޗާޓް ގައި ފެންނަނީ އެފްރިކާއަށް ވުރެން ބޮޑުކޮށެވެ.. ހަގީގަތުގައި އެފްރިކާ އައިސްލެންޑް އަށް ވުރެ 18 ގުނަ ބޮޑުވެ.
ދުނިޔޭގެ ހަގީގީ ޗާޓު ކުރަހައި ދޮން މީހާގެ އޮޅުވާލުން ބޭޒާރު ކުރުމުގައި އިސްކޮށް އުޅުނު ޓޯގޯގެ ޚާރިޖީ ވަޒީރު ރޮބަރޓް ޑަސީ ވިދާޅުވީ، މިއީ ސިޔާސީ ކަމަކަށްވުރެ ބޮޑަށް ސައިންޓިފިކް އަދި ޙަޤީޤަތާ އެއްގޮތަށް ކަންކަން ސާބިތު ކޮށްދޭން ގެނެވުނު ބަދަލެއް ކަމަށެވެ. އަދި ޒަމާނުއްސުރެ ގެންގުޅުނު ނިޒާމުގެ ސަބަބުން މީހުންގެ ވިސްނުމާއި ތައުލީމީ މާހައުލަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ބަދަލަށް ތާއީދުކޮށް ވާހަކަދައްކަވަމުން ފްރާންސްގެ ޚާރިޖީ ވަޒީރު ވިދާޅުވީ، މެޕް ބަދަލުކުރުމުން މުޅި ދުނިޔެއަށް ކުއްލި އިންގިލާބީ ބަދަލެއް ނަައި ނަމަވެސް، ޒަމާނުއްސުރެ އޮތް ގޯސް ވިސްނުމެއް ރަނގަޅުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ފްރާންސުންވެސް ރަސްމީކޮށް މާޒީގެ އުޞޫލުތައް ދޫކޮށްލާފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
އދ. ގެ މި ޤަރާރަކީ ޤާނޫނީ ގޮތުން ލާޒިމުކުރާކަމަކަށް ނުވި ނަމަވެސް، ދެން ސްކޫލުތަކުގެ ފޮތްތަކާއި، ޓެކްނޮލޮޖީގެ ވަސީލަތްތަކާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ މެޕްތަކަށް މިކަމުގެ ސަބަބުން ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.
މިއީ އިސްތިއުމާރާއި ހުދު މީހުން ގެ ނުފޫޒާއި ބާރު ކެނޑެމުން ދާކަމުގެ ހެއްކެކެވެ.







