ކާނާއާއި ފެނާ ނުލައި މެކްސިކޯގެ ކަނޑުގެ ސަރަހައްދުގައި ބިޔަ ރާޅުތަކުގެ ތެރޭގައި، ބޮޑު އައިސްބޮކްސއެއްގެ ތެރޭގައި 5 ދުވަސް ވަންދެން ތިބި ދެ މަސްވެރިން މެކްސިކޯގެ ސިފައިން ކާމިޔާބުކަމާއެކު ސަލާމަތްކޮށްފިއެވެ.
މެކްސިކޯގެ ސިފައިންގެ ކަނޑުގެ ގޮފިން ހާމަކުރި ގޮތުގައި، މި ދެ މަސްވެރިން ސަލާމަތްކޮށްފައިވަނީ މެކްސިކޯގެ ދެކުނުގެ ޗިއާޕަސް ސްޓޭޓްގެ ކަނޑުގެ ސަރަހައްދާ ގާތްގަނޑަކަށް 150 މޭލު ބޭރުން ކަނޑުމަތީގައި ބެހެމުން ދަނިކޮށެވެ. މިއީ އުމުރުން 53 އަހަރާއި 32 އަހަރުގެ ދެ މަސްވެރިންނެވެ.
މި ދެ މަސްވެރިން ހޯދުމުގެ ޚާއްސަ އޮޕަރޭޝަން ސިފައިން ފަށާފައިވަނީ އޮގަސްޓް 14 ވަނަ ދުވަހު، އެ މީހުން ނިސްބަތްވާ މަސްވެރިންގެ ޖަމުއިއްޔާއިން އެހީއަށް އެދި ފޮނުވި މެސެޖަކާ ގުޅިގެންނެވެ. އެ މެސެޖުގައިވާ ގޮތުން، ކަނޑަށް ނުކުމެ އުޅުނު އެ ދެ މަސްވެރިންނާ ގުޅުން ވަނީ މުޅިން މެދުކެނޑިފައެވެ.
މެކްސިކޯގެ ސިފައިން ވަނީ ޕެސިފިކް އޯޝަންގެ ބޮޑު ސަރަހައްދެއް ވައިގެ މަގުންނާއި ކަނޑުމަގުން ބަލައި ފާސްކޮށްފައެވެ. ސިފައިންނަށް މި ދެ މަސްވެރިން ފެނުނީ، އެ މީހުން ދަތުރުކުރި އުޅަނދަށް ދިމާވި ހާދިސާއެއްގެ ސަބަބުން ކަނޑުވިފަހުން، މަސް ރައްކާކުރަން ބޭނުންކުރާ ބޮޑު އައިސްބޮކްސެއްގެ ތެރޭގައި ކަނޑުމަތީގައި އޮޔާދަނިކޮށެވެ.
ސިފައިން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި، ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި އޮތް އައިސްބޮކްސް ކައިރިއަށް ސިފައިންގެ އުޅަނދެއް ގާތްކޮށް، ސަލާމަތްކުރާ ވަސީލަތްތައް ބޭނުންކޮށްގެން އެ ދެ މީހުން ވަނީ ސިފައިންގެ ނަވަކަށް ނަގާފައެވެ. އެއަށްފަހު ހެލިކޮޕްޓަރުގައި އެ މީހުން ބަނދަރަކަށް ގެންގޮސް، ސިއްހީ އަވަސް ފަރުވާ ދިނުމަށްފަހު ވަނީ އާއިލާތަކާ ހަވާލުކޮށްފައެވެ.
ސިފައިން އާންމުކުރި ވީޑިއޯގައި ސަލާމަތްވި މަސްވެރިއަކު ބުނީ، "އަހަރެމެން ހީއެއް ނުކުރަން ދިރިތިބޭނެ ކަމަކަށް. އަހަރެމެންނަށް ކުރެވުނުހާވެސް ކަމަކީ މާތްﷲ އަށް ދަންނަވައި، ސިފައިންގެ އެހީތެރިކަމަށް އިންތިޒާރުކުރުން." އެމީހާ ކިޔައި ދިނެވެ.
އަނެއް މަސްވެރިޔާ ބުނި ގޮތުގައި، މިއީ އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ ބިރުވެރި ތަޖުރިބާއެވެ. "އަހަރެންގެ އެންމެ ބޮޑު ދުޝްމަނަކަށްވެސް މިފަދަ ދެރަގޮތެއް މެދުވެރިވުމަކަށް އެދިއެއް ނުގޮވާނަން." އޭނާ ބުންޏެވެ. އަދި ކަނޑުމަތީގައި ހޭދަކުރި 5 ދުވަހު އެއްވެސް އެއްޗެއް ނުކައި، އަދި ފެންފޮދެއްވެސް ނުބޮއި ތިބެންޖެހުނު ކަމަށް އެ މީހުން ބުންޏެވެ.







