އިޓަލީގެ ފްލޮރެންސް ސިޓގައި އުމުރުން 45 އަހަރުގެ އަންހެނަކު ރަހީނުކޮށް މަރާލައިފިއެވެ. މިއީ މިދިޔަ އޯގަސްޓް މަހުގެ މެދުތެރެއިން ފެށިގެން އެ ޤައުމުގައި ހިނގި މިފަދަ 7 ވަނަ ޙާދިސާ ކަމަށްވާއިރު، މިއާއެކު ގެވެށި އަނިޔާއާއި އަންހެނުންނަށް މެދުވެރިވަމުންދާ ނުރައްކާތެރި ޙަމަލާތަކާ މެދު ކަންބޮޑުވުންތައް ވަނީ ބޮޑުވެފައެވެ.
ފުލުހުންގެ ތަޙުޤީޤަށް އެނގިފައިވާ ގޮތުގައި، ލޮރޭނާ ނަމަކަށް ކިޔާ އެ އަންހެން މީހާ ރަހީނުކޮށްފައިވަނީ، އޭނާގެ ކުރީގެ ލޯބިވެރިޔާ، އުމުރުން 38 އަހަރުގެ ފެޑެރީކޯ ވެލާ އެވެ. ގެއެއްގެ ޕާކިންގް ޖާގައެއްގައި ހުއްޓައި އޭނާއަށް ޙަމަލާދީ، ކާރުގެ ޑިކީ އަށް ލައިގެން ފާލަމެއްގެ މައްޗަށް ގެންދިޔައީ ކަމަށާ ފުލުހުން ބުންޏެވެ.
ރަހީނުކޮށްފައިވަނިކޮށް ލޮރޭނާ ވަނީ އޭނާގެ އަތުގައި އޮތް ފޯނުން ކުއްލި އެހީއަށް ގުޅާފައެވެ. ފުލުހުންގެ އެހީދޭ މަރުކަޒަށް ގުޅައި އޭނާ ރަހީނުކޮށްފައިވާކަމަށް ބުނެ ވާހަކދައްކަމުންދަނިކޮށް، ފޯނު އަތުލުމަށްފަހު އޭނާ ވަނީ ފާލަމުން ބިންމައްޗަށް ވައްޓާލާފައެވެ. އަދި އޭގެފަހުން އެ ފިރިހެން މީހާވެސް ވަނީ ފާލަމުން ފުންމާލާފައެވެ. ފުލުހުންނަށް ފޯނުގެ ސިގްނަލް މެދުވެރިކޮށް ތަން ހޯދައިގެން އެ ސަރަހައްދަށް ދެވުނުއިރު، ލޮރޭނާ އޮތީ މަރުވެފައެވެ.
މި ޙާދިސާއާ ގުޅިގެން ވާހަކަދައްކަވަމުން އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެފައިވަނީ، އިޓަލީ ގައި އަންހެނުންނަށް ކުރިމަތިވަމުންދާ އަނިޔާ ހުއްޓުވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ނުކުޅެދިފައިވާ ކަމަށެވެ. ޚާއްޞަކޮށް ސްކޫލުތަކާއި މުޖުތަމޢުގައި މިފަދަ ޢަމަލުތަކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގުން މުހިންމު ކަމަށް މާހިރުން ފާހަގަކުރެއެވެ.
އިޓަލީގެ ދާޚިލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ކުރީ މަސްތަކުގައި މިފަދަ މައްސަލަތައް މަދުވިނަމަވެސް، އޯގަސްޓް މަހުގެ މެދުތެރެއިން ފެށިގެން މިފަދަ ޙާދިސާތައް ވަނީ ކުއްލިއަކަށް އިތުރުވެފައެވެ. މި މައްސަލައިގައި އިތުރު ތަޙުޤީޤުތައް ފުލުހުންނާއި ޝަރުޢީ ދާއިރާއިން އަންނަނީ ހިންގަމުންނެވެ.







