ބޭންކުތަކުން ލޯނު ދޫކުރާ އެންމެ މަތީ ޢުމުރުފުރާ 75 އަހަރަށް މުރާޖަޢާކުރުމަށް ރައީސް އެދިވަޑައިގެންފި

ދިވެހިރާއްޖޭގެ ބޭންކުތަކާއި މާލީ އިދާރާތަކުން ލޯނު ދޫކުރުމުގައި ކަނޑައަޅާފައިވާ އެންމެ މަތީ ޢުމުރުފުރާ 75 އަހަރަށް ނުވަތަ އެއަށްވުރެ މައްޗަށް މުރާޖަޢާކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގެންފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ.

ސަރުކާރުން ޢާންމު ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސީދާ އަޑުއެއްސެވުމަށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ، ޢުމުރުން ދުވަސްވުމުގެ ސަބަބުން ބޭންކުތަކުން ލޯނު ލިބުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ޢާންމު ރައްޔިތަކު ހުށަހެޅި ޝަކުވާއަކަށް ޖަވާބުދެއްވަމުންނެވެ.

މި މައްސަލައިގެ ފަސްމަންޒަރަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ބޭންކް އޮފް މޯލްޑިވްސް ފަދަ މާލީ އިދާރާތަކުން ލޯނު ދޫކުރުމުގެ އެންމެ މަތީ އުމުރަކަށް 60 އަހަރު ކަނޑައަޅާފައި އޮތީ، އޭރު ދިވެހިންގެ އެވްރެޖް ޢުމުރު ދަށްވުމުގެ ސަބަބުންނެވެ. އެހެންނަމަވެސް، މިހާރު ރާއްޖޭގައި އަންހެނުންނާއި ފިރިހެނުންގެވެސް އެވްރެޖް ޢުމުރު 80 އަހަރާ ގާތްކުރާތީ، ލޯނު ދޫކުރުމުގައި 60 އަހަރުގެ ޙައްދެއް ގެންގުޅުމަކީ މި ޒަމާނަށް އެކަށީގެންވާ އުޞޫލެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބަދަލު ގެނައުމަށްޓަކައި މާލީ ވުޒާރާއަށާއި ބޭންކަށް މިހާރުވެސް ރަސްމީކޮށް އަންގަވާފައި ވާނެ ކަމަށާއި، ލޯނު ދޫކުރާ ޢުމުރުފުރާ 75 އަހަރަށް ނުވަތަ އެއަށްވުރެ މައްޗަށް މުރާޖަޢާކުރުމަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ޢަމަލީ މަސައްކަތްތައް މިހާރުވެސް ހިނގަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ރައްޔިތުން ހުށަހެޅި އެހެނިހެން އިޖުތިމާޢީ އަދި ތަރައްޤީގެ މުހިންމު މައްސަލަތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ވެރިރަށް މާލޭގެ ކަންމަތިތަކުގައްޔާއި ހަނި ގޯޅިތަކުގައި ގަވާއިދާ ޚިލާފަށް އުޅަނދުފަހަރު ޕާކުކުރުމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ކުރިމަތިވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މި މައްސަލަ ޙައްލުކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ޚާއްސަ އޮފީހެއް ޤާއިމުކޮށް، ދާދި އަވަހަށް ޢަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، މާލޭގެ މަސްމާރުކޭޓު ސަރަޙައްދުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢެއްވެސް ކުރިއަށް ރޭވިފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ހަމައެއާއެކު، ސިނާޢީ ރަށް ތިލަފުށިން ބިން ހޯދުމާ ގުޅޭގޮތުން ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ތިލަފުށީގެ ބިންތަކުގެ ކަންކަން ބަލަހައްޓަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ކަމަށްވާތީ، ބިން ހޯދުމަށް ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް އެ ކޯޕަރޭޝަނަށް ހުށަހެޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަޝްރޫޢު ކުރިއަށްދާތީ ބިން ދޫކުރުމުގެ ކަންކަމުގައި ކުޑަ މަޑުޖެހުމެއް އައިސްފައިވީ ނަމަވެސް، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތިލަފުށީގެ އުމްރާނީ ޙާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އެ ރަށުގެ މަގުތައް ހަލާކުވެ، ވާރޭވެހުމުން ފެންބޮޑުވާ މައްސަލައާއި ނަރުދަމާގެ ނިޒާމުގައި ހުރި ދަތިތަކަށް ރައީސް އިޝާރާތް ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ތިލަފުށީގެ ނަރުދަމާގެ މައްސަލަތައް ޙައްލުކޮށް، އެ ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމަކީ ސަރުކާރުގެ މުސްތަޤުބަލުގެ ތަރައްޤީގެ ޕްލޭންގައި ހިމެނިގެން ކުރިއަށް ގެންދާނެ މުހިންމު މަސައްކަތްތަކެއް ކަމަށެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް