ފަރަންސޭސިވިލާތުން ނައިޖަރުގެ ބަޣާވާތުގައި ބައިވެރިވާ ކަމަށް ބުނެފި

ނައިޖަރުގެ ވެރިރަށް ނިއާމޭގައި ހުންނަ ރިޔާސީ ގަނޑުވަރަށާއި ވައިގެ ސިފައިންގެ މައި އަސްކަރީ މަރުކަޒަށް އަމާޒުކޮށް މިދިޔަ ހަފުތާގައި ދިން ޙަމަލާގެ ފަހަތުގައި ވަނީ ފަރަންސޭސިވިލާތް ކަމަށް އެ ޤައުމުގެ ސަރުކާރުން ތުހުމަތުކޮށްފިއެވެ. ނަމަވެސް، މި ތުހުމަތުތައް ފަރަންސޭސިވިލާތުން ވަނީ ދޮގުކޮށްފައެވެ.

ނައިޖަރުގެ ޓީވީ މެދުވެރިކޮށް އިއްޔެ ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ވެރިރަށުގައި ހިންގާފައިވާ މި ހަމަލާގެ ފަހަތުގައި ވަނީ ފަރަންސޭސިވިލާތުން އިސްނަގައިގެން އުފައްދާފައިވާ ނުފޫޒުގަދަ ކުލީ ސިފައިންގެ ނެޓްވޯކެއް ކަމަށެވެ. އަދި މިކަމާ ގުޅޭ ފުރިހަމަ ހެކި ލިބިފައިވާ ކަމަށާއި، ބައިނަލްއަޤުވާމީ ކޯޓުތަކަށް މި މައްސަލަ ހުށަހެޅުމުގެ ޤާނޫނީ ޙައްޤު ނައިޖަރަށް ލިބިގެންވާ ކަމަށް އެ ޤައުމުގެ ކެބިނެޓުން ނެރުނު ބަޔާނުގައި ވެއެވެ.

މިދިޔަ އޯގަސްޓް މަހުގެ 29 ވަނަ ދުވަހު ހިންގި ބަޣާވާތުގެ ޙަމަލާގައި ވެރިރަށުގެ އެކި ސަރަޙައްދުތަކުން ބަޑީގެ އަޑާއި ގޮވުންތަކުގެ އަޑުއިވިގެންދިޔައެވެ. ޖެހިގެން އައި ދުވަހު ނައިޖަރުގެ ސިފައިން ވަނީ ބާޣީންގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައިވާ މަރުކަޒުތަކުގެ ބާރު އަލުން ހޯދާފައެވެ.

މިކަމާ ގުޅިގެން ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު ޖޯން-ނޮއެލް ބަރޮޓް ވިދާޅުވީ، ނައިޖަރުގެ ސަރުކާރުން ކުރަމުންދާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ ޤައުމުގެ ސިޔާސީ ނިޒާމު ހަލާކުކޮށްލުމުގެ އެއްވެސް ވިސްނުމެއް ނުވަތަ ޤާބިލުކަމެއް ފަރަންސޭސިވިލާތުގެ ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނައިޖަރަކީ ޔުރެނިއަމް މުއްސަދި ގައުމެކެވެ. މިހާތަނަށް ފްރާންސުން ޔުރެނިއަމް ނަގައި އެއިން ފައިދާ ނަގަމުން ދަނިކޮށް ނައިޖެރުން ވަނީ ފަރަންސޭސިން އެގައުމުން ފައްސާލާފައެވެ.

ހިއްސާ ކުރައްވާ!