ޔޫގެންޑާގެ ވެރިރަށުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ޒިޔާރަތް ކުރި ޓައިވާންގެ ތިން ފަތުރުވެރިއެއްގެ ޕާސްޕޯޓް ޔުގެންޑާގެ އިމިގްރޭޝަން އޮތޯރިޓީން ހިފަހައްޓައިފިއެވެ.
ޔޫގަންޑާއިން ބުނެފައި ވަނީ، އެ ޤައުމުގެ "އެއް ޗައިނާ ސިޔާސަތު" ގެ ދަށުން އެގައުމަށް އެތެރެވާ ޗައިނާ މީހުން ޗައިނާގެ ޕާސްޕޯޓް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ އެ ޤައުމަށް ދިޔަ ޓައިވާންގެ ފަތުރުވެރިންތަކަކަށް ކަމަށާއި، ފަތުރުވެރިންނަށް ޤައުމަށް ވަނުމުގެ ހުއްދަ ލިބުނު ނަމަވެސް، ޗައިނާއިން ދޫކޮށްފައިވާ ޕާސްޕޯޓެއް ހުށަހަޅައިގެން ނޫނީ އެމީހުންގެ އަޞްލު ޕާސްޕޯޓް އަނބުރާ ނުދޭނެ ކަމަށް އިމިގްރޭޝަން އޮފިސަރުން އަންގާފައިވާ ކަމަށް ޓައިވާންގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.
މިކަމުގެ ސަބަބުން ޓައިވާންގެ ރައްޔިތުންގެ ބައިނަލްއަޤްވާމީ ދަތުރުފަތުރުތަކަށް ހުރަސްތަކެއް ކުރިމަތިވަމުންދާނެ ކަމަށް ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން ޓައިވާންގެ ޚާރިޖީ ވުޒާރާގެ ހުޅަނގު އޭޝިއާއާއި އެފްރިކާގެ ކަންކަމާ ބެހޭ ބައިގެ އިސްވެރިޔާ ޔެން ޗިއާ-ލިއަން ވިދާޅުވީ، މިއީ ޔޫގެންޑާއިން ގެންގުޅޭ ސިޔާސީ ވަކި ވިސްނުމެއްގެ ސަބަބުން ބަދަލުކުރި އުޞޫލެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ދަތުރުވެރިންނަށް ކުރިމަތިވާ ދަތިތައް ޙައްލުކުރުމަށް ސަމާލުކަންދީގެން މަސައްކަތްކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިހާތަނަށް އައިއިރު، ޔުގެންޑާ ސަރުކާރުން ރަސްމީކޮށް އެގައުމުގެ އިމިގްރޭޝަން ސިޔާސަތަށް ބަދަލެއް ގެނެސްފައިވާކަން ހާމަކޮށްފައި ނުވެއެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން ޓައިވާންގެ ސަރުކާރުން ވަނީ އެ ޤައުމުގެ ރައްޔިތުން ޔުގެންޑާއަށް ކުރާ ދަތުރުތަކުގައި ސަމާލުވުމަށް އިރުޝާދުދީފައެވެ.







