ބަލުޗިސްތާނުގެ ޕަންޖޫރު ސަރަޙައްދުގައި ހިނގި ކަމަށް ބުނާ ޙާދިސާއެއްގައި، މީގެ ކުރިން ގެއްުވާލާފައިވާ ދެ ޒުވާނަކު ސިފައިންގެ ކުރިމަތި ލުމެއްގައި މަރާލާފައިވާ ކަމަށް ބުނެ ބަލުޗް ޔަކްޖެހްތީ ކޮމިޓީ (ބީ.ވައި.ސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ޙާދިސާއަކީ އެ ސަރަޙައްދުގައި މީހުން ނިޒާމުން ގެއްުވުމާއި ޤާނޫނާ ޚިލާފަށް މީހުން މެރުމުގެ ސިލްސިލާގެ ތެރެއިން ހިނގދިޔަ ކަމެއްކަމަށް އެ ޖަމުޢިއްޔާއިން ތުހުމަތުކުރެއެވެ.
މި ޙާދިސާގައި މަރުވެފައިވަނީ މުޙައްމަދު އައްޔޫބުގެ ދަރިފު ޝުޢައިބު އާއި، އުމުރުން 23 އަހަރުގެ ޕީރްޖާން ބަލުޗް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޝުޢައިބު ގެއްުވާލާފައިވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ކަމަށްވާއިރު، ޕީރްޖާން ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. މި ދެ މީހުންގެ ޢާއިލާތަކުން އެމީހުންގެ އިންތިޒާރުގައި ދިގު މުއްދަތެއް ހޭދަކޮށްފައި ވަނިކޮށް މިދިޔަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އެ ޢާއިލާތަކަށް އެންގީ އެމީހުން މަރުވެފައިވާ ކަމަށެވެ.
ސިފައިންނާއި ކަމާބެހޭ އިދާރާތަކުން މި ޢަމަލުތައް ހިންގަމުންދަނީ އެ ސަރަޙައްދުގެ ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެއްދުމުގެ މަޤުޞަދުގައި ކަމަށް ބީ.ވައި.ސީ އިން ތުހުމަތު ކުރެއެވެ.
ގެއްުލުވާލާފައިވާ މީހުން މަރާ ލުމަށްފަހު ޢާއިލާތަކާ ހަވާލުކުރުމަކީ ބަދަލު ނުކުރެވޭފަދަ ނަފްސާނީ އަނިޔާއެއް ލިބިގެންދާ ކަމެއްކަމަށާއި، މިކަމުގެ ސަބަބުން ޢާއިލާތަކަށް ޖަވާބު ނުލިބޭ އެތައް ސުވާލެއް ކުރިމަތިވަމުންދާ ކަމަށް އެ ޖަމުޢިއްޔާއިން ފާހަގަކުރެއެވެ.
މި މައްސަލައާ ގުޅިގެން ޤައުމީ އަދި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކުން މިނިވަން އަދި އަދުލވެރި ތަޙުޤީޤެއް ހިންގުމަށް ބީ.ވައި.ސީ އިން ވަނީ ގޮވާލާފެވެ.




