ވާޝިންޓަނާއި ތެހެރާން ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ މަސައްކަތް ޕާކިސްތާނުން ހުއްޓާއެއް ނުލާ ކަމަށާއި ހަމަލާތައް ބަދަލުނުކުރުމުގެ މުއްދަތު އިތުރުކުރެވިދާނެ ކަމަށާ ޕާކިސްތާނު ބުނެއެވެ.
އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ފަހުމުނާމާގައި ބަޔާންކޮށްފައިވާ 60 ދުވަހުގެ ހަމަލާތައް ބަދަލުނުކުރުމުގެ މުއްދަތު އިތުރުކުރެވިދާނެ ކަމަށް ޕާކިސްތާނުގެ ހާރިޖީ ވުޒާރާއިން ބުނެފިއެވެ.
ޕާކިސްތާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ތާހިރު އަންދުރާބީ ވިދާޅުވީ، މައްސަލަ އުފެދިފައިވާ ދެ ފަރާތް މަޝްވަރާގެ މޭޒަށް ގެނައުމަށާއި، ސުލްހައިގެ މަރުހަލާއަށް ހުރަސްއަޅަން އުޅޭ ފަރާތްތަކަށް އެ ފުރުސަތު ނުދިނުމަށް ޕާކިސްތާނުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ޕާކިސްތާނުގެ ދާހިލީ ވަޒީރު މުހުސިން ނަގްވީ ތެހެރާނަށް ކުރެއްވި ޒިޔާރަތުގެ ސަބަބުން، ސަރަހައްދީ ސުލްހައާއި ހަމަޖެހުމަށްޓަކައި ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އަންދުރާބީ ވިދާޅުވިއެވެ.
އީރާނުގެ ރިޔާސަތުން ބުނި ގޮތުގައި، ޕާކިސްތާނުގެ ދާހިލީ ވަޒީރުގެ މި ޒިޔާރަތުގެ މައިގަނޑު ބޭނުމަކީ އީރާނުގެ ދާހިލީ ވަޒީރު އިސްލާމާއާބާދަށް ކުރެއްވި ޒިޔާރަތުގައި ދެގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުންތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމެވެ.
އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް ވާޝިންޓަނާއެކު މުއާމަލާތްތައް ކުރިއަށްދާ ކަމަށާއި، ހުރުމުޒު ކަނޑުއޮޅިއާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ.
ސަރަހައްދީ މުހިންމު ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަންދުރާބީ ވިދާޅުވީ، ޕާކިސްތާނުގެ ހާރިޖީ ވަޒީރު މުހައްމަދު އިސްހާގު ދާރު ވަނީ ސައުދީ އަރަބިއްޔާ، ކުވެއިތު އަދި ބަހްރޭނުގެ ހާރިޖީ ވަޒީރުންނާ ފޯނުން ގުޅުއްވައި، ސަރަހައްދީ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކާ މެދު މަޝްވަރާ ކުރައްވާފައެވެ.
މި ފޯނުކޯގައި ފަލަސްތީނާއި ގުދުސްގެ މަސްރަހާ މެދުވެސް ދެފަރާތުން ވާހަކަދެއްކެވި ކަމަށް އަންދުރާބީ ވިދާޅުވިއެވެ.
މައްކާގެ އިއްތިހާދީ ދިފާއީ އެއްބަސްވުމާ ގުޅޭގޮތުން އަންދުރާބީ ވިދާޅުވީ، މި އެއްބަސްވުމަކީ ސަރަހައްދީ ސުލްހައާއި ސެކިއުރިޓީ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި ތިން ގައުމުގެ ގާބިލުކަން އިތުރުކުރުމަށް އޮތް ބޭނުންތެރިކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި ޕާކިސްތާނުގެ ހާރިޖީ ވަޒީރު ސިފަކުރެއްވި ގޮތުގައި މިއީ "ތާރީޚީ" އެއްބަސްވުމެކެވެ. މިއެއްބަސްވުން ގާއިމުކުރުމުގައި ޕާކިސްތާނުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ސައުދީ އަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީގެ ދެމެދުގައި ސޮއިކުރި މައްކާގެ އިއްތިހާދީ ދިފާއީ އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ، ކޮންމެ ގައުމަކަށް އަންނަ ހަމަލާއަކީ އެ ތިން ގައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލައި، ދިފާއީ އެއްބާރުލުން އިތުރުކުރުމެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ސޮލިބި ސަހުޔޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާތާ މަސްތަކެއް ވަނީވެފައެވެ. މި ހަނގުރާމައިގެ ސަބަބުން އީރާނުން ވަނީ އަރަބި ގައުމުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދީފައެވެ. އަދި ހުރުމުޒު ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ސަރަހައްދުގެ އިގްތިސާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ވަނީ ކޮށްފައެވެ.




