ޝޯޓްކަޓް ނެގުމާ މެދު "ޖެން ޒީ" ސަމާލުވުމަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ އިރުޝާދު ދެއްވައިފި އެވެ.
ނަރެންދުރަ މޯދީ ވިދާޅުވީ، ރީލްސްއާއި، އިންފްލުއެންސަރުންނާއި، އަވަސް އުފާތަކަށް އިސްކަންދޭ މި ޒަމާނުގައި، ޖެން ޒީ ޝޯޓްކަޓް ނެގުމާ މެދު ސަމާލުވާންޖެހޭ ކަމަށެވެ.
ރޭލު ސްޓޭޝަންތަކުގައި ބަހައްޓާފައި ހުންނަ އާންމު އިންޒާރަކަށް އިޝާރާތް ކުރައްވަމުން، ބޮޑުވަޒީރު މޯދީ ވަނީ ދިގު، ނަމަވެސް މާނަހުރި މަގެއް އިޚްތިޔާރު ކުރުމަށް ޒުވާނުންނަށް ގޮވާލައްވާފައެވެ.
މޮދީ ފާހަގަކުރެއްވި ގޮތުގައި، ބްރިޖު ބޭނުންކުރުމުގެ ބަދަލުގައި، އަވަސް މަގެއްގެ ގޮތުގައި ދެކެގެން ބައެއް މީހުން ރޭލު ދަގަނޑު ހުރަސްކުރެއެވެ. އެފަދަ ތަންތަނުގައި ލިޔެފައިވާ "ޝޯޓްކަޓަކުން ތިބާގެ އުމުރު ކުރުކޮށްފާނެ" މިއީ ވަރަށް ބޮޑު އިބުރަތެއް އެކުލެވޭ އިންޒާރެއް ކަމަށް ވިދާޅުވިއެވެ. އަދި އެކި ދިމަދިމާއަށް މީހުން އަނބުރާލަން މަސައްކަތްކުރާ "އިންފްލުއެންސަރުންނާ" މެދު ސަމާލުވުމަށް ޒުވާނުންނަށް އިރުޝާދު ދެއްވިއެވެ.
ބޮޑުވަޒީރު މޯދީ މި މޭރުމުން ވާހަކަފުޅު ދެއްކެވީ ކުރީގެ ރައީސް ރާމް ނާތު ކޯވިންދުގެ އަމިއްލަ ހަޔާތްޕުޅުގެ މައްޗަށް ލިޔުއްވާފައިވާ "ޓްރަޔަމްފް އޮފް ދަ އިންޑިއަން ރިޕަބްލިކް: މައި ލައިފް، މައި ސްޓްރަގްލްސް" ފޮތް ނެރުމަށް ދިއްލީގައި ބޭއްވި ރަސްމިއްޔާތުގައެވެ.
"ކުރިއަށްދާނެ މަގެއް ހޯދަން ބޭނުންނަމަ، ތިޔަބޭފުޅުން ގަބޫލުކުރައްވާ ބޭފުޅެއްގެ އަމިއްލަ ހަޔާތުގެ ވާހަކަ ކިޔުއްވުމަށް ޒުވާނުންގެ ކިބައިން އެދެން،" މޯދީ ވިދާޅުވިއެވެ.
މިއީ ކޮކްރޯޗް ޖަންތާ ޕާޓީ އިން އިސްނަގައިގެން ކުރިއަށްގެންދިޔަ ދަރިވަރުންގެ މުޒާހަރާތަކަށްފަހު، "ޖެން ޒީ" ޖީލާ ގުޅުން ބަދަހިކުރުމަށް ބޮޑުވަޒީރު މޯދީ ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން ދެއްވި ހާއްސަ މެސެޖެކެވެ.
އެމަނުފާނުގެ ސޯޝަލް މީޑިއާ ސްޓްރެޓެޖީ ވަނީ ޒުވާނުންގެ މެދުގައި މަގުބޫލު ބަހުރުވައާއި ފޯމެޓްތަކަށް ބަދަލުކުރައްވާފައެވެ. އެގޮތުން ސެލްފީ ސްޓައިލް ވީޑިއޯތައް އާންމުކުރައްވައި، "ހައި ފްރެންޑްސް" އޭ ވިދާޅުވެ، "ފަސްޓް އިން މައި ބްލަޑްލައިން" ފަދަ މަޝްހޫރު ޢިބާރާތްތައް ބޭނުންކުރައްވަން ވަނީ ފައްޓަވާފައެވެ. އަދި އިންޑިއާގެ ސަގާފީ ފޭރާން އިޝްތިހާރު ކުރެއްވުމަށް "ޖީއާރުޑަބްލިއުއެމް" (ގެޓް ރެޑީ ވިތު މީ) ފޯމެޓް ބޭނުންކުރެއްވިއެވެ.
މައިގަނޑު ގޮތެއްގައި މި ބަދަލުތައް ގެންނެވީ މީޓް އިމްތިހާނުގެ ޕޭޕަރު ލީކުވުމާ ގުޅިގެން ދަރިވަރުންނާއި ވަޒީފާ ހޯދާ ފަރާތްތަކުން ގައުމީ ފެންވަރުގައި ކުރި މުޒާހަރާތަކަށްފަހުގައެވެ. އެ މުޒާހަރާތަކުގެ ސަބަބުން ސަރުކާރަށް ބޮޑެތި ސިޔާސީ ގޮންޖެހުންތަކެއް ކުރިމަތިވެ، ތައުލީމީ ވަޒީރު ދަރުމެންދުރަ އަދާން ވަނީ އިސްތިއުފާ ދެއްވާފައެވެ.
ބީޖޭޕީއާއި އާރްއެސްއެސްއިންވެސް ވަނީ ޒުވާނުންނާ ގުޅުން ބަދަހިކުރުމުގެ މަސައްކަތް ވަރުގަދަކޮށްފައެވެ. ސަރުކާރުގެ ވުޒާރާތަކުން ކުރު ވީޑިއޯތައް ތައްޔާރުކުރަން ފަށާފައިވާއިރު، ޚާރިޖީ ވުޒާރާއިން ވަނީ ސްނެޕްޗެޓް ބޭނުންކުރަން ފަށާފައެވެ. މުޒާހަރާތަކަށްފަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި، ޒުވާނުންގެ މެދުގައި މަގުބޫލު މަންސަތަކުގައި ވަޒީރުން އިތުރަށް ހަރަކާތްތެރިވުމަށާއި، ވީޑިއޯތައް މާ ބޮޑަށް ރީތިކުރުމުގެ ބަދަލުގައި އާންމުންނާ ގުޅޭގޮތަށް ތައްޔާރުކުރުމަށް މޯދީ ވަނީ އިރުޝާދު ދެއްވާފައެވެ.





