އޯހާޔޯގައި ޓްރަމްޕް ހުންނެވި މަންޒިލްގެ ނޯ-ފްލައި ޒޯނަށް ވަން ބޯޓެއް އެފް-16 ޖެޓުތަކުން ހުއްޓުވައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޯހާޔޯގެ ޖެނީވާގައި ހުންނަވަނިކޮށް، އެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ބޯޓުފަހަރު އުދުހުން މަނާ ސަރަހައްދަށް ވަން އާދައިގެ ކުޑަ ބޯޓެއް އެމެރިކާގެ ސިފައިންގެ އެފް-16 ފައިޓަރު ޖެޓުތަކުން ހުއްޓުވައިފިއެވެ.
އުތުރު އެމެރިކާގެ ވައިގެ ދިފާއީ އިދާރާ (ނޮރާޑް) އިން ހާމަކުރި ގޮތުގައި، ހުއްދައާ ނުލައި މަނާ ސަރަހައްދަށް ވަދެފައިވަނީ އާންމު އާދައިގެ ކުޑަ ބޯޓެކެވެ. އެ ބޯޓު މަނާ ސަރަހައްދަށް ވަނުމާއެކު، ނޮރާޑުން ވަނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން އަވަސް ފިޔަވަޅުތަކެއް އަޅައި، އެފް-16 ޖެޓުތައް ފޮނުވައިގެން އެ ބޯޓު ފައްސާލާފައެވެ.
ޖެޓުތަކުން ވަނީ އެ ބޯޓުގެ ކެޕްޓަނަށް އިޝާރާތްކޮށް، މަނާ ސަރަހައްދުން ބޭރަށް އެ ބޯޓު މިސްރާބު ބަދަލުކުރުވައިފައެވެ. އަދި އެ ބޯޓު ވަނީ ކައިރީގައިވާ އެއާޕޯޓަކަށް އަމާންކަމާއެކު ޖައްސާފައެވެ.
މި ހާދިސާއާ ގުޅިގެން ސީކްރެޓް ސާވިސްއާއި ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި، މިއީ ގަސްދުގައި ނުރައްކަލެއް ކުރިމަތިކުރުމަށް ކުރި ކަމެއްކަމަކަށް އަދި ބެލެވޭކަށް ނެތެވެ. އަދި މި ހާދިސާގައި ޓްރަމްޕްގެ ސެކިއުރިޓީއަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައެއް ނުވެއެވެ. އާންމުކޮށް މިފަދަ ހާދިސާތައް ހިނގަނީ ކުދި ބޯޓުފަހަރު ދުއްވާ ފައިލަޓުންނަށް ވައިގެ ސަރަހައްދަށް ގެންނަ ވަގުތީ ބަދަލުތައް ނޭނގުމުގެ ސަބަބުންނެވެ.




