ދެވަނަ ބޮޑުހަނގުރާމައިގައި ޖަޕާން އަމާންދިނުމަށް މަޖުބޫރުކުރުވުމުގެ ގޮތުން އެމެރިކާއިން ހިންގި ހަނގުރާމައިގެ ޖަރީމާގައި ތާރީޚުގައި އެންމެ ފުރަތަމަ ފަހަރަށް ދެ އެޓޮމިކް ބޮން ބޭނުން ކޮށް ހިންގި ހަނގުރާމައިގެ ޖަރީމާގެ ޚަބަރުތަކާއި ތަސްވީރުތައް ދުނިޔެއަށް ފޯރުކޮށް ދޭނެ އެއްވެސް ފަރާތެއް ނުވިއެވެ. ނަމަވެސް، ފޮޓޯގްރާފަރަކާއި ދެ ނޫސްވެރިއަކު ވަނީ އެ ނުރައްކާތެރި އުނދަގޫ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާފައެވެ.
1945 ވަނަ އަހަރުގެ އޮގަސްޓް 6 ވަނަ ދުވަހު އެމެރިކާއިން އެންމެ ފުރަތަމަ ބޮން ހިރޯޝީމާއަށް ވައްޓާލިއެވެ. އަދި އޭގެ 3 ދުވަސް ފަހުން، އޮގަސްޓް 9 ވަނަ ދުވަހު ނަގަސާކީއަށް ދެވަނަ ބޮން ވައްޓާލިއެވެ.
މި ރަހުމު ކުޑަ ޖަރީމާގައި ސިކުންތުކޮޅެއްގެ ތެރޭގައި 250000 އެއްހާ މީހުންގެ ހަށިގަނޑު އަނދައި އަޅިއަށްވެ، ދެ ސިޓީގެ ނިޝާންތައް ބިމާ ހަމަވިއެވެ. މި ބޮޑު ކާރިސާގައި ސަލާމަތްވީ ހިރޯޝީމާގައި ހުރި ކޮމްބާކޫ ގުއްބު އިމާރާތް އެކަންޏެވެ.
ނަގަސާކީއަށް ބޮން ވައްޓާލިތާ ޖެހިގެން އައި ދުވަހު، ޖަޕާނުގެ މިލިޓަރީ ފޮޓޯގްރާފަރު ޔޫސުކޭ ޔަމަހާތާ ސިޓީއަށް ވަދެ، އެންމެ ފުރަތަމަ ފޮޓޯތައް ނެގިއެވެ. މައިނިޗި ނޫހުގައި މި ފޮޓޯތައް ޝާއިއުކުރީ އޭގެ 10 ދުވަސް ފަހުންނެވެ.
އަދި 1945 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު، ލެސްލީ ނަކަޝީމާ ތައްޔާރުކުރި ރިޕޯޓް ޔޫޕީއައި އޭޖެންސީއާއި ނިއުޔޯކް ޓައިމްސްގައި ޝާއިއުކުރިއެވެ. މިއާއެކު، އޭނާވެސް ވަނީ މި ހާދިސާގެ ތަފްސީލު އެންމެ ފުރަތަމަ ގެނެސްދިން ޖަޕާނު ނޫސްވެރިޔާއަށް ވެފައެވެ.
އޭގެފަހުން، 1945 ވަނަ އަހަރުގެ ސެޕްޓެމްބަރު 2 ވަނަ ދުވަހު، އިނގިރޭސިވިލާތުގެ ޑެއިލީ އެކްސްޕްރެސް ނޫހަށް މަސައްކަތްކުރި އޮސްޓްރޭލިއާގެ ނޫސްވެރިޔާ ވިލްފްރެޑް ބާޗެޓް ހިރޯޝީމާއަށް ވަނެވެ.
އޭނާއަކީ އެޓޮމިކް ހަތިޔާރުގެ ނުރައްކަލާއި ސިޓީއަށް ލިބުނު ގެއްލުންތައް ދުނިޔެއަށް ހާމަކޮށްދިން އެންމެ ފުރަތަމަ ހުޅަނގުގެ ނޫސްވެރިޔާއެވެ. ބާޗެޓް ހިރޯޝީމާއަށް ދިޔަ ވަގުތު، އެމެރިކާގެ ޔޫއެސްއެސް މިޒޫރީ މަނަވަރުގައި ޖަޕާނުން ދިޔައީ އިއްތިހާދީންގެ ކުރިމަތީގައި އަމާންދިނުމުގެ ތާރީޚީ އެއްބަސްވުމުގައި ސޮއިކުރަމުންނެވެ.
މި ހާދިސާއަށް 80އަހަރު ފުރުނުއިރުވެސް، ޖަޕާނުގެ ރައްޔިތުން އެ ހިތާމަވެރި ހަނދާންތައް އާކުރެއެވެ. އެމީހުން ބޭނުންވަނީ މިފަދަ ކާރިސާއެއް ދެން ތަކުރާރުނުވުމަށެވެ. ދެވަނަ ބޮޑުހަނގުރާމަ ނިމުމަކަށް އައި ނަމަވެސް، މިއީ ނިއުކްލިއަރ ހަތިޔާރު ވާދަވެރިކަމާއެކު އުފެއްދުމުގެ އާ ފެށުމެކެވެ.
ނަމަވެސް، ހިރޯޝީމާއާއި ނަގަސާކީގެ ހާދިސާއަށް 81 އަހަރު ފުރުނުއިރު، ޖަޕާނުގެ ދިފާއީ ވަޒީރު ކޮއިޒުމީ ޝިންޖީރޯ ވަނީ އާދޭސްތަކާ ޚިލާފަށް ދިފާއީ ނިއުކްލިއަރ ހަތިޔާރު ހޯދުމަށް ގޮވާލައްވާފައެވެ.
މިއީ ދެވަނަ ބޮޑުހަނގުރާމައަށްފަހު ވަޒީރަކު މިފަދަ ވާހަކައެއް ދެއްކެވި ފުރަތަމަ ފަހަރެވެ. ނަމަވެސް، އާންމުންގެ ބޮޑު ނުރުހުމަކާ ގުޅިގެން އޭނާ ވަނީ އެ ވާހަކަ އަނބުރާ ގެންދަވާފައެވެ.
ޖަޕާނުން އަދިވެސް ހިފަހައްޓަނީ ނިއުކްލިއަރ ހަތިޔާރު ނުއުފެއްދުމާއި، ގެންގުޅުން މަނާކުރާ 3 އުސޫލުގައެވެ. އަސާހީ ނޫހުން ނެގި ޚިޔާލުހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި، 75 އިންސައްތަ މީހުން ބޭނުންވަނީ މި އުސޫލުތައް އެގޮތުގައި ދެމެހެއްޓުމަށެވެ. އަދި އުސޫލުތައް ބަދަލުކުރަން ބޭނުންވަނީ 21 އިންސައްތަ މީހުންނެވެ.






