ޓްރަމްޕްގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމުގެ މައި ކުންފުނި ކަމަށްވާ ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ގްރޫޕުގެ ވިޔަފާރި ގެއްލުން 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި 238.1 މިލިއަން ޑޮލަރަށް އިތުރުވެއްޖެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކުންފުންޏަށް ލިބުނު ގެއްލުމަކީ 20 މިލިއަން ޑޮލަރެވެ. މި ގެއްލުން އިތުރުވީ ކުންފުނީގެ ޑިޖިޓަލް އެސެޓްތަކާއި ހިއްސާގެ މާކެޓް އަގަށް އައި ބަދަލުތަކުގެ ސަބަބުންނެވެ.
ކުންފުނީގެ އާމްދަނީ ވަނީ ނިސްބަތުން މިދިޔަ އަހަރާ އަޅާބަލާއިރު 89 އިންސައްތަ އިތުރުވެ، 1.67 މިލިއަން ޑޮލަރަށް އުފުލިފައެވެ.
ކުންފުނިން ހާމަކުރި ގޮތުގައި ގެއްލުމުގެ ބޮޑު ބަޔަކީ ފައިސާއިން ސީދާ ކުރި ޚަރަދުތަކެއް ނޫނެވެ. މީގެ ތެރޭގައި އެސެޓްތަކުގެ އަގު ދަށްވުމުގެ ސަބަބުން ލިބުނު 190.4 މިލިއަން ޑޮލަރުގެ ގެއްލުމާއި، އިންޓްރެސްޓްގެ ގޮތުގައި ހިސާބުކުރި 11.7 މިލިއަން ޑޮލަރާއި، ހިއްސާގެ ބަދަލުގައި ދިން އިނާޔަތްތަކަށް ހޭދަވި 8.1 މިލިއަން ޑޮލަރު ހިމެނެއެވެ.
2026 ވަނަ އަހަރުގެ މާޗު މަހާއި ޖޫން މަހާ ދެމެދު ބިޓްކޮއިން އާއި ކްރޯނޯސް ކްރިޕްޓޯކަރަންސީގެ އަގު ދަށްވުމުގެ ސަބަބުން، ކުންފުނީގެ ޑިޖިޓަލް އެސެޓްތަކުން 116.7 މިލިއަން ޑޮލަރުގެ ގެއްލުމެއް ރެކޯޑުކުރިއެވެ.
މީގެ އިތުރުން ކުންފުނީގެ ހިއްސާގެ ޕޯޓްފޯލިއޯއިން 73.7 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބި، އިންވެސްޓްމަންޓްތަކުން ޖުމްލަ 71.8 މިލިއަން ޑޮލަރުގެ ގެއްލުމެއް ރެކޯޑުކުރިއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އިންވެސްޓްމަންޓްތަކުން 11.1 މިލިއަން ޑޮލަރުގެ ފައިދާއެއް ކުންފުންޏަށް ލިބުނެވެ.
ކުންފުނީގެ ހިންގުމުގެ ގެއްލުން ވަނީ 163.5 މިލިއަން ޑޮލަރަށް އަރާފައެވެ. އާންމު އަދި އިދާރީ ޚަރަދުތައް 26 އިންސައްތަ އިތުރުވެ 35.9 މިލިއަން ޑޮލަރަށް އެރިއެވެ. މީގެ ތެރޭގައި 2024 ވަނަ އަހަރު ކުންފުނި އެއްކޮށްލުމުގެ ކުރިން ހުރި ގާނޫނީ މައްސަލަތަކަށް ހޭދަވި 25.6 މިލިއަން ޑޮލަރު ހިމެނެއެވެ.
އާމްދަނީ ލިބުނު މުހިންމު ވަސީލަތްތައް
ޓްރަމްޕް މީޑިއާއިން ބުނި ގޮތުގައި ކުންފުންޏަށް އާމްދަނީ ލިބުނީ ތިން ކަމަކުންނެވެ.
- ފައިސާގެ ބަދަލުގައި ޚިދުމަތް ހޯދައިގެން ދިން އިޝްތިހާރުތަކުން.
- ޓްރޫތު ޕްލަސް ޕްލެޓްފޯމުން އިތުރު ޗެނަލްތައް ބެލުމަށް ފޯރުކޮށްދޭ "ޕެޓްރިއޮޓް" ސަބްސްކްރިޕްޝަނުން.
- "ޓްރޫތު.ފައި" ބްރޭންޑްގެ ދަށުން ހިންގާ 5 އިންވެސްޓްމަންޓް ފަންޑު މެނޭޖްކޮށްގެން ލިބުނު ފީތަކުން.
2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުންފުނީގެ ޖުމްލަ އެސެޓް ވަނީ 2.02 ބިލިއަން ޑޮލަރަށް ދަށްވެފައެވެ. 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު މިއަދަދު އުޅުނީ 2.63 ބިލިއަން ޑޮލަރުގައެވެ. ކުންފުނީގެ އެސެޓްތަކުގެ ތެރޭގައި 215.5 މިލިއަން ޑޮލަރުގެ ނަގުދު ފައިސާއާއި، 209.2 މިލިއަން ޑޮލަރުގެ ކުރިމުއްދަތުގެ އިންވެސްޓްމަންޓާއި، 597.7 މިލިއަން ޑޮލަރުގެ ޑިޖިޓަލް އެސެޓް ހިމެނެއެވެ.
އާ ޚިދުމަތާއި އުފެދުނު ސުވާލުތައް
އޮގަސްޓް 1 ވަނަ ދުވަހު ކުންފުނީގެ އާ ޚިދުމަތެއް ކަމަށްވާ "ޓްރޫތު އޭޕީއައި" ވަނީ ތައާރަފުކޮށްފައެވެ. މި ޚިދުމަތުގެ ސަބަބުން ޓްރަމްޕްގެ ޕޯސޓްތައް ބޮޑެތި ކުންފުނިތަކަށް އާންމުންނަށް ފެނުމުގެ ސިކުންތުކޮޅެއް ކުރިން ލިބެއެވެ. މީގެ ތެރޭގައި 12.9 މިލިއަން ފޮލޯވަރުން ތިބި އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕްގެ އެކައުންޓް ހިމެނެއެވެ.
މި ޚިދުމަތަށް މަހަކު 60000 ޑޮލަރާއި 100000 ޑޮލަރާ ދެމެދުގެ ފީއެއް ނަގައެވެ. ޚިދުމަތް ފެށުމާއެކު 5 ޓްރޭޑިންގ ކުންފުނިން ޚިދުމަތަށް އެދުނު އިރު، މިހާރު 10 އަށްވުރެ ގިނަ ކުންފުންޏާއެކު އެއްބަސްވުންތަކުގައި ވަނީ ގާއިމް ކޮށްފައެވެ.
މި ޚިދުމަތް އަމާޒުކުރަނީ ހިއްސާގެ މާކެޓަށް ބަދަލު އަންނަ ޚަބަރުތަކަށް ވަގުތުން ފިޔަވަޅު އަޅާ އޮޓޯމޭޓެޑް ޓްރޭޑިންގ ސިސްޓމްތައް ހިންގާ ކުންފުނިތަކަށެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ފައިދާ ހޯދާކަމުގެ ތުހުމަތާއެކު އެމެރިކާގެ ސެނެޓަރުން ވަނީ މިކަން ތަހުގީގުކުރުމަށް ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަނަށް ގޮވާލާފައެވެ.
ސޯޝަލް މީޑިއާއަށް އިސްކަންދިނުން
ކުންފުނީގެ އާ ޗީފް އެކްޒެކެޓިވް އޮފިސަރު ކެވިން މެކްގަރން ވިދާޅުވި ގޮތުގައި، ކްރިޕްޓޯކަރަންސީއާއި އޮންލައިން ކެސިނޯގެ ދާއިރާއަށް ޓްރަމްޕްގެ ވިޔަފާރި ފުޅާވުމަށް ކުރި މަސައްކަތްތަކަށްފަހު، ކުންފުނިން އަލުން ސޯޝަލް މީޑިއާގެ ޚިދުމަތްތަކަށް އިސްކަންދޭން ވަނީ ނިންމާފައެވެ.
މެކްގަރން އިތުރަށް ވިދާޅުވީ، ކުންފުނީގެ މުހިންމު މަޝްރޫއުތަކަށް ވަގުތާއި ވަސީލަތްތައް ހުސްކުރުމުގެ ގޮތުން މި ބަދަލު ގެނައުމަށް ނިންމީ ވިސްނުންތެރިކަމާއެކު ކަމަށެވެ. އަދި އަހަރު ނިމުމުގެ ކުރިން ހަކަތަ އުފައްދާ ޓްރަމްޕްގެ ކުޑަ ދަރީގެ ކުންފުންޏެއް ކަމަށްވާ "ޓީއޭއީ ޓެކްނޮލޮޖީސް" އާއެކު ކުންފުނި އެއްކޮށްލުމުގެ އެއްބަސްވުން ފުރިހަމަކުރަން މަސައްކަތްކުރާނެ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.





