ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާ، އަންނަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ޤައުމަށް އެނބުރި ވަޑައިގަންނަވާއިރު، ޙަސީނާއަށް އެއްވެސް ގޯނާއެއް ނުކުރުމަށާއި އެކަމަނާއަށް އެއްވެސް ނުރައްކަލެއް ކުރިމަތިވާނަމަ އެކަމުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހޭނީ ބޮޑުވަޒީރު ތާރިޤު ރަޙްމާންގެ ސަރުކާރުން އެކަނި ކަމަށް ޕެންޓަގަންގެ ކުރީގެ އޮފިޝަލަކު އިންޒާރު ކުރައްވައިފިއެވެ. ނިއުޔޯކުގައި "ބަންގްލާދޭޝްގެ މުސްތަޤުބަލު" ގެ ނަމުގައި ބޭއްވި ސެމިނާރެއްގައި ވާހަކަ ދައްކަވަމުން މައިކަލް ރޫބިން ވަނީ، ބަންގްލާދޭޝްގެ ކަމާބެހޭ ފަރާތްތަކަށް ދީލާ ނުލުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާފައެވެ.
2002 އިން 2004 އަށް ޕެންޓަގަންގައި ޚިދުމަތް ކުރެއްވި ރޫބިން ވިދާޅުވި ގޮތުގައި، ޙަސީނާއަށް ގެއްލުމެއް ލިބިއްޖެނަމަ، އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ތާރިޤު ރަޙްމާން އާއި ސަރުކާރުގެ ފަރާތްތަކުން ކަމަށް އަންގަން ޖެހެއެވެ. އަދި އެމެރިކާގެ ސަފީރާއި އެމްބަސީތަކުގެ ޑިޕްލޮމެޓުންވެސް މި މެސެޖު ޑާކާއަށް ފޯރުކޮށްދިނުމަށް އޭނާ އެދިވަޑައިގަތެވެ.
2024 ވަނަ އަހަރު ދަރިވަރުން އިސްވެ ތިބެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ބަންގްލާދޭޝް ދޫކުރައްވައި ވަޑައިގަތުމަށްފަހު އިންޑިއާގައި ދިރިއުޅުއްވަމުން ގެންދަވާ ޙަސީނާ، މި ސެމިނާރުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ އޮންލައިންކޮށެވެ.
ޙަސީނާ އެނބުރި ޤައުމަށް ވަޑައިގަތުމުގެ މައްސަލަ މިހާރު އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ބަންގްލާދޭޝްގައި ފާހަގަކުރާ ވިކްޓަރީ ޑޭ ކަމަށްވާ ޑިސެމްބަރު 16 ވަނަ ދުވަހު ޤައުމަށް ވަޑައިގަތުމަށް ޙަސީނާ ނިންމެވި އިރު، ބަންގްލާދޭޝްގެ އެކި ކަންކޮޅުތަކުގައި އަވާމީ ލީގުގެ މެންބަރުން ނުކުމެ ބީއެންޕީ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް ހަމަނުޖެހުންތައް ހިންގަމުންދެއެވެ. މަނާކޮށްފައިވާ ހަސީނާގެ ޕާޓީން ތުހުމަތު ކުރާ ގޮތުގައި، ޙަސީނާ އެނބުރި ވަޑައިގަތުމަށް ސަރުކާރުން ދަނީ ހުރަސްތައް އަޅަމުންނެވެ.
2024 ވަނަ އަހަރުގެ މުޒާހަރާތަކުގައި 1,000 އަށް ވުރެ ގިނަ މީހުން މަރުވި ހާދިސާތަކާ ގުޅިގެން، އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގިކަމުގެ ކުށް ސާބިތު ކޮށް، ޙަސީނާގެ ޣައިރު ހާޒިރުގައި އޭނާއަށް ވަނީ މަރުގެ ހުކުމެއް އިއްވާފައެވެ.
އަދި އެނބުރި ގައުމަށް ވަޑައިގަތުމުން ޙަސީނާ ހައްޔަރުކޮށް ޖަލަށް ލާނެ ކަމަށް ބަންގްލާދޭޝް ސަރުކާރުން ބުނެފައިވީ ނަމަވެސް، އެކަން ކުރާނެ ގޮތެއް އަދި މުޅިން ސާފެއް ނޫނެވެ.
އެނބުރި ވަޑައިގަތުމަށް ޙަސީނާ ޕާސްޕޯޓަކަށް އެދިވަޑައިގެން،ފައި ވެއެވެ. އަދި ޤައުމީ އެއާލައިންގެ ފްލައިޓެއްގައި އެނބުރި ވަޑައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުގައި ދަންނަވާފައި ވެއެވެ.
ނަމަވެސް ޑާކާގައި މަސްއޫލުވެރިން ވިދާޅުވަނީ ހަސީނާ ގެންނަންވާނީ އިންޑިއާ މެދުވެރިކޮށް ކުށްވެރިން ބޭރުކުރާ އުސޫލުންނެވެ. ބަންގްލާދޭޝްގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހުމާޔޫން ކަބީރު ވިދާޅުވެފައިވަނީ، ޓެރަރިސްޓަކު އެނބުރި އައުމުގެ ހުއްދަ ސަރުކާރަކުން ހަސީނާ އެދިވަޑައިގަންނަވާ ގޮތަކަށް ދުވަހަކުވެސް ނުދޭނެ ކަމަށާއި، ޙަސީނާ ގެނެވޭނީ ހަމައެކަނި އަތުބިޑި އަޅުވައިގެންނެވެ.




