ޖީޒާގެ ހައިޥޭގައި ބައުޒަރެއް ގޮވައިގެން 31 މީހުން މަރުވެއްޖެ

މިޞްރުގެ ވެރިރަށް ޤާހިރާ ސަރަހައްދުގެ ޖީޒާގައި ބާރު ދުވެލީގައި ދިޔަ ތެޔޮ ބައުޒަރެއް ފުރޮޅާލައިގެން ހިނގި ގޮވުމެއްގައި 31 މީހުން މަރުވެ، 21 މީހަކަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ޖީޒާގހެ އިމްބާބާ ޑިސްޓްރިކްޓްގެ އަލްވައްރާޤް އަވަށުގައި އޮންނަ، ބާރު ބޮޑު ރިންގް ރޯޑެއްގައެވެ. ލޯކަލް މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ގޮވުން ހިނގީ ވެހިކަލްގެ ކުރިމައްޗަށް ކަރަންޓު ކޭބަލެއް ވެއްޓުމުން، އެއިން ސަލާމަތްވުމަށް ޑްރައިވަރު ވެހިކަލް އަނބުރާލަން އުޅުމުގެ ތެރޭގައެވެ. މި ހާދިސާގައި 27 ވެހިކަލެއްގައި އަލިފާން ރޯވެ، އަނދާ ހުލިވެފައިވެއެވެ.

ހާދިސާ ހިނގި ސަރަހައްދަށް 39 އެމްބިއުލާންސް ފޮނުވައި، އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ކައިރީގައި ހުރި ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ. މިޞްރުގެ ޕަބްލިކް ޕްރޮސެކިއުޓަރު ވަނީ މި އެކްސިޑެންޓް ތަހުގީގު ކުރުމަށް ނިންމަވައި، މަރުވި މީހުންގެ ޑީއެންއޭ ސާމްޕަލް ނެގުމަށް އަމުރު ކޮށްފައެވެ.

ގާތްގަނޑަކަށް 120 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މިޞްރުގެ މަގުތަކަކީ ނުރައްކާތެރި މަގުތަކެކެވެ. ސެންޓްރަލް އޭޖެންސީ ފޯ ޕަބްލިކް މޮބިލައިޒޭޝަން އެންޑް ސްޓެޓިސްޓިކްސް (ކެޕްމާސް) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2019 އިން 2025 އާ ދެމެދު މަގުމަތީގެ އެކްސިޑެންޓްތަކުގައި 44,940 މީހުން މަރުވެ، 5 ލައްކައެއްހައި މީހުންނަށް އަނިޔާވެފައިވެއެވެ. މިދިޔަ އަހަރު އެކަނިވެސް 5,800 އަށް ވުރެ ގިނަ މީހުން މަގުމަތީގައި މަރުވެ، 84,000 މީހުންނަށް އަނިޔާވެފައިވެއެވެ.

ވޯލްޑް ބޭންކުން 2020 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ޤާހިރާގެ މަގުތަކުގެ 97 އިންސައްތަ މަގުގައި ޓްރެފިކް ލައިޓް ނެތުމާއި، 78 އިންސައްތަ މަގުގައި ހިނގާ މީހުންނަށް ޚާއްސަ ދުވާރު ސާފުކޮށް ފެންނާން ނެތުމަކީ މިފަދަ ހާދިސާތައް ހިނގުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ރޭލު ދަތުރުފަތުރަށް ބަލާއިރު، 2025 ވަނަ އަހަރު ރޭލުގެ 170 ހާދިސާއެއް މިސްރުގައި ރިޕޯޓު ކޮށްފައި ވެއެވެ، އެ ހާދިސާތަކުގައި 44 މީހުން މަރުވެ، 215 މީހުންނަށް އަނިޔާވެފައިވެއެވެ.

މީގެ އިތުރުން، މި މަހުގެ ކުރީކޮޅުވެސް ޖީޒާގައި އެއް ރޭލު އަނެއް ރޭލު ޖެހި ހިނގި ހާދިސާއެއްގައި މަދުވެގެން ހަތް މީހުން މަރުވެ، 125 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައި ވެއެވެ.

2014 އިން 2024 އާ ދެމެދު ދަތުރުފަތުރުގެ ދާއިރާއަށް އިންވެސްޓްކުރުމަށް ގާތްގަނޑަކަށް 37 ބިލިއަން ޑޮލަރު ސިސީގެ ސަރުކާރުން ޚަރަދުކޮށްފައި ވެއެވެ.

ނަމަވެސް ސަރުކާރުން ފައިސާ ހެޑަކުރާ ގޮތާ މެދު އިދިކޮޅު ފަރާތްތަކުން ސުއާލު އުފައްދައެވެ. ރިފޯމް އެންޑް ޑިވެލޮޕްމަންޓް ޕާޓީގެ ޕާލަމެންޓްރީ ބްލޮކްގެ ލީޑަރު އައިރީން ސައީދު ވަނީ، 2016 ވަނަ އަހަރު ޓްރާންސްޕޯޓް މިނިސްޓްރީން ލިބުނު ފަންޑާއި ލޯނުތައް ޚަރަދުކުރި ގޮތުގެ ފުރިހަމަ ދެފުށްފެންނަ އޮޑިޓެއް ހެދުމަށް ގޮވާލައްވާފައެވެ.

ހިއްސާ ކުރައްވާ!