ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާއެކު ކުރައްވާ ސޮލީބީހަނގުރާމައިން ވަނީ "ނާކާމިޔާބުވެފައި" ކަމަށާއި، ހަނގުރާމަ ކުރިއަށްދާ ވަރަކަށް ވޮޝިންގްޓަން ބަލިކަށިވެ ތެހެރާން ވަރުގަދަވަމުންދާ ކަމަށް އެމެރިކާގެ ޑިމޮކްރެޓިކް ސެނެޓަރު ކްރިސް މާފީ ވިދާޅުވެއްޖެއެވެ. އަދި "ގޯސް އެއްބަސްވުމެއް" ގަބޫލުކުރަން ޖެހުނު ކަމުގައިވީ ނަމަވެސް، ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި ހަނގުރާމަ ނިންމާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
ޑިމޮކްރެޓިކް ސެނެޓަރު ކްރިސް މާފީ އެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މަސްތަކަކަށް ދެމިގެންގޮސްފައިވާ މި ހަނގުރާމައިގަިއ ވަރުގަދަ ވެގެން ދިޔައީ އީރާން ކަމަށެވެ. އަދި ހަނގުރާމަ ނިންމައި ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި ގޯސް އެއްބަސްވުމެއް ލިބެން އޮތް ނަމަވެސް އެފަދަ އެއްބަސްވުމަކަށް އޭނާ ތާއީދުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ކޮނެކްޓިކަޓްގެ މިމެންބަރު އިތުރަށް ވިދާޅުވީ، ސިޔާސީ މަޝްވަރާތައް ހުއްޓިފައިވާތީ، އެ މުހިންމު ކަނޑުއޮޅި އަލުން ހުޅުވާލުމަށް ކުރަންޖެހޭ ހޭދަ ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.
ވޮޝިންގްޓަން ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ އޮފިޝަލުން ވަނީ ގެއްލުމުގެ ބަދަލު ހޯދުމަށާއި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި، އަދި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ގަލްފްގައި ހުއްޓާލުމަށް އެދިފައެވެ.
"ހަނގުރާމަ ނިންމާލަންޖެހޭ. ސަބަބަކީ ހަނގުރާމަ ދެމިގެންދާ ކޮންމެ ދުވަހަކު އެމެރިކާ ދަނީ ބަލިކަށިވަމުން، އީރާނު ދަނީ ވަރުގަދަވަމުން. އަދި ތަކެތީގެ އަގުތައް އުފުލެމުންދާތީ އެމެރިކާގެ ރައްޔިތުންނަށް ދަނީ މީގެ ނޭދެވޭ އަސަރުކުރަމުން." ހަނގުރާމަ ނިންމާލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މާފީ ވިދާޅުވިއެވެ.
ހަނގުރާމަ ކުރިއަށްގެންދިއުމަށް އިތުރު ބަޖެޓެއް ދިނުމާ ދެކޮޅުހައްދަވާނެ ކަމަށް ސެނެޓަރު ވިދާޅުވިއެވެ. ނަމަވެސް ހަނގުރާމަ ނިމުމަކަށް އައުމުން އެމެރިކާގެ ހަތިޔާރުގެ ރިޒާވް އަލުން އިއާދަ ކުރުމަށް އޭނާ ތާއީދުކުރައްވާނެ ކަމަށް އިޝާރާތްކުރެއްވިއެވެ.
2026 ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ސޮލީބީ ސަހުޔޫނީ އަސްކަރީ ހަމަލާތައް ދޭންފެށުމުން، އީރާނުން ދިން ރައްދު ހަމަލާތަކުގެ ސަބަބުން ތެޔޮ އުފުލާ މުހިންމު ކަނޑުގެ މަގުތައް ބަންދުވެފައި އެމެރިކާގެ ހަތިޔާރު ގުދަސް ހުސްވާން މެދުވެރިވެފައި ވެއެވެ.






