ޔަހޫދީން އީރާން އެތެރޭގައި ހިންގަން އުޅުނު އޮޕަރޭޝަން ތުރުކީން ނާކާމިޔާބު ކުރި

އީރާނުގެ ސަރުކާރު ވައްޓާލުމަށާއި އެ ގައުމުގެ އެތެރޭގައި ހަމަނުޖެހުން އުފެއްދުމަށް ކުރުދީ ހަތިޔާރުއެޅި ޖަމާއަތްތައް ބޭނުންކުރުމަށް ޔަހުދީ ރެޖީމްގެ ޖާސޫސީ އިދާރާ މޮސާޑުން ރޭވި ރޭވުން ނާކާމިޔާބުކޮށްލުމުގައި ތުރުކީގެ ދައުރު ބޮޑުކަމަށް އިސްރާއީލުގެ މީޑިއާ ރިޕޯޓްތަކުން ހާމަވެއްޖެއެވެ.

މި ރޭވުން ނާކާމިޔާބުވުމާ ގުޅިގެން އިސްރާއީލުގެ ޖާސޫސީ އިދާރާގެ އެތެރޭގައި ބޮޑެތި ނުތަނަވަސް ކަންކަން އުފެދި، މޮސާޑުގެ އިސް ދެ އޮފިޝަލަކު ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި މި ރޭވުމުގެ ސިޔާސީ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތްތަކާ މެދު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ.

28 ފެބްރުއަރީގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭންފެށި ސޮލީބީ ސަހުޔޫނީ ހަމަލާތަކާއެކު، އެ ގައުމުގެ އެތެރޭގެ ހަމަޖެހުން ނަގާލުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ.

އިސްރާއީލުގެ މީޑިއާ ރިޕޯޓްތަކުގައިވާ ގޮތުން، އިސްރާއީލުގެ ވައިގެ ހަމަލާތަކާ އެކުއެކީގައި، އިރާގުގެ އުތުރާއި އީރާނުގެ އެތެރޭގައި ހަރަކާތްތެރިވާ ކުރުދީ ހަތިޔާރުއެޅި ޖަމާއަތްތައް ބޭނުންކޮށްގެން ހަތިޔާރު ސަޕްލައިކުރުމަށް މޮސާޑުން ޚާއްސަ އުކުޅެއް ރޭވިއެވެ.

މި ރޭވުމުގެ މައިގަނޑު ބޭނުމަކީ ވައިގެ މަގުން އަސްކަރީ ނުފޫޒު ފޯރުވަމުންދާ ވަގުތު، އީރާނުގެ ސަރުކާރާ ދެކޮޅަށް އާންމުން ތެދުވުމަށް މަގުފަހިކުރުމެވެ. ނަމަވެސް އިސްރާއީލުގެ ރިޕޯޓްތަކުން މިހާރު އެނގޭ ގޮތުގައި މި ރޭވުން އަމަލީ ގޮތުން ހިންގިފައެއް ނުވެއެވެ. އަދި އޭގެ ފަހުން އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުން މޮސާޑަށާއި ނަތަންޔާހޫގެ ސަރުކާރަށް ކުރިމަތިވެފައިވާ ފާޑުކިޔުންތައް ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިރާގުގެ އުތުރާއި އީރާނުގެ އިންވަކިކުރާ ސަރަހައްދުގައި ކުރުދީ ބާޣީންގެ ޕީކޭކޭ އަދި ޕީޖޭއޭކޭއާ ގުޅުންހުރި މީހުންގެ ހަރަކާތްތައް އިތުރުވާން ފެށުމުން ތުރުކީން މި ކަމުގެ ތެރެއަށް ވަނެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އެރްދޮގާން ވަނީ މާރިޗު މަހުގެ ކުރީކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ބޭއްވެވި ފޯނު ކޯލެއްގައި މި މައްސަލަ ސީދާ ހުށަހަޅުއްވާފައެވެ.

އީރާނުގެ ހަނގުރާމައިގެ ތެރެއަށް ނިރުބަވެރި ޖަމާއަތްތައް ވަނުމަށް ހުއްދަ ނުދިނުމަށް އަންކާރާއިން އިންޒާރުދިނެވެ. އަދި އީރާނުގެ ސަރަހައްދުގެ ހަމަޖެހުން ހިމާޔަތްކުރުމަށް ތުރުކީން ގެންގުޅޭ ސިޔާސަތު އަލުން ތަކުރާރުކުރެއްވި އެވެ.

އޭގެ ފަހުން އެމެރިކާގެ މީޑިއާ ރިޕޯޓްކުރި ގޮތުގައި، އީރާނުގެ އެތެރޭގައި ކުރުދީ ޖަމާއަތްތައް ބޭނުންކުރުމަށް ޓްރަމްޕް ދެކޮޅުހެއްދެވިއެވެ. އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުށަހެޅި އީރާންގެ ސަރުކާރު ވައްޓާލުމުގެ ހުށަހެޅުމާ މެދު ޓްރަމްޕްގެ ޝައްކުތައް އިތުރުވިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީވެސް ވަނީ މި ރޭވުން ކުރިއަށް ދިޔަނުދީ ހުއްޓުވުމުގައި ތުރުކީން އިސް ދައުރެއް އަދާކުރިކަން ކަށަވަރުކޮށްދެއްވާފައެވެ.

އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓްކުރި ގޮތުގައި، ސަރުކާރު ވައްޓާލުމުގެ ރޭވުމާ ގުޅުންހުރި މޮސާޑުގެ އިސް ދެ އޮފިޝަލަކު، އެ ރޭވުން އެކުލަވާލިތާ އެތައް މަސް ފަހުން ވަނީ މަގާމުން ވަކިކޮށްފައެވެ. އިސްރާއީލުގެ މީޑިއާ ބުނާ ގޮތުގައި ނަތަންޔާހޫ ވަނީ މި ހުށަހެޅުމަށް ތާއީދުކުރައްވައި، ޓްރަމްޕަށް އެ މައުލޫމާތު ހުށަހަޅުއްވާފައެވެ.

އެމެރިކާގެ ހުއްދައަށް ބަރޯސާވި ރޭވުމެއް ނާކާމިޔާބުވުމުން، އޭގެ މަސްއޫލިއްޔަތު މޮސާޑުގެ އޮފިޝަލުންގެ ބޮލުގައި އަޅުވަނީތޯ ސުވާލުއުފެދި، އިދާރާގެ އެތެރޭގައި ބަހުސްތައް ވަނީ ފެށިފައެވެ. މައާރިވް ނޫހަށް މައުލޫމާތު ދިން މޮސާޑުގެ އޮފިޝަލަކު ބުނީ، މި ރޭވުން އަމަލީ ގޮތުން ހިންގާފައި ނުވާތީ އެއީ ފެއިލްވުމެއް ނޫން ކަމަށާއި، މައިގަނޑު ސަބަބަކީ ޓްރަމްޕް އެކަމަށް ހުއްދަ ނުދެއްވުން ކަމަށެވެ.

އަދި އިސްރާއީލުގެ ސިޔާސީ ވެރިން ހަނގުރާމައިގެ ނާކާމިޔާބީތަކުގެ މަސްއޫލިއްޔަތު ޖާސޫސީ އިދާރާގެ ބޮލުގައި އަޅުވާ ކަމަށް ބުނެ، މޮސާޑަށް މީގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް އެ އޮފިޝަލު ތުހުމަތުކުރިއެވެ.

މި ޚިޔާލުތަފާތުވުންތަކާއެކު، މޮސާޑުގެ މިހާރުގެ ވެރިޔާ ރޯމަން ގޯފްމަންއަށްވެސް ވަނީ ސަމާލުކަން ހުއްޓިފައެވެ. މޮސާޑުގެ ކުރީގެ އޮފިޝަލަކު ބުނި ގޮތުގައި، ގޯފްމަން ނަތަންޔާހޫގެ އަސްކަރީ ސެކްރެޓަރީގެ މަގާމުގައި ހުރިއިރު، މި ރޭވުމުގެ މަޝްވަރާތަކުގައި ބައިވެރިވެ، އެ ރޭވުމަށް ތާއީދުކުރިއެވެ.

ހިއްސާ ކުރައްވާ!