ޣައްޒާއާއި ލުބުނާނުގައި އިސްރާއީލުން ހަނގުރާމައިގެ ޖަރީމާތަކާއި ގަތުލުއާމް ހިންގުމަށްފަހު ޗުއްޓީއަށް ވިއެޓްނާމަށް ގޮސް ނާސިގެއެއްގައި އުޅެނިކޮށް ހިންދު ރަޖަބް ފައުންޑޭޝަނުން އިސްރާއީލުގެ ރިޒާވް ސިފައިންގެ މީހެއް ކަމަށްވާ މަތާން ޖެރާފީއާ ދެކޮޅަށް ޖިނާއީ މައްސަލައެއް ހުށަހަޅައިފިއެވެ. އަދި ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން އޭނާ ހައްޔަރުކުރުމަށް އެ ފައުންޑޭޝަނުން ވަނީ ވިއެޓްނާމުގެ ސަރުކާރަށް ގޮވާލާފައެވެ.
އިމް ތިރްޒޫ ޖަމްއިއްޔާގެ ސީއީއޯ މަތާން ޖެރާފީ، ޣައްޒާއާއި ދެކުނު ލުބުނާނުގައި އިސްރާއީލުން ހިންގި އަސްކަރީ ހަރަކާތްތަކުގައި ހަނގުރާމައިގެ ކުށްތަކާއި، ގަތުލުއާންމު ހިންގުމާއި، އަދި ގަތުލުއާމަށް ހިތްވަރުދިން ކަމަށް ތުހުމަތުކޮށް ހިންދު ރަޖަބު ފައުންޑޭޝަނުން ވަނީ ވިއެޓްނާމްގެ ކަމާބެހޭ ފަރާތްތަކަށް ޖިނާއީ މައްސަލައެއް ހުށަހަޅާފައެވެ.
ބްރަސަލްސްގައި ގާއިމުވެފައިވާ މި ޖަމްއިއްޔާއިން ބުނި ގޮތުގައި، ޖެރާފީ ޚިދުމަތްކުރީ 769 ވަނަ ބްރިގޭޑުގެ 920 ވަނަ އިންފެންޓްރީ ބެޓާލިއަންގައެވެ. އަދި އޭނާ ޣައްޒާއާއި ދެކުނު ލުބުނާނަށް ފޮނުވިކަން ސާބިތުވާ ލިޔެކިޔުންތައް ހުރިއިރު، އޭނާ ވަނީ އާންމުންގެ މުދާ ޣައިރުގާނޫނީ ގޮތެއްގައި ހަލާކުކުރުމުގައި ބައިވެރިވެފައެވެ.
ޣައްޒާއާއި ލުބުނާނުގައި ހިންގި ކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ކުށްތައް
މައްސަލައާއެކު ހުށަހެޅި ހިންދު ރަޖަބުން ހުށަހެޅި ހެކިތަކުން ދައްކާ ގޮތުގައި، 2023 ޑިސެމްބަރާއި 2024 ޖެނުއަރީއާ ދެމެދު ޣައްޒާގެ މެދުތެރޭގައިވާ ބުރެއިޖް އަދި މަޣާޒީ ރެފިއުޖީ ކޭމްޕްތަކާއި، ޣައްޒާ ސިޓީގެ ޝުޖާއިއްޔާއާއި ރިމާލް އަވަށުގައިވާ އާންމުންގެ އިމާރާތްތައް ހަލާކުކުރުމުގައި ޖެރާފީ ބައިވެރިވިއެވެ.
އޭގެ ފަހުން، 2024 އޮކްޓޫބަރާއި ނޮވެމްބަރާ ދެމެދު އޭނާ ދެކުނު ލުބުނާނަށް ބަދަލުކުރިއެވެ. އަދި އެ ތަނުގައިވެސް އޭނާ އާންމުންގެ އިމާރާތްތައް ހަލާކުކުރުން ކުރިއަށްގެންދިޔަ ކަމަށް ފައުންޑޭޝަނުން ބުންޏެވެ. 2023 އޮކްޓޫބަރުގެ ހަނގުރާމަ ނިމުމަކަށް ގެނައި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށްފަހުވެސް، މާރިޗު 2 ގައި އިސްރާއީލުން ވަނީ ލުބުނާނަށް އަލުން ހަމަލާތައް ދޭން ފަށާފައެވެ. އަދި ސިފައިން ބޭލުމުގެ މާއްދާތަކާ ޚިލާފަށް އިސްރާއީލު ސިފައިން ދަނީ ދެކުނު ލުބުނާނުގެ ބައެއް ސަރަހައްދުތައް އަދިވެސް ހިފަހައްޓަމުންނެވެ.
ގަތުލުއާމަށް ހިތްވަރުދިނުން
ޖެރާފީ ވަނީ ފަލަސްތީނު މީހުން ޣައްޒާއިން ނެރެލުމަށް ވަކާލާތުކޮށް، އިންސާނީ އެހީ އެތެރެކުރުމާ ދެކޮޅަށް އާންމުކޮށް ވާހަކަދައްކާފައެވެ. އެހެންކަމުން، އޭނާ ވަނީ ގަތުލުއާމަށް ސީދާ ގޮތެއްގައި އަދި އާންމުކޮށް ހިތްވަރުދީފައި ކަމަށް ފައުންޑޭޝަނުން ތުހުމަތުކުރެއެވެ. "ޣައްޒާގެ އާންމުންނަކީ ހަމާސްގެ ބައެއް. އަހުރެމެން އެ މީހުންނަށް ހަމްދަރްދީ ވެގެން ނުވާނެ،" 2024 ފެބްރުއަރީ 1 ގައި ޖެރާފީ ބުނެފައިވާ ކަމަށް އެޗްއާރުއެފުން ނަކަލުކޮށްފައިވެއެވެ.
އަދި ޣައްޒާގެ އާބާދީ އެއްކޮށް އެތަނުން ބޭރުކޮށްލުމަށް ގޮވާލާ ގޮވާލުންތަކަށް އިޝާރާތްކޮށް، "ގައުމުން ބޭރުކުރުމެއް ނެތި އެއްބަސްވުމެއް އޮވެގެން ނުވާނެ" ކަމަށް 2025 ޖުލައި 9 ގައި ޖެރާފީ ބުނި ކަމަށްވެސް އެޗްއާރުއެފުން ބުންޏެވެ.
އެ ފައުންޑޭޝަނުން ބުނާ ގޮތުގައި މި ވާހަކަތަކަކީ ގަތުލުއާންމާ ދެކޮޅު މުއާހަދާގެ 3 ވަނަ މާއްދާގެ (ސީ) އަދި ރޯމް ސްޓެޗިއުޓްގެ 25 ވަނަ މާއްދާގެ (3)(އީ) ގެ ދަށުން ގަތުލުއާމަށް ސީދާ ގޮތެއްގައި އަދި އާންމުކޮށް ހިތްވަރުދިނުމެވެ.
ހައްޔަރުކުރުމަށް ކުރާ ގޮވާލުން
ޖެރާފީ ހައްޔަރުކޮށް، އޭނާގެ މައްސަލަ ތަހުގީގުކުރުމަށް އެޗްއާރުއެފުން ވަނީ ވިއެޓްނާމްގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. ޖެނީވާ މުއާހަދާއާއި ގަތުލުއާމުގެ މުއާހަދާގައި ބައިވެރިވާ ގައުމެއްގެ ގޮތުން، ބައިނަލްއަގުވާމީ ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުން އެ ގައުމެއްގެ ފަސްގަނޑުގައި ހުރެއްޖެނަމަ، އެ ކުށެއް ކުރި ތަނަކަށް ބެލުމެއް ނެތި، އެ މައްސަލައެއް ތަހުގީގުކޮށް ދައުވާކުރުމުގެ މަސްއޫލިއްޔަތު ވިއެޓްނާމަށް އޮތް ކަމަށް އެ ފައުންޑޭޝަނުން ވަކާލާތުކުރެއެވެ.
އެޗްއާރުއެފްގެ ލިޓިގޭޝަން މުގައްރިރު ނަތާޝާ ބްރެކްވިދާޅުވީ "ފަލަސްތީނު މީހުންގެ ގަތުލުއާމުގައި އަމަލީ ގޮތުން ބައިވެރިވެ، އެކަމަށް އާންމުކޮށް ހިތްވަރުދިނުމަށްފަހު، މަތާން ޖެރާފީ ވިއެޓްނާމްގެ ނާސިގެއެއްގައި ޗުއްޓީ ހޭދަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ." އޭނާ ވަނީ ޖެރާފީ ހައްޔަރުކޮށް، ފުރިހަމަ ތަހުގީގެއް ފަށައިގެން ވިއެޓްނާމުން އޭގެ ބައިނަލްއަގުވާމީ ވާޖިބުތައް އަދާކުރުމަށް އެދިވަޑައިގެންފައެވެ.
ހިންދު ރަޖަބް ފައުންޑޭޝަނަށް ނަން ދީފައިވަނީ 2024 ޖެނުއަރީ 29 ގައި ޣައްޒާ ސިޓީގެ ދެކުނު ހުޅަނގުގައި ހިންދު ޖަރަބް އާއިލާއިން ދަތުރު ކުރި އުޅަނދަށް ޖެނޮސައިޑް ޔަހޫދީ ރެޖީމްގެ ސިފައިން ދިން ހަމަލާއެއްގައި އާއިލާގެ ހަ މީހުންނާއެކު މަރުވި ފަލަސްތީނުގެ ކުޑަކުއްޖެއް ކަމަށްވާ ހިންދު ރަޖަބުގެ ނަމުންނެވެ.
ސިއްހީ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، 2023 އޮކްޓޫބަރު 8 ގައި އިސްރާއީލުން ޣައްޒާގައި އަސްކަރީ ހަރަކާތްތައް ފެށި ފަހުން، ފަލަސްތީނުގެ 73,000 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ. އަދި 174,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.






