ސުވިޑަންގެ ސަރުކާރުގެ ނިންމުންތައް ނިންމާ މަރުހަލާތަކަށް ނުފޫޒު ފޯރުވުމަށާއި، ސްޓޮކްހޯމްގެ އިތުރުން ވިލާތުގެ އިއްތިހާދު އީޔޫ އާއި ނޭޓޯގެ ބައިވެރިންގެ އަބުރު ކަތިލުމަށް ރަޝިޔާއިން ހިންގި ޖާސޫސީ އޮޕަރޭޝަނެއް ސުވިޑަންގެ ސެކިއުރިޓީ ސާވިސްއިން ނާކާމިޔާބުކޮށްފިއެވެ.
ސުވިޑަންގެ ސެކިއުރިޓީ ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަން ރާވައި އިރުޝާދު ދީފައިވަނީ ރަޝިޔާގެ ފޮރިން އިންޓެލިޖެންސް ސާވިސްއިންނެވެ. އަދި މި ކަމުގައި ޑިޕްލޮމެޓިކް އިމްތިޔާޒުގެ ނިވާފަތްގަނޑުގެ ދަށުން މަސައްކަތްކުރާ ތިން މީހަކު ބައިވެރިވިއެވެ.
"ނުފޫޒު ފޯރުވަން ކުރި މަސައްކަތްތަކުގެ މައުލޫމާތު ސެކިއުރިޓީ ސާވިސްއަށް ލިބުމާއެކު، ސުވިޑަންގެ ސެކިއުރިޓީއާ ގުޅުންހުރި މުހިންމު ކަންކަން ހިމާޔަތްކުރުމަށާއި، ކުރިއަށްދިޔަ ނުފޫޒު ފޯރުވުމުގެ މަސައްކަތްތައް ހުއްޓުވުމަށް އަހަރެމެން ފިޔަވަޅު އެޅިން،" ބަޔާނުގައި ވެއެވެ.
އަދި މިއީ ރަޝިޔާގެ އިންޓެލިޖެންސް އޭޖެންސީތަކުން އަދިވެސް އިންސާނީ ވަސީލަތްތަކާއި އެޖެންޓުން މެދުވެރިކޮށް މީހުންނަށް ނުފޫޒު ފޯރުވުމަށް ކުރާ ސަގާފީ ޖާސޫސީ މަސައްކަތްތަކަށް އިސްކަންދޭކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް ބުންޏެވެ.
ސެކިއުރިޓީ ސާވިސްގެ އޮޕަރޭޝަންސްގެ ނައިބު ވެރިޔާ ކްރިސްޓޮފަރ ޑިޑްލިން ވިދާޅުވީ، ސެކިއުރިޓީއަށް ނުރައްކާވާ މިފަދަ ހަރަކާތްތަކާމެދު ސެކިއުރިޓީ ސާވިސްއިން ވަރަށް ބޮޑަށް ސަމާލުވާ ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގެ ތަފްސީލާއި ބައްދަލުވުންތަކުގައި ދެކެވުނު ވާހަކަތައް އެ އިދާރާއިން ފާރަވެރިވެ ބަލަމުންދިޔަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސުވިޑަންގެ ސެކިއުރިޓީ ސާވިސްއިން ފާހަގަކުރި ގޮތުގައި، ބޭރުގެ ބާރުތަކުން، ޚާއްސަކޮށް ރަޝިޔާއިން، އެ ގައުމުގެ ގާބިލުކަންކަން ބޭނުންކޮށްގެން ސަރުކާރުގެ އަމާޒުތައް ހާސިލުކުރުމަށް ދިގު މުއްދަތަކަށް ރޭވުންތައް ރާވައެވެ. ރަޝިޔާގެ އިންޓެލިޖެންސް ހަރަކާތްތައް ހާއްސަކޮށް އަމާޒުކުރަނީ ސުވިޑަންގެ ސިޔާސީ މަގާމުތަކުގެ މައުލޫމާތާއި، ނޭޓޯއާއި އީޔޫގައި ސުވިޑަންއިން ހިންގާ ހަރަކާތްތަކުގެ މައުލޫމާތު ހޯދުމުގެ އިތުރުން، ޔުކްރޭނަށް ދޭ އެހީތަކާއި ސުވިޑަންގެ އަސްކަރީ ގާބިލުކަމާ ގުޅޭ މައުލޫމާތު ހޯދުމަށެވެ.
މީގެ އިތުރުން ސުވިޑަން ނުވަތަ ވިލާތުގެ ނިންމުންތައް ނިންމުމުގެ މަރުހަލާތައް ބަލިކަށިކުރުމަށްޓަކައި، ޚިޔާލުތަފާތުވުން ބޮޑު މައްސަލަތަކަށް ރަޝިޔާގެ ނުފޫޒު ފޯރުވުމުގެ ހަރަކާތްތައް އަމާޒުކުރާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ސުވިޑަންގެ ސެކިއުރިޓީ ސާވިސްއިން ބުނި ގޮތުގައި، ބޭރުގެ އެޖެންޓާއެކު މުއާމަލާތްކޮށްފައިވަނީ ސިއްރު ރޭވުންތަކުގެ ތެރެއިން ދިގު މުއްދަތަކަށެވެ.
ތަރުޖަމާނު އިތުރަށް މައުލޫމާތު ދިން ގޮތުގައި، މި ޖާސޫސީ މަސައްކަތުގައި ބައިވެރިވި ރަޝިޔާ މީހުން މިހާރު ސުވިޑަންގައި ނެތްކަން ކަށަވަރުކޮށް، ސެކިއުރިޓީ ސާވިސްއިން ވަނީ އެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނާކާމިޔާބުކޮށްފައެވެ. ނަމަވެސް އެ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ނުވަތަ އެޅި ފިޔަވަޅުތަކުގެ ތަފްސީލެއް ދިނުމަށް ސަރުކާރު ތަރުޖަމާނު ދެކޮޅު ވަނީ ދެކޮޅު ހައްދަވާފައެވެ.
މި ކަމާ ގުޅޭގޮތުން ސްޓޮކްހޯމްގައި ހުންނަ ރަޝިޔާގެ އެމްބަސީން އަދި ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.






