އެމެރިކާގެ ސޮލީބީ ހަނގުރާމައިން ދުނިޔޭގެ ފަތުރުވެރިކަން ހަލާކުކޮށްލައިފި

މެދުއިރުމަތީގައި އެމެރިކާއިން ހިންގަމުންދާ ސޮލީބީ ހަނގުރާމައިގެ ސަބަބުން ޔޫރަޕްގެ ޤައުމުތަކުގެ ދަތުރުފަތުރުގެ ރޭވުންތަކާއި ޗުއްޓީ ހޭދަކުރުމުގެ އާދަތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. ޚާއްޞަކޮށް އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ސޮލީބީ ސަހުޔޫނީ ހަނގުރާމައާއި، ސަލާމަތީ ގޮތުން އުފެދިފައިވާ ކަންބޮޑުވުންތަކާ ހުރެ ސަރަޙައްދީ ނުތަނަވަސްކަން ބޮޑުވެފައިވާއިރު، ޔޫރަޕްގެ މީހުން ޗުއްޓީއަށް ދިއުމުގައި ގެންގުޅޭ އާދަތައް ގެންދަނީ ބަދަލުކުރަމުންނެވެ.

މިކަމުގެ ސަބަބުން ޔޫރަޕްގެ ދަތުރުފަތުރަށް ކޮށްފައިވާ މައިގަނޑު އަސަރުތަކުގެ ތެރޭގައި ދަތުރުކުރާ މަންޒިލްތައް ބަދަލުކުރުން ހިމެނެއެވެ. އެގޮތުން ދުރު ސަރަޙައްދުތަކަށާއި ނުރައްކާތެރި މަންޒިލްތަކަށް ދަތުރުކުރުމުގެ ބަދަލުގައި، ޔޫރަޕްގެ ގިނަ ފަތުރުވެރިން މިހާރު ޚިޔާރުކުރަނީ އަމިއްލަ ޤައުމުގައި ޗުއްޓީ ހޭދަކުރުން ނުވަތަ ޔޫރަޕްގެ އެތެރޭގައި ރައްކާތެރި ސަރަޙައްދުތަކަށް ދަތުރުކުރުމެވެ. މިއީ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން އަސަރުކޮށްފައިވާ ވައިގެ ސަރަޙައްދުތަކުން އެއްކިބާވުމަށް އަޅާ ފިޔަވަޅެކެވެ.

މީގެ އިތުރުން ވައިގެ ދަތުރުފަތުރަށް ހުރަސްއެޅި، ފްލައިޓްތައް ކެންސަލްވުން ވަނީ އިތުރުވެފެވެ. ވައިގެ ސަރަޙައްދުތަކަށް ގެންނަންޖެހުނު ބަދަލުތަކާއި، ތެލުގެ ދަތިކަމާއި، ސަލާމަތީ އިންޒާރުތަކުގެ ސަބަބުން ގިނަ ފްލައިޓްތަކެއް ވަނީ ފަސްކުރެވިފައި ނުވަތަ ކެންސަލްކުރެވިފައެވެ. މިއާއެކު ފަތުރުވެރިންނަށް ވަނީ އެމީހުންގެ ބުކިންތައް އަލުން މުރާޖަޢާކޮށް ނުވަތަ ކެންސަލްކުރަން މަޖުބޫރުވެފެވެ.

އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ޕްރެޝަރުތަކަށް ބަލާއިރު، ހަނގުރާމައިގެ ސަބަބުން ދުނިޔޭ ގެ ބާޒާރުގައި ތެލާއި ހަކަތައިގެ އަގު އުފުލި، ދަތުރުކުރުމުގެ ޖުމްލަ ޚަރަދު ވަނީ މައްޗަށް ގޮސްފެވެ. މިއީ ހޫނު މޫސުމުގެ ޗުއްޓީތަކަށް މީހުން ބަހައްޓާ ޝައުޤުވެރިކަން ކުޑަކުރުވި ކަމެކެވެ.

މި ހުރިހާ ކަމަކާ ގުޅިގެން ޔޫރަޕްގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި ޓްރެވަލް އެޖެންސީތަކަށް ވަނީ އެމީހުންގެ ޚިދުމަތްތައް ބަދަލުކުރަން މަޖުބޫރުވެފެވެ. ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭއިރު، އެޖެންސީތަކުން މިހާރު ބޮޑަށް ވިސްނަމުންދަނީ ޤައުމީ ފެންވަރުގައި އަދި ފަސޭހައިން ބަދަލުގެނެވޭ ފަދަ ދަތުރުފަތުރުގެ ޕްލޭންތައް ތައްޔާރުކުރުމަށެވެ.

ހިއްސާ ކުރައްވާ!