ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަން (އައި.އެސް.އެސް) ގައި ފެހިކަން ގަދަ ގަސްތައް އިންދައިގެން ދިރާސާކުރަން ފަށާފައިވާކަމަށް ނާސާއިން ހާމަކޮށްފިއެވެ.
ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަނުގެ މިޝަން 75 ގެ ކޮމާންޑަރަކަށް ހުންނެވި ނާސާގެ އެސްޓްރޮނޯޓް ޖެސިކާ މެޔަރ ވަނީ އެ ކަމާ ގުޅޭ ފޮޓޯތަކެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ޙިއްޞާކުރައްވާފައެވެ.
އެ ގަސްތައް ޖައްވީ ސްޓޭޝަނަށް ގެންގޮސްފައިވަނީ ރަޝިޔާއިންނެވެ. އަދި ސްޓޭޝަނުގައި މަސައްކަތްކުރާ ފަރާތްތަކުން އެމީހުންގެ ހުސްވަގުތުތަކުގައި މި ގަސްތަކަށް ފެންދީ ބަލަހައްޓަމުންދާ ކަމަށް މެޔަރ ވިދާޅުވިއެވެ.
މި ދިރާސާގެ މައިގަނޑު މަޤްޞަދަކީ ޖައްވީ ސްޓޭޝަންގެ ކެބިން މާހައުލުގައި، އާދައިގެ ތަބީޢީ މާހައުލާ ޚިލާފަށް ގަސްތައް ހެދެމުންދަނީ ކޮންކޮން ގޮތަކަށްކަން ދެނެގަތުމެވެ. މީގެއިތުރުން ޖައްވުގައި ބަހައްޓާ އޮށްތައް އާލާވުމުގެ ޤާބިލުކަމަށް އަންނަ ބަދަލުތައް ދެނެގަތުމަކީވެސް މި ދިރާސާގެ މަގްސަދެކެވެ. ޖެސިކާ މެޔަރ އިތުރަށް ވިދާޅުވީ، ޖައްވީ ސްޓޭޝަން ފަދަ ތަނެއްގައި މިފަދަ ގަސްތައް ހުރުމަކީ ނަފްސާނީގޮތުން ލިބޭ ބޮޑު ހިތްހަމަޖެހުމެއް އިހުސާސް ކުރެވޭ ކަމެކެވެ.






