ޗައިނާއާ ދެކޮޅަށް ޓައިވާނުން ޑްރޯން ފޯސްއެއް ތައްޔާރު ކުރަނީ

ޗައިނާއިން ޒަމާނީ ވައިގެ ދިފާއީ ނިޒާމުތައް ބޭނުންކޮށްގެން ހަމަލާތަކާ ކުރިމަތިލުމުގެ ތަމްރީނުތައް ވަރުގަދަކުރަމުންދާއިރު، ޗައިނާގެ ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން ޓައިވާނުން ވަނީ ޕައިލެޓުން ނެތި އުދުހޭ ބޯޓުތަކާއި ކަނޑު އުޅަނދުތައް. ބޭނުންކޮށްގެން ބޮޑު ފުޅަނދެއް ބަންނަން ފަށާފައެވެ.

މި ދެ ގައުމުގައި މި އެއްވަގުތެއްގައި ހިނގަމުންދާ ކަންކަމުން ހާމަވަނީ އިރުމަތީ އޭޝިއާގެ އަސްކަރީ ތައްޔާރީތަކަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމެވެ. ޗައިނާއިން ޓައިވާން ހިފަން ކޮށްފާނެ ހަނގުރާމައެއްގައި ދެން ބަރޯސާވާނީ ހަމައެކަނި ހަނގުރާމަވެރި ބޯޓުތަކާއި، މިސައިލް އަދި ހަނގުރާމަވެރި އާލާތްތަކަށް އެކަނި ނޫން ކަމަށާއި، އަމިއްލައަށް އަމާޒަށް ވާސިލުވެ ގޮއްވާލާ ޑްރޯންތަކަކީ ދެ ފަރާތުގެ ދިފާއީ އަދި ހަމަލާދިނުމުގެ ވިސްނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗަކަށް ވަނީ ވެފައެވެ.

ޗައިނާގެ ސިފައިން އެންމެ ފަހުން ބޭއްވި ތަމްރީނުތަކުގައި، ވައިގެ ޒަރީއާއިން އަންނަ އަމާޒުތަކަށް ހަމަލާދިނުމަށް ކޮނޑަށްލައިގެން އުފުލާ މިސައިލާއި އަދި ބޮޑެތި މިސައިލް ނިޒާމުތައް ވަނީ ދައްކާލާފައެވެ. ޚާއްޞަކޮށް ރާޑަރަށް ނުފެންނަ ބޯޓުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް މި ތަމްރީނުތަކުގައި ވަނީ ޚާއްޞަ ސަމާލުކަމެއް ދީފައެވެ.

"ގްލޯބަލް ޓައިމްސް" ނޫހުގައިވާ ގޮތުން، ޗައިނާގެ އެޗް.ކިއު-16 ނިޒާމުން ގިނަ އަމާޒުތަކަށް ހަމަލާދީފައިވާއިރު، އެހެނިހެން އަމާޒުތަކަށް ހަމަލަ ދިނުމަށް ވަނީ ކޮނޑަށްލައިގެން އުފުލާ މިސައިލްތައް ބޭނުންކޮށްފައެވެ. އަސްކަރީ މާހިރުން ވިދާޅުވާގޮތުގައި މިއީ ޚަރަދު ކުޑަ ވަސީލަތްތައް ބޭނުންކޮށްގެން އަގުބޮޑު އަމާޒުތަކާ ދެކޮޅަށް މަސައްކަތްކުރެވޭނެ ގޮތްތައް ހޯދުމަށް ކުރަމުންދާ މަސައްކަތެކެވެ.

މީގެއިތުރުން، ޓައިވާނުގެ ފަރާތުން ޗައިނާގެ ފައުޖުތަކަށް ފާރަލުމަށާއި، އެ ޖަޒީރާއަށް އަރައިގަތުމަށް މަސައްކަތްކޮށްފާނެ ފައުޖުތަކަށް ހުރަސްއެޅުމަށް ގިނަ އަދަދެއްގެ ޑްރޯންތަކާއި ޕައިލެޓެއް ނެތް ކަނޑު އުޅަނދުތައް ބޭނުންކުރުމަށް ތައްޔާރު ކޮށްފައިވާ ކަމށްވެސް ނިއުޔޯކް ޓައިމްސް ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

ޔުކްރޭން ހަނގުރާމައިން ލިބުނު ފިލާވަޅުތަކުގެ މައްޗަށް ބިނާކޮށް، ޓައިވާނުން ދަނީ ޑްރޯންގެ ބާރުތައް ވަރުގަދަކުރަމުންނެވެ. އެގޮތުން 2030 ވަނަ އަހަރު އަންނަންވާއިރަށް މަހަކު ގާތގަނޑަކަށް 100،000 ޑްރޯން އުފެއްދުމުގެ އަމާޒެއް ކަނޑައަޅާފައި ވެއެވެ. އަދި ޖުމުލަ 210،000 އަށްވުރެ ގިނަ ޕައިލެޓް ނެތް އުޅަނދު ހޯދުމަށް ސިފައިން ރާވާފައިވެއެވެ. މިއީ ޓައިވާނުން އަމިއްލަ ދިފާއުގައި ޑްރޯން ހަނގުރާމައަށް ކުރާ ބޮޑު އިތުބާރެއްކަން ފާހަގަކުރެވެއެވެ.

ހިއްސާ ކުރައްވާ!