ޕޮލެންޑާއި ޓައިވާނާދެމެދު އޮތް ގުޅުން ބަދަހިވަމުން ދިޔުމާއި، ޔުކްރެއިނަށް ޕޮލެންޑުން ދެމުންދާ އެއްބާރުލުމަކީ ޗައިނާގެ ބޮޑު ސަމާލުކަމަކާއި ނުރުހުމެއް ލިބެމުންދާ ކަމެކެވެ. ޖުލައި 21 ވަނަ ދުވަހު ޓައިޕޭގައި ބޭއްވި ބައްދަލުވުމެއްގައި، ޔޫރަޕިއަން ޕާލަމެންޓުގެ ޕޮލެންޑުގެ މެންބަރުންގެ ވަފުދެއް ވަނީ ޓައިވާނުގެ ރައީސް ލައި ޗިންގ-ޓޭއާ ބައްދަލުކުރައްވާފައިވެއެވެ. މި ވަފްދުގައި އިސްކޮށް ހުރީ ކުރީގެ ބޮޑުވަޒީރު ބިއޭޓާ ޝީޑްލޯއެވެ. މި ބައްދަލުވުމުގައި ޓައިވާނާއި ޕޮލެންޑާދެމެދު ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިތުރަށް ގުޅުން ބަދަހިކުރުމަށާއި، ސައިންސާއި ދިރާސާކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ވަނީ މަޝްވަރާކޮށްފައެވެ.
ކުރީގެ ބޮޑުވަޒީރު ބިއޭޓާ ޝީޑްލޯ ވިދާޅުވީ ޓައިވާން ކަނޑުއޮޅީގެ ސުލްހައާއި ހަމަޖެހުމަކީ މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢަށާއި، ޚާއްޞަކޮށް ޔޫރަޕުގެ ސަލާމަތާއި އިޤްތިޞާދީ ނިޒާމަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. މީގެ އިތުރުން، މިދިޔަ ޖޫން މަހު ވާސޯގައި "ޓައިވާން އެކްސްޕޯ ޔޫރަޕް" ބާއްވާފައިވާއިރު، ޓައިވާނުގެ ޑްރޯން އެންމެ ގިނައިން އެތެރެކުރާ ޤައުމަކީ ޕޮލެންޑެވެ. އަދި ފޮކްސްކޮން ކުންފުނިން ޕޮލެންޑުގައި އޮޓޯމޯޓިވް ފެކްޓްރީއެއް އެޅުމަށް ރާވާފައިވާކަން ވެސް ވަނީ ހާމަކޮށްފެވެ.
ނަމަވެސް، ޗައިނާއިން މިފަދަ ގުޅުންތަކާ ދެކޮޅަށް ސިޔާސީ އަދި އިޤްތިޞާދީ ނުފޫޒު ފޯރުވަމުންދާކަން ފާހަގަކުރެވެއެވެ. މީގެ ކުރިން ލިތުއޭނިއާއިން ޓައިވާނުގެ އޮފީހެއް ހުޅުވުމާ ގުޅިގެން ޗައިނާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ނާކާމިޔާބުވެފައިވާކަން ވަނީ ހާމަވެފައެވެ.
ޗެކް ރިޕަބްލިކާއި ސްލޮވޭކިއާގެ މިސާލުންވެސް ފެނިގެންދިޔައީ ޗައިނާގެ އިންޒާރުތަކަށް ބޯނުލަނބައި ޓައިވާނާއެކު ގުޅުންތައް ބަދހިކުރަމުންދާ ކަމެވެ.
ޗައިނާއަކީ ރަޝިޔާގެ އެންމެ ގާތް އަސްކަރީ އަދި ސިޔާސީ ބައިވެރިޔާކަމުގައި ވާއިރު، ރަޝިޔާއާއި ޗައިނާ ގުޅިގެން ނެރެފައިވާ ބަޔާންތަކުގައި ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ތާޢީދުކޮށް، ޓައިވާނުގެ މިނިވަންކަމާ ދެކޮޅަށް ވަނީ އަޑުއުފުލާފައެވެ.




