ލަންޑަން މެޓްރޯގައި މުސްލިމުން ނަމާދުކުރާ ކަމަށް ބުނެ އާންމުކުރި ވީޑިއޯއަކީ އޭއައި އިން އުފައްދާފައިވާ ފޭކް ވީޑިއޯއެއް ކަން ސާބިތު ވެއްޖެއެވެ.
ލަންޑަންގެ މެޓްރޯ ރޭލެއްގެ ތެރޭގައި މުސްލިމުންތަކެއް ނަމާދުކޮށް، ދަތުރުވެރިންނަށް ދަތިކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ފޭކް ވީޑިއޯއެއްކަން އަލްޖަޒީރާގެ އޯޕަން ސޯސް ޔުނިޓުން ހާމަކޮށްފިއެވެ.
މި ވީޑިއޯގައި ފެންނަނީ މެޓްރޯ ރޭލުގެ ތެރޭގައި މުސްލިމުންތަކެއް މުސައްލަ އަޅައިގެން ނަމާދުކުރަން ތިއްބާއެވެ. އަދި އެހެން ދަތުރުވެރިން ރޭލު ތެރޭގައި ތާށިވެފައި ތިބޭ މަންޒަރު ދައްކުވައިދީފައިވެއެވެ.
ނަފުރަތު އުފެއްދުމަށް ބޭނުންކުރުން
އެކްސް (ކުރީގެ ޓްވިޓާ) ފަދަ މަންސަތަކުގައި މި ވީޑިއޯ ހިއްސާކޮށް، ކުރު މުއްދަތެއްގެ ތެރޭގައި އެތައް މިލިއަން ބަޔަކު ވަނީ އެ ވީޑިއޯ ބަލާފައެވެ. ޚާއްޞަކޮށް ޔޫކޭގެ ކަނާތުފިޔައިގެ އަދި މުހާޖިރުންނާ ދެކޮޅު އެކައުންޓްތަކުން ވަނީ މުސްލިމުންނާއި އިމިގްރޭޝަން ސިޔާސަތުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް މި މަންޒަރު ބޭނުންކޮށްފައެވެ. އަދި "ގައުމު އަނބުރާ ހޯދަންޖެހޭ" ކަމަށް ބުނެ ލަންޑަންގެ މޭޔަރު ސާދިގު ޚާންގެ ސިޔާސަތުތަކަށްވެސް ފާޑުކިޔާފައިވެއެވެ.
ޙަޤީޤަތް ހާމަވުން
އަލްޖަޒީރާގެ އޯޕަން ސޯސް ފެކްޓް-ޗެކް ޓީމުން މި ވީޑިއޯ ތަހުގީގުކުރުމަށްފަހު ހާމަކުރި ގޮތުގައި، މިއީ ހަގީގީ ހާދިސާއެއް ނޫނެވެ.
މިވީޑިއޯ ފެށީ މިމީހާއެވެ.

އޭއައި ޑިޓެކްޝަން: އޭއައި ދެނެގަންނަ ޓެކްނިކަލް އާލާތްތަކުން ވީޑިއޯ ތަހުލީލުކުރުމުން، މިއީ 97 އިންސައްތަ އޭއައި އިން އުފައްދާފައިވާ މަންޒަރުތަކެއްކަން ވަނީ ކަށަވަރުވެފައެވެ.
ސޫރައާއި ސިފަތައް އެއްގޮތްވުން: ވީޑިއޯއިން ފެންނަ މީހުންގެ މޫނުމަތީގެ ސިފަތަކާއި، ތުނބުޅިއާއި، އިށީނދެ ތިބި ގޮތްތައް އާދަޔާ ޚިލާފަށް އެއްގޮތެވެ. މިއީ އޭއައި އިން މޫނުތައް އުފައްދާއިރު އާންމުކޮށް ދިމާވާ "ކްލޯނިންގ" މައްސަލައެކެވެ.
އަތާއި އިނގިލިތަކުގެ ނުބައިކަން: މީހުންގެ އަތާއި އިނގިލިތަކުގެ ހަރަކާތްތަކުގައި އައިބުތަކާއި، ގުދުރަތީ ނޫން ގޮތްތަކެއް ހުރިކަން ފާހަގަކުރެވުނެވެ.
ތަރުތީބު އަދި މަންޒަރުގެ ބައްޓަން: ރޭލު ތެރޭގައި މީހުން ތިބި ގޮތާއި މުސައްލަތައް އަތުރާފައިވާ ގޮތް އާދަޔާޚިލާފަށް އެއްވަރަކަށް ހުރުމުގެ އިތުރުން، ޖަމާއަތުގައި ނަމާދުކުރާ އާންމު ހަމަތަކާވެސް އެ މަންޒަރުތައް ޚިލާފެވެ.
މިއީ މީގެ ކުރިން މޭ މަހުވެސް ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއެއް ކަމަށާއި، އޮގަސްޓް މަހު އަލުން މި ވީޑިއޯ ދައުރުކުރަން ފެށީ މުސްލިމުންނާ ދެކޮޅަށް ނަފުރަތާއި ބިރުވެރިކަން އުފެއްދުމުގެ މަގުސަދުގައި ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވެއެވެ.






